މި އަހަރުގެ މިހާތަނަށް ސަރުކާރުން ކުރި ބައިނަލްއަގުވާމީ ދަތުރުތަކަށް 29 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކުވެސް ހާމަކުރާ ސަރުކާރުގެ އާމްދަނީއާއި ހަރަދުތަކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މި އަހަރަށް ދަތުރުފަތުރުގެ ބޭނުންތަކަށް 141.9 މިލިއަން ރުފިޔާ ވަނީ ހަމަޖައްސާފައެވެ.
އޭގެ ތެރެއިން މި އަހަރުގެ މާޗު 20 ވަނަ ދުވަހުގެ ނިޔަލަށް 29.3 މިލިޔަން ރުފިޔާ ވަނީ އެކަމަށް ހަރަދުވެފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނު ވަނީ ރާއްޖެއިން ބޭރަށް ތިން ރަސްމީ ދަތުރުފުޅު ކުރައްވާފައެވެ. އެއީ މިދިޔަ ޑިސެމްބަރު މަހު އިންޑިއާއަށް، ޖެނުއަރީ މަހު ޔޫއޭއީއަށް އަދި ފެބްރުއަރީ މަހު ސްރީލަންކާއަށެވެ. އެ ދަތުރުފުޅުތަކުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި އެހެނިހެން އޮފިޝަލުން ހިމެނޭ ވަފުދެއް ބައިވެރިވިއެވެ.
މިހާތަނަށް ސަރުކާރުގެ ފަރާތުން އެންމެ ގިނަ ދަތުރުތައް ރާއްޖެއިން ބޭރަށް ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ފޮރިން މިނިސްޓަރު ވަނީ އިންޑިއާގެ އިތުރުން ޖަޕާން، އެމެރިކާ، ޔޫކޭ، ސައުދީ އަރަބިއްޔާ، ޔޫއޭއީ، ސްވިޓްޒަލެންޑް ފަދަ ގައުމުތަކަށް ރަސްމީ ދަތުރުތައް ކުރައްވާފައެވެ. އަދި މިވަގުތު ޝާހިދު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި އާޖެންޓީނާގައެވެ.
އެހެން ނަމަވެސް ފޮރިން މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވި ގޮތުގައި މިނިސްޓަރު ޝާހިދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކަކީ ރާއްޖޭެއަށް އެކި ގޮތްގޮތުން ފައިދާތައް ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅުތަކެކެވެ.
"މިހާތަނަށް 50 އަށް ވުރެ ގިނަ ގައުމުގެ ވެރިން ނުވަތަ ޚާރިޖީ ވަޒީރުން ނުވަތަ މަންދޫބުންނާ ބައްދަލުކުރައްވައިފި. އދ، ކޮމަންވެލްތު އަދި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލުންނާ ބައްދަލުކުރައްވައިފި. މި ހުރިހާ ބައްދަލުވުންތަކުގައިވެސް ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ހޯދުމާއި ދިވެހީންނަށް އެ ގައުމުތަކުން ވިސާ ހޯދުމުގައި ލުއި ގޮތްތައް ހޯދައިދިނުމާއި އެ ނޫންވެސް ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާ،" ޝާހިދުގެ ދަތުރުފުޅުތަކާ ގުޅޭގޮތުން ސުވާލުކުރުމުން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.
މިދިޔަ ތިން މަސް ދުވަސް ތެރޭގައި ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ރާއްޖެއަށް ގިނަ ގޮތްތަކަކުން އެހީ ފޯރުކޮށްދިނުވުމަށް އެއްބަސްވެފައެވެ. އެގޮތުން އިންޑިއާއިން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ ބޮޑު މާލީ އެހީތެރިކަން ދިނުމަށް އެއްބަސްވެފައިވާ އިރު، އިޖްތިމާއީ ތަރައްގީއަށް 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައިވެއެވެ.
އިންޑިއާއާއި ޔޫއޭއީއިން ރާއްޖެއަށް ވިސާގެ ލުއިތައް ފަހިވެފައިވާ އިރު، ދިވެހީންނަށް ފަސޭހައިން ޝެންގެން ވިސާ ލިބޭނެ ގޮތް ހެދުމުގެ މަޝްވަރާ ކުރެވެމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓަރު ޝާހިދު އެމެރިކާއާއި ސްވިޓްޒަލެންޑަށް ކުރެއްވި ދަތުރުފުޅުތަކުގައި އެތަންތަނުގައި އދގެ އިންސާނީ ހައްގުތަކާ ބެހޭ ބައްދަލުވުންތަކުގައި ތަގުރީރުކުރެއްވިއެވެ.
މިނިސްޓްރީގެ އޮފިޝަލު ވިދާޅުވީ މިދިޔަ ދެ މަސް ތެރޭގައި ރާއްޖެއަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ރުހުން ލިބި، ގައުމުތަކާ ވަރަށް ބޮޑަށް ގުޅުންވެސް ބަދަހިވެފައިވާ ކަމަށެވެ. އަދި ބޭރުގެ ބައެއް ފަންޑުތަކުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދަން ފަށައި، ހުއްޓިފައިވާ މަޝްރޫއުތައް އަލުން ފެށުމަށް މަޝްވަރާކޮށް، އެކަންކަންވެސް އަލުން ފަށައިގެން ކުރިއަށްދާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓަރުގެ އިތުރުން އެހެން ބައެއް ވަޒީރުންވެސް ވަނީ ދަތުރުތައް ރާއްޖެއިން ބޭރަށް ކުރައްވާފައެވެ. އެގޮތުން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވަނީ އެމެރިކާއަށް ދާދި ފަހުން ވަޑައިގެން، އަންހެނުންގެ ހައްގުތަކާ ބެހޭ ބައްދަލުވުމެއްގައި ތަގުރީރުކުރައްވާފައެވެ. ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ އިންޑިއާއަށާއި ތައިލެންޑަށް ރަސްމީ ދަތުރުފުޅުތަކެއް ކުރެއްވި އިރު، ހެލްތު މިނިސްޓަރު އަބްދުﷲ އަމީންވެސް ވަނީ އިންޑިއާއަށާއި ސައުދީ އަރަބިއްޔާއަށް ރަސްމީ ދަތުރުފުޅުތަކެއްގައި ވަޑައިގެންފައެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޔޫއޭއީއަށް ދެ ފަހަރެއްގެ މަތިން ވަޑައިގެންނެވި އިރު، އޭނާއާއި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ޖަރުމަނުގައި ބޭއްވި އައިޓީބީ ބާލިން ފެއާއަށް ރާއްޖޭގެ ފަރާތުން ވަޑައިގެންފައެވެ.