އަމިއްލަ ދަނޑުގައި ކުޅެ ބާސާއަށް ހަނި މޮޅެއް

ބާސެލޯނާއާއި ރެއާލް ވެލަޑޮއިޑް ބައްދަލު ކުރި މެޗުގެއި ލިއޮނެލް މެސީ ޕެނަލްޓީ ޖަހާ މަންޒަރު -- ފޮޓޯ / ޑޮމް ފެރަލް

ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ރެއާލް ވެލަޑޮއިޑް އާއި ބައްދަލުކޮށް ހަނި ގޮތަކަށް ބާސެލޯނާ މޮޅުވެއްޖެ އެވެ.

ބާސެލޯނާގެ ތަރި ލިއޮނެލް މެސީ މި ސީޒަނުގައި ޖެހި 30 ވަނަ ގޯލާ އެކު އެ ޓީމު ރޭގެ މެޗުގައި ރެއާލް ވެލަޑޮއިޑް އަތުން މޮޅުވެފައި ވަނީ 0-1 ގެ ނަތީޖާ އަކުންނެވެ. ވިދިވިދިގެން ދެ މެޗުން ބާސެލޯނާ އެއްވަރު ވުމަށް ފަހު ވެލަޑޮއިޑް ކައިރިން ލިބުނު މޮޅާ އެކު އެ ޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައި 54 ޕޮއިންޓާއެކު އެވެ. ދެވަނާގައި މިވަގުތު އެތްލެޓިކޯ މެޑްރިޑް އޮތީ 47 ޕޮއިންޓާ އެކުގަ އެވެ.

ބާސެލޯނާއާއި ރެއާލް ވެލަޑޮއިޑް ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / ޑޮމް ފެރަލް

ހީކުރި ގޮތާ ހިލާފަށް ރޭގެ މެޗުގައި ބާސެލޯނާގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. އަމިއްލަ ދަނޑުގައި ކުޅޭ މިފަދަ މެޗުތަކުގައި ބާސެލޯނާގެ ފަރާތުން ފެނިގެންދާ ފަދަ ހިތްގައިމު ކުޅުން ރޭގެ މެޗުގައި ފެނިގެން ގޮސްފައި ނުވާ އިރު މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބު ކުރީ ވެސް ލިބުނު ޕެނަލްޓީއަކުންނެވެ.

ކައުންޓާ އެޓޭކެއްގައި ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ހޯދައިދިން އެ ޕެނަލްޓީ މެސީ ކާމިޔާބު ކުރި ނަމަވެސް މެޗު ނިމެން ދަނިކޮށް އެ ޓީމުގެ ފިލިޕޭ ކޮޓީނިއޯއަށް ވެލަޑޮއިޑްގެ އޭރިއާ ތެރެއިން ފައުލު ކުރުމާއި ގުޅިގެން ލިބުނު ޕެނަލްޓީ މެސީއަށް ކާމިޔާބު ކުުރެވޭ ގޮތެއް ނުވި އެވެ.

ބާސެލޯނާގެ ކުރީގެ ކީޕަރެއް ކަމަަށްވާ ޖޯޑީ މެސިޕް ރޭގެ މެޗުގައި މެސީގެ ދެވަނަ ޕެނަލްޓީ ހިފެހެއްޓުމުގެ އިތުރުން ވެސް ވަނީ މޮޅޭތި ގިނަ ބޯޅަތަކެއް ގޯލަށް ވަނަ ނުދީ ހިފަހައްޓައިފަ އެވެ. އެއާ އެކު އޭނާ ވެގެން ގޮސްފައި ވަނީ މި ސީޒަނުގައު ޔޫރަޕުގެ ގަދަ ފަސް ލޯގުގައި ވެސް އެންމެ ގިނަ ޕެނެލްޓީ ހިފެހެއްޓި ކީޕަރަށެވެ. މެސިޕް މި ސީޒަނުގައި ތިން ޕެނަލްޓީއެއް ހިފާއްޓާފައިވެ އެވެ.

މި ހަފްތާގައި ޗެމްޕިއަންސް ލީގުގައި ލިއޮން އާއި ބާސެލޯނާ ބައްދަލު ކުރާއިރު ރޭގެ މެޗުގައި ހުރި ފޯމުގައި އެ ޓީމު އޮވެއްޖެ ނަމަ ލިއޮން އިން އެ ޓީމުގެ މައްޗަށް ގަދަވެގަންނާނެ ކަމަށް ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ރޭ މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނެފައިވެ އެވެ.

"މެޗާ ދޭތެރޭ ހިތްހަމައެއް ނުޖެހޭ. ކުޅުން ވަރަށް ސަކަރާތް. ޓީމު ފަހަތުގައި ޕާސް ޖަހާ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުރިއަށް ނުގެންދިއުމުން އެ ބޯޅަ ގިނަ ފަހަރަށް ހޯދަނީ އިދިކޮޅު ޓީމުގެ ކުޅުންތެރިން. މިކަންކަން ރަނގަޅު ކޮށްގެން ނޫނި ޗެމްޕިއަންސް ލީގުގައި ރަނގަޅު ކާމިޔާބެއް ނުނެރެވޭނެ." ޕީކޭގެ ވާހަކައިގައި ބުންޏެވެ.

comment ކޮމެންޓް