އޭސީސީގެ ރިޕޯޓް ނެރުމުގެ ކުރިން ރައީސްއަކަށް ނުލިބޭ: ރައީސްގެ ތަރުޖަމާނު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ފަޔާޒު މޫސާ

އެމްްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން އިއްޔެ ނެރުނު ރިޕޯޓް ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ލިބިފައިނުވާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.

ހޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ރިޕޯޓްގައި ހުރި ލިޔުންތައް ރައީސްއަށް ފެނިވަޑައިގަތީ އިއްޔެ އޭސީސީ އިން ރިޕޯޓް ނެރުމުން ކަމަށެވެ.

ރައީސް ވަނީ އޭސީސީގެ ރިޕޯޓްގައި ހުރި މީހުންގެ މައްސަލަތައް ތަހުގީގުކޮށް އެ މައްސަލަތައް ޝަރީއަތަށް ފޮނުވައި އެކަމުގައި ސީދާ ޝާމިލްވާ ފަރާތްތައް ހޯދައިދިނުމަށް އެ މުވައްސަސާއަށް ގޮވާލައްވައިފަ އެވެ.

އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓް އެހާ ދުވަސްވަންދެން ހާމަ ނުކޮށް ބޭއްވި ސަބަބާ މެދު ވެސް ރައީސް ވަނީ ސުވާލު އުފައްދަވައިފަ އެވެ.

އެ ރިޕޯޓުގައި އެ ހިޔާނާތުގެ ފައިސާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން، ދެ ބޭފުޅުންގެ އެކައުންޓަށް ޖަމާވެފައިވާތީވެ، އެ ދެ ބޭފުޅުންގެ މައްސަލަ ބަލައި ނިމެންދެން ގޭގައި މަޑުކުރުމަށް ވެސް ރައީސް ވަނީ އަންގަވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މި ސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އެކަމާ ގުޅިގެން "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން"ގެ ނަމުގައި ކެމްޕޭންއެއް ވެސް ރައީސް ވަނީ އިފްތިތާހްކޮށްދެއްވައިފަ އެވެ.

އޭސީސީއިން ނެރުނު ރިޕޯޓްގައި މަހުލޫގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެހެންް މެމްބަރުންގެ އެކައުންޓްތަކަށް ވެސް ފައިސާ ވަދެފައިވާކަން ވެސް ވަނީ އެނގިގެން ގޮސްފަ އެވެ.

comment ކޮމެންޓް