ޕިޕީއެމް ކޯލިޝަނުން އެހެން ޕާޓީއަކާއެކު މަޝްވަރާކުރާކަން ޔަގީންކޮށްދީފި

ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުން މީގެ ކުރިން މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައްދަލުކުރައްވަނީ --- ފޮޓޯ: ނިހާން

ޕީޕީއެމް ކޮންގްރެސް ކޯލިޝަނުން އެހެން ސިޔާސީ ޕާޓީއަކާއެކު މަޝްވަރާ ކުރަމުންދާކަން ޔަގީންކޮށްދީފިއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ވަގުތީ ހިންގާ ކޮމެޓީގެ މެންބަރު އަދި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ ޕީޕީއެމް ކޮންގްރެސް ކޯލިޝަނުން އިތުރު ޕާޓީއަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އަދި އެ މަޝްވަރާތަކަށްފަހު ޕީޕީއެމް ކޮންގްރެސް ކޯލިޝަނުން ވާދަކުރާ ބައެއް ގޮނޑިތައް ދޫކޮށްލަން ނިންމާފައިވާކަމަށްވެސް މުންދު ވިދާޅުވިއެވެ.

"ދެ ފަރާތުން [ކޯލިޝަނާއި ސިޔާސީ ޕާޓީ] މަޝްވަރާ ކުރުމަށްފަހު މީޑިއާއަށް އެ މައުލޫމާތު ހާމަކުރާނަން، އަޅުގަނޑުމެން މަޝްވަރާތައް ކުރިއަށް ގެންދިޔައީ ސިޔާސި ޕާޓީތަކާއެކު ކުރިއަށް ގެންދިޔަ މުއާމަލާތުގެ ތެރެއިން ފެހި ސިގްނަލް ލިބިފައިވާ ފަރާތާއެކު،" މުންދު ވިދާޅުވިއެވެ.

ޕީޕީއެމް ކޮންގްރެސް ކޯލިޝަނުން އެހެން ޕާޓީއަކާއެކު މަޝްވަރާ ކުރަމުންދާކަން ޔަގީންކޮށްދިންއިރު ބައެއް ރިޕޯޓުތައް ބުނާގޮތުން އެ ކޯލިޝަނުން މަޝްވަރާ ކުރަމުންދަނީ ޖުމްހޫރީ ޕާޓީ އާއެކުއެވެ.

ޕީޕީއެމް ކޮންގްރެސް ބައެއް ދާއިރާތަކަށް ވާދަކުރުމަށް ޓިކެޓު ދިން ފަރާތްތަކުން ޓިކެޓު ނަގަމުންދާކަން މުންދު ޔަގީންކޮށްދެއްވި އިރު، އެ ދާއިރާތަކުން ވާދަކުރައްވާ އަނެއް ޕާޓީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމާފައިވާކަމަށްވެސް މުންދު ވިދާޅުވިއެވެ.

"އެ ހުރިހާ ކެންޑިޑޭޓުންނާއި ދާއިރާތަކުގެ ލިސްޓެއް ފަހުން އާންމުކުރާނެ،"

ޕީޕީއެމް ކޮންގްރެސް އިން އއ. މަތިވެރި ދާއިރާއަށް ވާދަކުރަން ޓިކެޓު ދިން ނޫސްވެރިޔާ ލަޔާލް މަނިކުގެ އަތުން ޓިކެޓު ނަގާފައިވާއިރު އެހެން އިތުރު ދާއިރާތަކުން ވާދަކުރާ ކެންޑިޑޭޓުންގެ އަތުންވެސް ޓިކެޓު ނަގާފައިވާކަމަށް އެނގިފައިވެއެވެ.

ޖުމްލަ 25 ދާއިރާއަކަށް ވާދަ ނުކޮށް ޖޭޕީ ކެންޑިޑޭޓަށް ތާއީދުކުރަން ޕިޕީއެމް ކޮންގްރެސް ކޯލިޝަނުން ނިންމާފައިވާކަމަށްވެސް އެނގިފައިވެއެވެ. މީގެއިތުރުން ޕީޕީއެމް ކޮންގްރެސްއިން ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންނަށް ތާއީދުކޮށް، ޖެޕީއިން ނޮމިނޭޓު ކުރި ބައެއް ކެންޑިޑޭޓުންނަށް ޓިކެޓު ނުދޭންވެސް ނިންމާފައިވާކަމަށް އެނގިފައިވެއެވެ.

comment ކޮމެންޓް