ގިނަ ރަށްތަކުގައި ޖޭޕީގެ ދިދަ ހިފައިގެން ތިބީ އެމްޑީޕީގެ މެމްބަރުން: އަލީ ވަހީދު

ޓުއަރިޒަމް މިނިސްޓަރު އަދި ޖޭޕީގެ ރައީސް އަލީ ވަހީދު އަލީ ނިޔާޒުގެ ކެމްޕެއިން އިވެންޓުގައި ވާހަކަފުޅު ދައްކަވަނީ ---

ވޭތުވެ ދިޔަ ފަސް އަހަރު އަނިޔާވެރިކަމުން ސަލާމަތްވުމަށް ގިނަ ރަށްތަކުގައި ޖުމްހޫރީ ޕާޓީގެ ދިދަ ހިފައިގެން ތިބީ އެމްޑީޕީގެ އާންމު މެމްބަރުން ކަަމަށް ޖޭޕީގެ ރައީސް އަދ މި ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު އެމްޑީޕީގެ ޕޯޑިއަމެއްގައި އަލީ ވަހީދު ރޭ ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ހުޅުމާލޭ ދާއިރާގެ ކެންޑިޑޭޓް އަލީ ނިޔާޒުގެ ކެމްޕެއިން ޖަގަހާގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވަނީ އެމްޑީޕީއަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ޖުމްހޫރީ ޕާޓީންވެސް ގުރުބާނީ ތަކެއް ވީކަން އަލީ ވަހީދު ފާހަގަ ކުރެއްވި އެވެ.

ނަމަވެސް އަލީ ވަހީދުގެ ހިތް ހަމަ ނުޖެހުން އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީއަށް ތާއީދު ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމެވި ނިންމެވުމާ މެދު އެވެ.

"ކީއްވެގެންތޯ އަޅުގަނޑުމެން ޖުމްހޫރީ ޕާޓީގެ ސްޓޭންޑެއް ގޮތުގައި. މިސަރުކާރަށް ބަރާބަރު 113 ވަނަ އަށް ވީ ދުވަހު ސާފުކޮށް ޕާޓީގެ ތެރޭން މި ވިދާޅުވީ ތިމަންނަމެން މި އިންތިހާބުގައި ޕީޕީއެމްއާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރާނަމޭ. އެ ކޯއްޗެއްތޯ އެއީ. ކޯއްޗެއްތޯ އެއީ." ފޯރީގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވި އެވެ.

"ރާއްޖޭގެ ގިނަރަށްތަކުގައި ޖުމްހޫރީ ޕާޓީގެ ދިދަވެސް ހިފައިގެން ތިބީ އެމްޑީޕީގެ އާންމު މެމްބަރުން. އެއީ ހަގީގަތް. ހަގީގަތަށް ވާހަކަ ދައްކައިގެން ގަބޫލު ކުރަން ޖެހޭނެ."

ޓުއަރިޒަމް މިނިސްޓަރު އަދި ޖޭޕީގެ ރައީސް އަލީ ވަހީދު އަލީ ނިޔާޒުގެ ކެމްޕެއިން އިވެންޓުގައި ---

އަލީ ވަހީދު ވިދާޅުވީ ޕީޕީއެމްއާ ޕީއެންސީއޭ ކިޔައިގެން ވޭތުވެ ދިޔަ ފަސް އަހަރު ގިނަ ރައްޔިތުންނާ ލީޑަރުން ނުހައްގުން ޖަލަށްލީ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ "ވެރިޔާ ވެރިޔާއޭ ކީމަ އާހޫން ކިޔާ މީހުން މީގެ ކުރިން ޖުމްހޫރީ ޕާޓީގައި ތިބެދާނެ" ކަމަށެވެ. ނަމަވެސް މިހާރަކު އެހެނެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ގާސިމް އިބްރާހިމަށް ވަރަށް އިހުތިރާމް ކުރައްވާ ކަމާށާއި ގާސިމްގެ މައްސަލައެއް ނެތް ކަމަށެވެ. އެކަމަކު ޕީޕީއެމް ޕީއެންސީއަށް މަޖިލިސް އިންތިހާބުގައި ތާއީދު ކުރަން ނިންމި ނިންމުމާ މެދު މައްސަލަ އެބައޮތް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

" ޕާޓީގެ ނުވަތަ އެމަނިކުފާނުގެ އެނިންމުމާ ދޭތެރޭގައި އަޅުގަނޑުމެންގެ މައްސަލަ ވަރަށް ބޮޑު. އެއީ އަޅުގަނޑުމެން ގަބޫލުކުރާނެ އެއްޗެއް ނޫން." އަލީ ވަހީދު ވިދާޅުވި އެވެ.

ސަރުކާރާ ޖުމްހޫރީ ޕާޓީގެ ލީޑަރާ ދެމެދު ތާށިވެފައި ހުންނަ ވަޒީރަކަށް ވާން ބޭނުން ނުވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. ގާސިމްގެ ނިންމުމަށް ދެކޮޅު ހަދައި ޓްވީޓް ކުރީވެސް ސަރުކާރުގެ ވަޒީރު ކަމުގައި ހުރެ ވަޒީރުކަމުގެ ކާރު ކޮޅަށް އަރަން ހިތްހަމަ ނުޖެހުނީމަ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އެއީ ސަރުކާރު ކޯލިޝަނުގެ ޕާޓީއެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީ އޮވެ، މިގައުމަށް މުސީބާތަކަށްވި ބަޔަކާ ބައިއަތު ހިފުމުން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާޓީގެ އެ ނިންމުމާ ދެކޮޅަށް ޓްވީޓް ކުރި އިރު އެއްވެސް މީހަކާ މަޝްވަރާއެއް ނުކުރަން. ކުރާކަށް ބޭނުމެއްވެސް ނޫން." އަލީ ވަހީދު ވިދާޅުވި އެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ދަރިކަލުން ފައިސަލް އިބްރާހިމް ވާދަކުރައްވަނީ ހުޅުމާލެ ދާއިރާއަށެވެ. އޭނާއަށް ތާއީދު ކުރަން ޖުމްހޫރީ ޕާޓީން ނިންމާފައި އޮތުމުން އަލީ ވަހީދު ހިތްހަމަ ނުޖެހުން ފާޅު ކުރި އެވެ. ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލުގައި ސިއްރު ވޯޓެއް ނެގިޔަސް އެ ކައުންސިލުން ނިންމާނީ އަލީ ނިޔާޒަށް ތާއީދު ކުރުމަށް ކަމަށެވެ.

comment ކޮމެންޓް