ވީއޭއާރުގެ ހަމަނުޖެހުންތަކަށް ފަހު އަޔެކްސް އަތުން ރެއާލަށް މޮޅެއް

ރެއާލް މެޑްރިޑްއާއި އަޔެކްސް ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / ސަޗާ ޕިސަނީ

ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) އާއި އެކު މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރު ފެށި ނަމަވެސް ރޭ ރެއާލް މެޑްރިޑާއި އަޔެކްސް ބައްދަލު ކުރި މެޗުން ރެއާލް މޮޅުވި އިރު ރެފްރީއާއި ވީޑިއޯ އެސިސްޓެން ރެފްރީންނަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެ ހަމަނުޖެހުމަކަށް ބަދަލު ވެއްޖެއެވެ.

ރޭގެ މެޗުގައި ރެފްރީގެ ނިންމުންތަކަށް އަޔެކްސްގެ ސަޕޯޓަރުންނާއި ކުޅުންތެރިންގެ އިތުރުން ފުޓުބޯޅަ ދިރާސާ ކުރާ ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅު ކުރުމުގެ ގޮތުން ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ. އަޔެކްސްގެ އަމިއްލަ ދަނޑުގައި ރެއާލް އާއި ދެ ކޮޅަށް ބައްދަލު ކުރި އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 1-2 ގެ ނަތީޖާ އަކުން ކުރީގައި އޮތީ ރެއާލް މެޑްރިޑްއެވެ.

ރެއާލް މެޑްރިޑްއާއި އަޔެކްސް ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / ސަޗާ ޕިސަނީ

ވޭތުވެ ދިޔަ ތިން އަހަރުގެ ވެސް ޗެމްޕިއަން ރެއާލް މެޑްރިޑް ރޭ މެޗުން މޮޅުވެފައި ވަނީ ހަނި ގޮތަކަށެވެ. މެޗު ފެށިގެން އަޔެކްސްގެ ފަރާތުން ފެނުނު ވަރުގަދަ ކުޅުމުގެ ސަބަބުން ރެއާލް މެޑްރިޑް އޮތީ ޕްރެޝަރުގައެވެ. އަޔެކްސް އިން ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދަމުން ގޮސް މެޗުގެ 38 ވަނަ މިނަޓުގައި ރެއާލްގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އަޔެކްސް ވަނީ ގޯލެއް ޖަހައިފައެވެ. ރެއާލްގެ އެއްވެސް ކުޅުންތެރިއެއްގެ އިތުރުން އޮފިޝަލެއް ވެސް މައްސަލަ ނުޖައްސައި ތިއްބާ ރެފްރީގެ ނިންމުން ބަދަލުވީ ވީޑިއޯ ބެލުމަށް ފަހު އެވެ.

މި ގޯލު އޮފްސައިޑް ކަމަށް ރެފްރީ ނިންމުމާ ގުޅިގެން އަޔެކްސް ކުޅުންތެރިންގެ ފަރާތުން މާޔޫސްކަން ގެނުވިއެވެ. ނަމަވެސް ކުޅުމަށް ބަދަލެއް ނުގެނެސް ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން އަޔެކްސް އިން ދިޔައީ ރެއާލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

ދެވަނަ ހާފު ފެށުމާއި އެކު ރެއާލްގެ ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް އަނބުރާ އެމީހުންގެ އަތް ދަށަށް ގެނައެވެ. ރެއާލްގެ ޒުވާން ފޯވާޑް ވިނިޝަސް ޖޫނިއާ ދަނޑުގެ މެދު ރޮނގާއި ހިސާބުން ބޯޅަ ހިފައިގެން ގޮސް ދެ ކުޅުންތެރިން ނައްޓުވާފައި އެ ޓީމުގެ ސްޓްރައިކަރު ކަރިމް ބެންޒީމާއަށް ޖައްސާލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާ ލީޑު ނެގިއެވެ.

ރެއާލްގެ ގޯލާ އެކު އަޔެކްސްގެ ޓީމު ކުރިއަށް ޖައްސައި ގޯލެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 75 ވަނަ މިނެޓުގައެވެ. ނަތީޖާ ހަމަހަމަ ކުރުމައްޓަކައި އެ ޓީމަށް ގޯލު ޖަހައިދިނީ އެ ޓީމުގެ ހަކީމް ޒިޔެޗްއެވެ.

މެޗު ކާމިޔާބު ކުރުމައްޓަކައި މެޗު ނިމެން ދަނިކޮށް ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނުކުތް މާކޯ އެސެންސިއޯ ވަނީ ގޯލެއް ޖަހައި އަޔެކްސެ ހިތްތައް ފުނޑު ފުނޑު ކޮށްލާފައެވެ. އެ ގޯލު ޖެހުމަށް ރެއާލް ކައުންޓާ އެޓޭކް އުފެއްދި ވަގުތު އެ ޓީމުގެ ލޫކަސް ވަޒްކުއެޒް، އަޔެކްސްގެ މެދުތެރެއަށް ކުޅެމުން އަންނަ ޑެ ޔޮންގްއަށް ފައުލު ކުރި މަންޒަރު ވީޑިއޯއިން ފެނުނު ނަމަވެސް ރެފްރީ ވަނީ އެކަން އަޅާ ނުލާ ދޫކޮށްލައިފައެވެ.

މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުން އޮންނާނީ މާޗު 5ގައެވެ. ރެއާލް މެޑްރިޑްގެ ސަންޓިއާގޯ ބާނެބިއުގައި ކުޅޭ އެ މެޗުގައި ރެއާލްގެ ކެޕްޓަން ސާޖިއޯ ރަމޯސްއަށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވޭނެއެވެ.

comment ކޮމެންޓް