"ބަވަތި"ގެ އާ ޓްރެއިލާ އެއް އޮލިމްޕަހުން

"ބަވަތި"ގެ ޕޯސްޓަރެއް---

ދިވެހި ފިލްމު އިންޑަސްޓްރީއަށް މުޅިން އާ ފިލްމު ކުންފުންޏެއް ކަމަށްވާ 'އައި ފިލްމްސް'ގެ ފުރަތަމަ ފިލްމު "ބަވަތި"ގެ މުޅިން އާ ޓްރެއިލާއެއް އޮލިމްޕަސް ބޮޑު ސްކްރީނުގައި ދައްކާލައިފިއެވެ.

އެ ޓްރެއިލާ ދައްކާލީ ފިލްމު "މާމުއި" ރިލީޒްކުރި ރެއެވެ. އަދި ކޮންމެ ރެއަކުވެސް ފިލްމު ދައްކަން ފެށުމުގެ ކުރިން އޮލިމްޕަހުގައި "ބަވަތި"ގެ ބޮޑު ޓްރެއިލާ ދައްކާލާނެއެވެ.

ޓްރެއިލާ ދައްކާލާ ނިމުނު އިރު މުޅި އޮލިމްޕަސް ތަރުހީބުން ގުގުމާލިއެވެ. ޓްރެއިލާ ވަރަށް ފުރިހަމަ ކަމަށް ގިނަ ބަޔަކު ބުންޏެވެ.

ޓްރެއިލާގައި ވެސް ޝައުގުވެރި ގިނަ މަންޒަރުތަކެއް ފެނިގެންދިޔައިރު ފިލްމަށް ކުރެވޭ އުންމީދު ބޮޑުވިއެވެ. ފިލްމުގެ ސަސްޕެންސް އިތުރުވެގެން ދިޔައީ ޓްރެއިލާއިން ފެނިގެން ދިޔަ ކަންތައްތަކުންނެވެ.

ޓްރެއިލާ ފެށިގެން ދިޔައީ ލީޑު ތަރި ނުޒުހަތު ޝުއައިބު އާއި އިފްނާޒް އަލީގެ ވާހަކަތަކުންނެވެ. އެދެމީހުންގެ ދެމެދުގައި ދެކެވޭ ވާހަކަތަކުން ހާމަވީ ރަށުގެ މާހައުލުގައި ނުޒޫ އަށް ބޮޑު ކަންތައްގަނޑެއް ދިމާވެގެން އުޅޭ ކަމެވެ. ނަމަވެސް ރަށުގެ މީހުންގެ ވާހަކަތަކަށް ބީރު ކަންފަތެއްދީ އިފްނާޒް ނުޒޫ އާއި ކައިވެނިކޮށް މާލެ ބަދަލުވަނީ ވަރަށް ލޯބިންނެވެ. ނަމަވެސް ދެން ފެނުނު ކަންތައްތަކުން ގިނަ މީހުންގެ ހިތުގައި ސުވާލުމާކު ޖެހިގެން ދިޔައެވެ. ޓްރެއިލާ ނިމުނުއިރު ގިނަ ބަޔަކު ތިބީ ގޮނޑީގައި ވަރަށް ބާރަށް ހިފަހައްޓާލައިގެންނެވެ.

ފިލްމުގެ ޓްރެއިލާ އޮލިމްޕަހުގައި ދައްކާލި ނަމަވެސް އެ ޓްރެއިލާ އަދި ސޯޝަލް މީޑިއާ އާ ހިއްސާކޮށްފައެއް ނުވެއެވެ. ޑައިރެކްޓަރު އިލްޔާސް "ސަން" އަށް ބުނީ ޓްރެއިލާ މި މަސް ތެރޭ ސޯޝަލް މީޑިއާ އާ ހިއްސާކުރާނެ ކަމަށާއި ބެލުންތެރިން ކުޑަ އިންތިޒާރެއް ކޮށްލަންޖެހޭނެ ކަމަށެވެ.

ފިލްމުގައި ނުޒުހަތު އަށް ވަނީ ކިހިނެއް ހެއްޔެވެ؟ އޭނާ އާ ކުރިމަތިވެގެން އުޅޭ ބޮޑު ކަމަކީ ކޮންކަމެއްހެއްޔެވެ؟

މާލެ އަދި ކާށިދޫގެ ހިތްގައިމު މާހައުލުގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ އިރު އެ ފިލްމަކީ ޒުވާން ދެމަފިރިއަކަށް ދިމާވާ ކަންތައްތަކެއް ފެނިގެންދާ ތްރިލާ ފިލްމެކެވެ.

"ބަވަތި" އެ ނަން ފިލްމަށް ދެވުނީ ފިލްމުގެ ސްޓޯރީ ލައިން އާ ގުޅޭތީ ކަމަށް ޑައިރެކްޓަރު އިލްޔާސް ބުންޏެވެ. މާނައަކީ ދެރަ ކަމެއް ވުމަށް ފަހު ދެންވާ ކަންތައްތަކެވެ.

ފިލްމު އަޅުވާނީ އަންނަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ.

comment ކޮމެންޓް