މުޣުނީއަށް ތާއީދު ކުރުމަށް ގޮވާލައި އެމްޑީޕީގެ ތިނަދޫ ގޮފިން ގަރާރެއް ފާސްކޮށްފި

މުޣުނީއަށް ކުރި ތާއީދު އެމްޑީޕީން އަނބުރާ ގެންދިއުމުން އެރަށުގެ އެމްޑީޕީ މެމްބަރުން އިހުތިޖާޖު ކުރަނީ --

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރާ ތިނަދޫ އުތުރު ދާއިރާގެ ކެންޑިޑޭޓް އަބްދުލް މުޣުނީއަށް ކުރި ތާއީދު އެ ޕާޓީން އަނބުރާ ގެންދިއުމުން އެކަން ބަދަލުކުރުމަށް ގޮވާލާ އެމްޑީޕީގެ ތިނަދޫ ގޮފިން ގަރާރެއް ފާސްކޮށްފި އެވެ.

އެމްޑީޕީން މުޣުނީއަށް ކުރި ތާއީދު އަނބުރާ ގެންދިއުމަށް ނިންމާފައި ވަނީ މުޣުނީގެ ކުރީގެ އަންހެނުންނަށް ގެވެށި އަނިޔާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އެމްޑީޕީ ތިނަދޫ ގޮފިން ރޭ ފާސްކުރި ގަރާރުގައި ބުނެފައި ވަނީ އެ ދާއިރާގެ އެއްވެސް ބަހެއް ނެތި މީހަކު ކުރި ޓްވީޓަކަށް ރިއާޔަތްކޮށް މުޣުނީއަށް ކުރި ތާއީދު އަނބުރާ ގެންދިއުމަށް ނިންމާފައިވާ ނިންމުން ކުށްވެރި ކުރާ ކަމަށެވެ.

"އެމްޑީޕީއަކީ އެތެރޭގެ ޑިމޮކްރެސީ ހަރުދަނާ ޕާޓީއަކަށްވެ، ހިންގުމުގެ އެންމެހާ ގުނަވަންތައް ފުރިހަމަވެފައިވާ ޕާޓީއަކަށްވީ ހިނދު ހައްދުން ބޭރުން ޕާޓީގެ ލީޑަޝިޕްގެ ވަކި ބޭފުޅުންތަކަކަށް މިފަދަ ނިންމެވުމެއް ނިންމޭނެ ކަމަށް އަޅުގަނޑެމެން ނުދެކެން." އެމްޑީޕީ ތިނަދޫ ގޮފިން ރޭ ފާސްކުރި ގަރާރުގައި ބުނެފައިވެ އެވެ.

އެމްޑީޕީ ތިނަދޫ ގޮފިން އެއްބަސްވެފައި ވަނީ ޕާޓީގެ އެންމެހާ ވަސީލަތްތަކާއި ގުނަވަންތައް ބޭނުންކޮށްގެން އިންތިހާބުގެ އެންމެހާ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

އެމްޑީޕީ ތިނަދޫ ގޮފީގެ އިސް ފަސް ބޭފުޅަކު ބައިވެރިވި އެ ބައްދަލުވުމުގައި ގަރާރު ފާސްކޮށްފައި ވަނީ ތިން ބޭފުޅުންގެ ތާއީދާ އެކު އެވެ. އޭގެ ތެރޭގައި ތިނަދޫ އެމްޑީޕީ ދާއިރާ ރައީސް ވެސް ހިމެނެ އެވެ.

މުޣުނީއަށް ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާ "ސަން" އަށް ވިދާޅުވީ، އެ ނިންމެވުން އޭނާ އަށް އެނގިގެން ދިޔައީ ނޫސްތަކުން ކަމަށާއި އެ ނިންމުން އޭނާ އަށް އަންގާފައި ނުވާ ކަމަށެވެ. އޭނާގެ ބަހެއް ނެތި އެމްޑީޕީން ނިންމެވި ނިންމެވުމާ މެދު ކަންބޮޑުވާ ކަމަށް މުޣުނީ ވިދާޅުވި އެވެ.

"[ޕާޓީގެ ފަރާތުން] އެއްވެސް ކަހަލަ ނިންމުމެއް ނިންމާފައިވާ ކަމަށް އަޅުގަނޑަކަށް އަންގާފައި ނެތް. ޕާޓީގެ ގުނަވަނަކުން އަޅުގަނޑާ ސުވާލުކޮށްފައި ވެސް ނެތް. ކުޑަމިނުން އެއީ މުޣުނީގެ ކުރީގެ އަނބިމީހާތޯ ވެސް ސުވާލުކޮށްފައި ނެތް. އަޅުގަނޑުގެ ބަހެއް ނެތި ޕާޓީގެ މި ނިންމުމާ ދޭތޭރެ ވަރަށް ބޮޑަށް ކަންބޮޑުވޭ،" މުޣުނީ ވިދާޅުވި އެވެ.

މުޣުނީ އޭނާއާ ގުޅޭ ގޮތުން ކުރާ ތުހުމަތުތައް ވެސް އޭނާ ދޮގު ކުރެއްވި އެވެ. މުޣުނީ ވިދާޅުވީ، އެ ތުހުމަތަކީ މީގެ 11 އަހަރު ކުރިން އޭނާ ވަރިކުރި އަންހެނުންނަށް ގެވެށި އަނިޔާ ކުރި ކަމަށް ބުނެ ކުރާ ތުހުމަތުތަކެއް ކަމަށާއި އެ ފަދަ މައްސަލައެއް އެއްވެސް ކޯޓަކަށް ވެސް ފުލުހުންގެ މުއަސަސާއަކަށް ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.

"[ކުރާ ތުހުމަތުތަކަކީ] ކަނޑައެޅިގެން ދޮގެއް. އެއީ ހަމަ ޒަތީވެ، ސިޔާސީ ގޮތުން ބަޔަކު މީހުންނަށް ފާއިދާ ހޯދުމަށް ޓަކައި،" ބަޔަކު ކުރާ ކަމެއް ކަަމަށް މުޣުނީ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ކުރީގެ އަންހެނުނާ ކައިވެނި ރޫޅުނުތާ 11 އަހަރު ވެއްޖެ. އަޅުގަނޑަށް އަދި ދުވަހަކު ވެސް ޕޮލިހަކުން ވެސް އަދި އެއްވެސް ތާކުން ވެސް [އެފަދަ މައްސަލައެއް ހުށަހަޅާފައިވާ ކަމުގެ] އިޝާރާތެއް ކޮށްފައި ނެތް."

comment ކޮމެންޓް