ހެލްމެޓުގެ ބަދަލުގައި ތެއްޔެއް ބޮލުގައި އަޅައިގެން ދިޔަ މީހަކު ހިފަހައްޓައިފި

ބޮލުގައި ތެއްޔެއް އަޅައިގެން މިއަދު ބްރިޖް މަތީގައި ދުއްވާފައި ދިޔަ މީހާ، ފުލުހުން ވަނީ އޭނާ ހިފަހައްޓާފައި ---

ހެލްމެޓްގެ ބަދަލުގައި ބްރިޖުގައި ތެއްޔެއް ބޮލުގައި އަޅައިގެން ދުއްވާފައި ދިޔަ މީހަކު ފުލުހުން ހިފަހައްޓައިފި އެވެ.

ރޭ 12އިން ފެށިގެން ބްރިޖުމަތިން ހުރަސް ކުރެވޭނީ ހެލްމެޓް އަޅައިގެންނެވެ. މިއަދު މީހަކު ހެލްމެޓްގެ ބަދަލުގައި ތެއްޔެއްގައި ވާގަނޑެއްޖަހައިގެން ބޮލުގައި އަޅައިގެން ދާ ވީޑިއޯ ވަނީ ސޯޝިއަލް މީޑިއާގައި އާންމުވެފަ އެވެ.

ފުލުހުން ބުނީ ހުޅުލޭ ޓްރެފިކް ލައިޓްކައިރިން މިއަދު 17:20 ގައި ބޮލުގައި ތެއްޔެއް އަޅައިގެން ދިޔަ މީހަކު ހުއްޓުވައި ނަސޭހަތްތެރިވެފައިވާ ކަމަށެވެ. އަދި ސައިކަލު ދުއްވަން އިން މީހާ ޖޫރިމަނާ ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ނަމަވެސް ސައިކަލު ދުއްވަން އިން މީހާ ޖޫރިމަނާ ކުރީ ސައިކަލުގައި ހަމަ ކުރަންޖެހޭ ރޯޑް ވާދިނެސް އަދި އިންޝުއަރެންސް ފަދަ ތަކެތި ހަމަ ނުކޮށް ހުރުމުންނެވެ.

ގަވައިދުގައި ބުނެފައި ވަނީ، 30 ކިލޯމީޓަރަށް ވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި ދުއްވަން ވާނީ ހެލްމެޓް އަޅައިގެން ކަމަށެވެ. ދުއްވާ މީހާވެސް އަދި ދުއްވާ މީހާގެ ފަހަތުގައި އިންނަ މީހާވެސް އިންނަން ވާނީ ހެލްމެޓް އަޅައިގެން ކަމަށް ގަވައިދުގައި ބުނެއެވެ.

މާލެ، ހުޅުމާލެ އަދި ހުޅުލެ ގުޅުވައިދޭ ސިނަމާލެ ބުރިޖާއި ހައިވޭ މަތީގައި ދުއްވޭނީ ގަޑިއަކު 25 ކިލޯމީޓަރާއި 40 ކިލޯމީޓަރުގެ ބާރު މިނުގައެވެ. އެހެން ކަމުން މި ގަވާއިދަށް ގެނައި އިސްލާހާ އެ ސަރަހައްދުގައި ދުއްވޭނީ ހެލްމެޓް އަޅައިގެންނެވެ.

އެ ގަވާއިދުގައި ވަކި ކަމަކާ ޚިލާފަށް އަމަލުކުރާ ފަރާތަކާ މެދު އެޅޭނެ ފިޔަވަޅު ކަނޑައެޅިފައި ނުވާ ކޮންމެ ކަމެއްގައި، ގަވާއިދާ ޚިލާފުވި ފަރާތް 750 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށް ގަވައިދުގައި ބުނެއެވެ.

އެހެން ކަމުން ހެލްމެޓު އެޅުމަށް މަޖުބޫރުކޮށްފައިވާ ސަރަހައްދުގައި ހެލްމެޓް ނާޅާނަމަ 750 ރުފިޔާ އަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި ހެލްމެޓްގައި ހުންނަ ޖެހޭ ޝަރުތު ފުރިހަމަ ނުވާނަމަ ވެސް ޖޫރިމަނާ ކުރާ އަދަދަކީ 750 ރުފިޔާ އެވެ.

comment ކޮމެންޓް