އަހަރެން އެނބުރި މިއައީ ކުލަބު ދެކެ އިންތިހާއަށް ލޯބިވާތީ: ޒިދާން

ރެއާލް މެޑްރިޑްގެ ތާރިޙުގައި ވެސް އެންމެ ކާމިޔާބު ކޯޗު، ޒައިނުއްދީން ޒިދާން --- ފޮޓޯ/ ޖޯ ރައިޓް

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން އެންމެ މޮޅު ކޯޗުގެ މަގާމުވެސް ހޯދާފައިވާ ފްރާންސްގެ ޒައިނުއްދީން ޒިދާން އެނބުރި ރެއާލް މެޑްރިޑްގެ ކޯޗުކަމާ ހަވާލުވީ އެ ކުލަބު ދެކެ އިންތިހާއަށް ލޯބިވާތީ ކަމަށް އޭނާ ބުނެފިއެވެ.

ވޭތުވެ ދިޔަ ތިން ސީޒަނުގައިވެސް ޗެމްޕިއަންސް ލީގުގެ ތަށި ރެއާލް މެޑްރިޑްއަށް ހޯދައި ދިނުމަށްފަހު މި ސީޒަން ފެށުމަށް ތައްޔާރުވެފައި ވަނިކޮށް ޒިދާން ވަނީ ކްލަބު ދޫކޮށްލިކަން އިއުލާން ކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ނަމަ ޒިދާން އެ ކުލަބު ދޫކޮށްލީ އެ ކުލަބުގެ ރައީސް ފިއޮރެންޓީނޯ ޕެރޭޒްއާ ޖެހުނު މައްސަލައެއްގެ ސަބަބުންނެވެ.

ޖެހި ޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ފަހު ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން އަދި ޓީމުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ --- ފޮޓޯ/ ޖޯ ރައިޓް

ޒިދާން ރެއާލް ދޫކޮށް ދިޔަ ފަހުން އެ ކުލަބުގެ ކޯޗުކަމާއި ހަވާލުވީ ޖޫލިއެން ލޮޕެޓެގީއެވެ. ލޮޕެޓެގީ ކޯޗުކަމާއި ހަވާލުވުމަށްފަހު ރެއާލްއަށް ލިބުނު ނާކާމީޔާބީގެ ސަބަބުން އޭނާ ވަނީ ކުޑަ ދުވަސްކޮޅެއް ތެރޭގައި ޓީމުގެ ކޯޗުކަމުން ވަކިކޮށްފައެވެ. އަދި އޭނާގެ ފަހުން އެ ޓީމުގެ ކޯޗު ކަމާ ހަވާލުވީ ސަންޓިއާގޯ ސޮލާރީ އެވެ. އޭނާގެ ކޯޗު ކަމުގައި ރެއާލް ވަނީ ހަފްތާއެއްގެ ތެރޭގައި ތިން މުބާރާތުން އަލްވަދާއު ކިޔަން ޖެހިފައެވެ.

ފަހުގެ ތާރީހުގައި ވެސް ރެއާލް މެޑްރިޑް ނުދާހާ ދަށަށް އެ ކުލަބު ގޮސްފައި ވުމުން ޒިދާން އަނބުރާ އެ ކުލަބަށް ގެންނަން ކުލަބުން ކުރި މަސައްކަތް ކާމިޔާބުވެފައި ވަނީ އޭނާ އެ ކުަލަބާއި ކުލަބުގެ ރައީސް ދެކެ ވާ ލޯތްބަކުން ކަމަށް ޒިދާން ބުންޏެވެ.

"މިއީ މި ކުލަބަށާއި އަހަރެންނަށް ވަރަށް ހާއްސަ ދުވަހެއް. ވަރަށް އުފާވެއްޖެ މި ކުލަބުގެ ކޯޗުކަމާއި އަލުން ހަވާލުވާން ފުރުސަތު ލިބުނީމަ. ކުލަބު މިވަގުތު އޮތީ ވަރަށް ބޮޑު އަޑިގަނޑަކަށް ވެއްޓިފައި. އަހަރެންގެ އަމާޒަކީ ކުލަބު އަނބުރާ އެންމެ މަތީ ހަރުފަތާ ހަމައަށް ވާސިލް ކުރުން،" ރެއާލްގެ ކޯޗުކަމާއި ހަވާލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޒިދާން ބުންޏެވެ.

"އަހަރެން ރެއާލް ދޫކޮށް މިދިޔަ ސީޒަންގައި ދިޔައީ ކުލަބަށް ބޮޑެތި ކާމިޔާބުތަކެއް ހޯދައިދީފަ. އަހަރެން ގަބޫލުކުރި ގޮތުގައި ކުލަބަށް ބަދަލުތަކެއް ގެންނަންޖެހޭ. އެހެންވެ އޭރު ދާންޖެހުނީ،"

"މިދިޔަ އަށް މަސްދުވަހު މި ޓީމުގެ ކޯޗުކަމާއި ދުރުގައި ހުރި ނަމަވެސް އަހަރެންގެ ހިތް އަބަދުވެސް އޮންނާނީ މި ކުލަބާއެކު. އަސްލު އަނބުރާ ކޯޗުކަމާ ހަވާލުވީވެސް ކުލަބު ދެކެ އިންތިހާއަށް ލޯބިވާތީ،"

ޒިދާން ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ރެއާލް މެޑްރިޑްއަށް ކުޅެދީ އެ ޓީމާއެކު ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އަދި ކޯޗެއްގެ ހައިސިއްޔަތުންވެސް އޭނާ ވަނީ ރެއާލްގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ތިން އަހަރު އެ ކުލަބާއެކު ހޭދަ ކޮށްފައެވެ.

ރެއާލް މެޑްރިޑް މި ސީޒަނުގެ ބާކީ ބައިގައި ކުޅެން ޖެހޭނީ ހަމައެކަނި ލީގު މެޗުތައް އެކަންޏެވެ. ސްޕެނިޝް ލީގު ކަޕް (ކޮޕް ޑެލް ރޭ) އަދި ޗެމްޕިއަންސް ލީގުން ކެޓުމުގެ އިތުރުން ލީގުގައި ވެސް އެ ޓީމު އޮތީ އެއްވަނައިގައި އޮތް ބާސެލޯނާއާއި 12 ޕޮއިންޓް ދަށުގައެވެ.

comment ކޮމެންޓް