އައްޑޫގެ ދާއިރާތައް އިތުރު ކުރުމަށް ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި

ގާނޫނީ ވަކިލާ މަރިޔަމް ޝުނާނާ -- ސަން ފޮޓޯ/ މުހައްމަދު ،ުޒައްޔިން ނާޒިމް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫ ސިޓީގެ ދާއިރާތައް އިތުރުކުރަން އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.

ހައިކޯޓަށް އެ މައްސަލަ ހުށަހެޅުއްވީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި މަރަދޫފޭދު އަށް ނިސްބަތްވާ މުމްތާޒު އަލީ އެވެ.

އައްޑޫ ސިޓީގެ ދާއިރާތައް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ގޮތް ރަނގަޅު ނޫން ކަމަށް ބުނެ ހުށަހެޅި އެ މައްސަލާގައި އެދިފައި ވަނީ މަރަދޫފޭދޫ ދާއިރާ އާއި މީދޫ ދާއިރާ އެއްކޮށްލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށެވެ. އަދި މަރަދޫފޭދޫ ދާއިރާ އާއި މީދޫ ދާއިރާ ވަކިކޮށް ދިނުމަށާއި އެ މައްސަލަ ނިމެންދެން އައްޑޫ ސިޓީގައި އިންތިހާބު ބޭއްވުން މަޑުޖައްސާލުމަށް އެ މައްސަލާގައި އެދިފައިވެ އެވެ.

އެ މައްސަލާގައި ވަކާލާތު ކުރައްވާ، ވަކީލާ މަރިޔަމް ޝުނާނާ "ސަން" އަށް ވިދާޅުވީ، އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބަލައިނުގަންނަން ނިންމައިފައިވާ ކަމަށެވެ.

އެ މައްސަލާގައި ސިވިލް ކޯޓުގެ ރެޖިސްޓްރާ ނިންމި ނިންމުމުގައި ވަނީ، އިދާރީ ދާއިރާތައް ކަނޑައަޅާނެ އުސޫލުތަކާއި، ރިއާޔަތް ކުރަން ޖެހޭ ކަންތައްތައް ބަޔާންކޮށް، އިލެކްޝަންސް ކޮމިޝަނުން ވަގުތީ ރިޕޯޓެއް އެކުލަވާލައި ގެޒެޓު ކުރުމުން އެ ރިޕޯޓާ މެދު ޝަކުވާ ހުށަހެޅުމުގެ އިހްތިޔާރު ލިބޭ ކަމާއި ހުށަހަޅާ ޝަކުވާއާ މެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ކަނޑައަޅަން ޖެހޭ ކަމާއި، އެގޮތުގެ މަތިން ހުށަހެޅޭ ޝަކުވާއާ މެދު ހިތްހަމަނުޖެހޭ ނަމަ އެކަން ހައިކޯޓަށް ހުށަހެޅިދާނެ ކަން އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައި އޮންނަކަން ފާހަގަކުރައްވައިފަ އެވެ.

ސުއޫދާއި މުމްތާޒު ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ހިމެނޭ ނުކުތާތައް ހިމަނައިގެން ހައިކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން އެ މައްސަލައަކީ ދުސްތޫރީ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި ހުކުމްކޮށްފައިވާކަން ވެސް ރެޖިސްޓްރާގެ ނިންމުމުގައި ފާހަގަކުރައްވާފައިވެ އެވެ. އެ މައްސަލައަކީ މަޖިލީހުގެ އިންތިހާބާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކުގެ ތެރެއިން ހުށަހަޅައި ފައިސަލާކޮށްދިނުމަށް އެދިފައިވާ މައްސަލައެއް ނޫން ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

"އެހެންކަމުން، މި ދައުވާ ފޯމުގައި ދައުވާ ކުރުމަށް އެދި ހުށަހަޅާ ކަންކަމަކީ އެކަންކަމުގެ މައްޗަށް ހުށަހަޅާ ހުށަހެޅުން ރިވިއު ކުރުމުގެ ބާރު ސިވިލް ކޯތަށް ލިބޭ ގޮތަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތަކަކަށް ނުވާތީ، މިއީ ސިވިލް ކޯޓަށް އިހުތިސާސް ލިބޭ ކަންތައްތަކެއްގެ މައްޗަށް ހުށަހަޅާފައިވާ ފޯމެއްކަމުގައި ނުވާތީ، މި ދައުވާ ފޯމު ބަލައިނުގަތުމަށް ނިންމީ އެވެ." އެ ނިންމުމުގައިވެ އެވެ.

މަރަދޫފޭދޫ ވަކި ދާއިރާއަކަށް ހަދައިދިނުމަށް އެ އަވަށުގެ ރައްޔިތުން މީގެކުރިން އިލެކްޝަން ކޮމިޝަނުގައި އެދިފައިވީ ނަމަވެސް، އިލެކްޝަނުން ނިންމީ ކުރީން އޮތް ގޮތަށް ބާއްވާށެވެ. އެކަމާ ގުޅިގެން ކޮމިޝަނުން އެ ދެ އަވަށުގެ ރައްޔިތުންނާ އެކި ފަހަރު މަތިން ބައްދަލު ވެސް ކޮށްފައިވެ އެވެ.

މަޖިލިސްގެ އިންތިޚާބުގައި ދާއިރާތައް ބެހިގެންވާ ގޮތް މިފަހަރު އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިއިރު، ދާއިރާތައް އިތުރުވީ ހަމައެކަނި މާލޭގަ އެވެ. އިތުރު ކުރި ދާއިރާތަކަކީ ހުޅުމާލެ ދާއިރާއާއި ހެންވޭރު ހުޅަނގު ދާއިރާ އެވެ.

comment ކޮމެންޓް