ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު މެޗުގައި ޓީސީގެ އިސްމާއިލް އީސާ (މެސީ) ޖެހި ދެ ގޯލާ އެކު ޔުނައިޓެޑު ވިކްޓަރީ ބަލިކޮށް ތާވަލުގެ ދެވަނައަށް އެ ޓީމުން ޖެހިލި އިރު، ނިލަންދޫ ކޮޅަށް މާޒިޔާއިން ގޯލު ފުންޏެއް ޖަހައިފި އެވެ.
ވޭތުވެ ދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން ޓީސީއިން އިއްޔެ ހަވީރު ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު އެ ޓީމުން ވަނީ ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފަ އެވެ. ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ މިއަހަރުގެ ސީޒަނުގައި ފުރަތަމަ ޑިވިޝަނަށް މުޅިން އަލަށް ކޮލިފައިވި ދަ ގްރާންޑޭ އެވެ. އެ ޓީމުން ވަނީ މިހާތަނަށް ކުޅުމު ތިން މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.
ކައިރި ކައިރީގައި މެޗުތައް ކުޅެން ޖެހުމުގެ ސަބަބުން ކުޅުންތެރިންގެ ފިޓްނަސް އާއި ރިކަވަރީގެ މައްސަލަ ޖެހިފައިވާ ކަމަށް ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފައިވާ އިރު ރޭގެ މެޗުން ވެސް ޓީސީގެ ފަރާތުން ވަނީ ވަރުބަލި ކަން ފާހަގަ ކުރެވޭ ވަރަކަށް ފެނިފަ އެވެ. ނަމަވެސް ޓީސީގެ ޑިފެންސުން ރޭގެ މެޗުގައި ވަނީ ވަރުގަދަ ކުޅުމެއް ކުޅެ ޔުނައިޓެޑް ވިކްޓަރީގެ ފޯވާޑުން ވަރަށް ރަނގަޅަށް ހިފަހައްޓައިފަ އެވެ.
ޓީސީއިން އިއްޔެގެ މެޗުގައި ޖެހި ދެ ގޯލު ވެސް ޖެހީ މެޗުގެ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނުނު އިރު ޓީސީއަށް ލީޑު ނަގައިދިން އިސްމާއިލް އީސާ އޭނަގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ 70 ވަނަ މިނަޓުގަ އެވެ. އޭނަގެ ދެވަނަ ގޯލު ޖަހައިފައި ވަނީ މެޗު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށެވެ.
މީގެ އިތުރުން ދެ ކުޅުންތެރިއެއްގެ ހެޓްރިކާ އެކު މާޒިޔާއިން ވަނީ ރޭ ކުޅުނު މެޗުގައި ނިލަންދޫ ކޮޅަށް 13 ގޯލު ޖަހައިފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓުބޯޅަ މެޗެެއްގައި ފެނިގެން ދިޔަ އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.
ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި މާޒިޔާއާ ދެކޮޅަށް ނިލަންދޫއިން ނުކުތީ މާ ބޮޑު ތައްޔާރީތަކަކާއި ނުލަ އެވެ. ޓީމަށް ބޭނުންވާ ބިދޭސީ ކުޅުންތެރިން އަދި ވެސް ޓީމަށް ނުލިބޭ އިރު ތިބި ކުޅުންތެރިން ވެސް ފަރިތަކުރުންތަކަށް ފަރުވާކުޑަކުރާކަން ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ވަނީ ފާހަގަ ކޮށްފަ އެވެ.
ރޭގެ މެޗު ފެށިގެން ވެސް މާޒިޔާއިން ދިޔައީ އެ މީހުންގެ ފުލް އެޓޭކް ފޯހާއި އެކު ނިލަންދޫގެ ޑިފެންސް ލައިން ބައިބައި ކުރަމުންނެވެ. އެގޮތުން މާޒިޔާއިން ވަނީ މެޗުގެ ތިން ވަނަ މިނަޓުގައި ނިލަންދޫގެ ގޯލު ފޫ އަޅުވާލައިފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ނާއިޒް ހަސަން (ދާދު) އެވެ.
ދާދުގެ ގޯލާ އެކު ނިލަންދޫ ޓީމަށް ހަމަޖެހި ނުލެވި އުޅެނިކޮށް މާޒިޔާއަށް ލީޑު ފުޅާ ކޮށްދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިބްރާހިމް ވަހީދު (އިއްބެ) އެވެ. އޭނާ ވަނީ ރޭގެ މެޗުގައި ނިލަންދޫ ކޮޅަށް ފަސް ގޯލު ޖަހައިފަ އެވެ.
މާޒިޔާގެ ތިން ވަނަ ގޯލު އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ޖެހި އިރު ހަތަރު ވަނަ ގޯލު ޖެހީ މޫސާ ޔާމީން (ޔާންބެ) އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާއިން ވަނީ އިތުރު ހަތަރު ގޯލު ޖަހައިފަ އެވެ. އޭގެ ތެރެއިން ދެ ގޯލު އަސަދުﷲ ޖެހި އިރު އަނެެއް ދެ ގޯލު ޖެހީ އިއްބެ އެވެ.
ދެވަނަ ހާފުގައި ކުޅެން ނުކުމެ މާޒިޔާއިން ވަނީ ފަސް ގޯލެއް ނިލަންދޫ ކޮޅަށް ޖަހައިފަ އެވެ. އެ ގޯލުތައް އެ ޓީމަށް ޖަހައިދިނީ ދާދުއާއި ޓީމުގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އަދި ހަސަން ޝިފާޒް (ޑުންގާ) ގެ އިތުރުން އިއްބެ އެވެ. އިއްބެ ވަނީ އެ ހާފުގައި ވެސް ދެ ގޯލެއް ނިލަންދޫ ކޮޅަށް ޖަހައިފަ އެވެ.
މި މޮޅާ އެކު ކުޅުނު ދެ މެޗުން ވެސް މޮޅުވެ މާޒިޔާއިން ތާވަލުގެ ތިންވަނައަށް ޖެހިލި އިރު އެ ޓީމަށް އިތުރު ބިދޭސީ ފޯވާޑެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓީމުގެ ކޯޗު މަރްޔާން ސެކުލޮސްކީ ވަނީ ބުނެފަ އެވެ.