ހިލައާއި ހިލަވެލި އަދި ކާނާގެ ބައެއް ބާވަތްތަކަށް ކޯޓާ ތިން އަހަރަށް އިތުރުކޮށްފި

ފޮރިން މިނިސްޓަރު ޝާހިދު އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާއާއެކު--- ފޮޓޯ: ފޮރިން މިނިސްޓްރީ

އިންޑިއާއިން ރާއްޖެއަށް ހިލައާއި ހިލަވެލީގެ އިތުރުން އަސާސީ ކާބޯތަކެތީގެ ބައެއް ބާވަތްތައް އެކްސްޕޯޓުކުރުމަށް ކޯޓާ އާކުރަން ނިންމައިފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖު މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިރު، އެ ދަތުރުފުޅުގެ ތެރެއިން މި ކަމަށް ވަނީ ދެ ގައުމުން އެއްބަސްވެފައެވެ.

ހިލައާއި ހިލަވެލީގެ ކޯޓާ އިންޑިއާއިން އާކޮށްފައިވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. މީގެ ކުރިން މުޅިންވެސް ކޯޓާ އާކުރަނީ އެއް އަހަރު ދުވަހަށެވެ. ނަމަވެސް މިދިޔަ ދެ އަހަރުގައި އެ ކޯޓާ އާ ކޮށްފައެވެ.

ހިލައާއި ހިލަވެލީގެ އިތުރުން އަސާސީ ކާބޯތަކެތީގެ ހަ ބާވަތަކަށްވެސް ވަނީ ކޯޓާ ދީފައެވެ. އެއީ ކާޑުގެ ތިން ބާވަތް ކަމުގައިވާ ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން މުގު، ފިޔާ އަދި އަލުވިއެވެ.

އެ ދަތުރާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ރާއްޖެއިން އެދުނުގޮތަށް އިންޑިއާއިން ހިލައާއި ހިލަވެލީގެ ކޯޓާގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ހިލައާއި ހިލަވެލީގެ ކޯޓާ އިންޑިއާއިން އިތުރުކޮށްދިނީ އަންނަ މަހު އެކަކުން ފެށިގެންނެވެ.

އިންޑިއާއިން ވަނީ ރާއްޖޭގެ ޕްރައިވެޓް ސެކްޓާ އިތުރުަށް ތަރައްގީ ކުރުމަށް އެހީވެދީ މިއަހަރު އިންޑިއާ-ރާއްޖެ ބިޒްނަސް ފޯރަމެއް ބޭއްވުމަށްވެސް ނިންމައިފައެވެ.

comment ކޮމެންޓް