53 މުވައްޒަފަކު ވަޒީފާ އިން ވަކި ކުރި ކަމަށް ފެނަކައިން ބުނެފި

ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ފެނަކައިގެ އިސްވެރިން ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފާޔާޒު މޫސާ

މި ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން ފެނަކަ ކޯޕަރޭޝަނުގައި ވަޒީފާ އަދާކުރަމުން ދިޔަ 53 މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން އައި ފަހުން ފެނަކަ ކޯޕަރޭޝަންގައި ވަޒީފާ އަދާކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބުނެ މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ފެނަކައިގެ އިސްވެރިން ވަނީ މިއަދު ހަޒިރު ކޮށްފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފެނަކައިގެ އެމްޑީ އަހުމަދު ސައީދު ވިދާޅުވީ އެއްވެސް މުވައްޒަފަކު ގާނޫނާ ހިލާފަށް ވަކިކޮށްފައިނުވާނެ ކަމަށާއި ގާނޫނާ ހިލާފަށް ވަކި ކުރި މުވައްޒަފެއް ހުރި ނަމަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިގެން އެޕީލް ކުރަން އެދޭ ކަމަށެވެ.

"އަޅުގަނޑުމެން ހަވާލުވި ފަހުން 53 މުވައްޒަފަކު ވަކިކުރެވިފަވޭ،" އަހުމަދު ސައީދު ވިދާޅުވި އެވެ.

ވަކި ކުރި 53 މުވައްޒަފުންގެ ތެރެއިން 11 މުވައްޒަފުންނަކީ ކުންފުނީގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވެފައިވާ މުވައްޒަފުން ކަން އެމްޑީ ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ އެ މައްސަލަތައް ތަހްގީގްކޮށް ރެކޯޑް ކެރެވިފައިވާނެ ކަމަށެވެ. އަނެއް 39 މުވައްޒަފުންނަކީ ވެސް ކުންފުނިން ރައްޔިތުންނަށް ދޭ ހިދުމަތްތައް ދިނުމުގައި ތަފާތުކުރުންތައް ގެންގުޅެ އެކަންތައްތައް ތަހްގީގްކޮށް ގަވާއިދާ އެއްގޮތަށް ވަކިކޮށްފައިވާ ބައެއް ކަމަށް އަހުމަދު ސައީދު ވިދާޅުވި އެވެ.

ފެނަކައިގެ ރީޖަނަލް އޮފީސްތައް އުވާލުމަށް ނިންމާފައިވާ އިރު އެތަންތަނުގައި މަސައްކަތްކުރި 84 މުވައްޒަފުންގެ ތެރެއިން 14 މުވައްޒަފެއް ފިޔަވައި ބާކީ ތިބި މުވައްޒަފުން ކުންފުނީގައި ބައިތިއްބެވުމަށް ނިންމާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

"އެ 14 މުވައްޒަފުން ވަކިކޮށްފައި ވާނީ އެ ބޭފުޅުންނަށް ދޭން ޖެހޭ އިނާޔާތްތަކާއި ލިބެންޖެހޭ ހުރިހާ ހައްގެއް ދީފައި،" ސައީދު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް ފެނަކައިން 170 މީހަކަށް ވަޒީފާ ދީފައިވާ ކަން އަހުމަދު ސައީދު ފާހަގަކުރެއްވި އެވެ.

"ރިޔާސީ އިންތިހާބާ ދިމާކޮށް ތިން މަސް ދުވަސް ތެރޭގައި 170 މީހަކަށް ވަނީ ވަޒީފާ ދީފައި." އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ސުވަލާކަށް ޖަވާބު ދެއްވަމުން އަހުމަދު ސައީދު މުހައްމަދު ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ މީހުން ވަޒީފާއަށް ވެއްދި އިރު ސިޔާސީ ބޭނުމަށް 82 މުވައްޒަފުން އޭރު ވަކިކުރި ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

comment ކޮމެންޓް