މަހްލޫފް ސަސްޕެންޑެއް ނުކުރެވޭނެ، ވަކިކުރަން ޖެހޭނީ: ރިޔާޒު

ރިޔާޒު ރަޝީދު: އޭނާ ވިދާޅުވީ، ގާނޫނު އަސާސީ ބުނާ ގޮތުން ވަޒީރުން ސަސްޕެންޑް ނުކުރެވޭނެ ކަމަށް -- ފައިލް ފޮޓޯ/ މަޖިލިސް

ގާނޫނު އަސާސީ ބުނާ ގޮތުން ވަޒީރުން ސަސްޕެންޑް ނުކުރެވޭނެ ކަމަށާއި ވަޒީރެއްގެ މައްސަލައެއް އުޅޭ ނަމަ އެ މީހަކު ޖެހޭނީ ވަޒީރުކަމުން ވަކި ކުރަން ކަމަށް ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒު ރަޝީދު ވިދާޅުވީ، މަޖިލީހަށް ޖަވާބުދާރީވާނެ މިނިސްޓަރެއް ހުންނަން ޖެހޭނެ ކަމަށާއި އެކަކަށް ގިނަ މިނިސްޓްރީތަކެއް ނުހިންގޭނެ ކަމަށެވެ.

"މި ސަރުކާރުގެ ޔޫތު މިނިސްޓަރު ކޮބައިތޯ. އަޅުގަނޑުމެންގެ ގާނޫނުއަސާސީ ނުދަނޭ މީހުން ސަސްޕެންޑް ކުރާ ގޮތެއް ނުދަނޭ. އޭނާގެ މައްޗަށް ކަމެއް ހުށަހެޅިއްޖެ ކަމުގައި ވަނީނަމަ ވަކިކުރަން ޖެހޭނީ. އޭނާ ސަސްޕެންޑްކޮށްފައި ގޭގައެއް ނުބެހެއްޓޭނެ،" ވެރިކަން ކުރާ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ރިޔާޒު ވިދާޅުވިއެވެ.

ވަޒީރުން ސަސްޕެންޑް ކުރުމަކީ ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފު ކަމެއްކަން ފާހަގަކޮށް ރިޔާޒު ވިދާޅުވީ، އެފަދަ ކަންތައްތައް ތަކުރާރުވަނީ ތަންފީޒުކުރަން ތިބޭ މީހުންގެ ނުކުޅެދުންތެރިކަމުން ކަމަށެވެ.

ރިޔާޒު އެހެން ވިދާޅުވި ނަމަވެސް މާނަކުރުމުގެ ހަމަތައް ބަޔާން ކުރާ ގާނޫނުގެ 24 ވަނަ މާއްދާގައި ބުނެފައިވަނީ، ވަކި މުއްދަތަކަށް މަގާމުގެ ވާޖިބުތައް އަދާކުރުން ހިފެހެއްޓުމުގެ ބާރާއި އެ މަގާމުގެ ވާޖިބުތައް އަދާކުރުން ވަގުތީގޮތުން އެހެން މީހަކާ ހަވާލުކުރުމުގެ ބާރުވެސް ހިމަނާފައެވެ.

މަހްލޫފް ސަސްޕެންޑްކުރީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ވަން އެސްއޯއެފް ކުންފުންޏާ އެކު ހިންގެވި ފައިސާގެ މުއާމަލާތާ ގުޅިގެންނެވެ. ހިޔާނާތުގެ ރިޕޯޓު އޭސީސީން ހާމަކުރި އިރު، މަހުލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ވަދެފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.

ނަމަވެސް އޭސީސީން މިހާރު ވަނީ މަހްލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް ނެތް ކަމަށް ރައީސް އޮފީހަށް އަންގާފައެވެ. މަހްލޫފް ސަސްޕެންޑްގައި ހުންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

comment ކޮމެންޓް