ޕްރައިމަރީން ބަލިވި ނަމަވެސް ވާދަކުރުމުގެ ފުރުސަތު ދިނުމަށް ވަގުތީ އަމުރަކަށް އެދިއްޖެ

ސުޕްރީމް ކޯޓު: ޕްރައިމަރީތަކުން ބަލިވާ ފަރާތްތަކަށް މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމަށް އެދި ވަގުތީ އަމުރަކަށް އެދިއްޖެ --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވި ނަމަވެސް ރައްޔިތުން މަޖިލީހުގެ އިންތިހާބްގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް ވަގުތީ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

ޕްރައިމެރީގައި ވާދަކޮށް ބަލިވުމުން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ މާއްދާ ބާތިލުކޮށްދޭން ތިން ފަރާތަކުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ދާދި ފަހުން ބޭއްވި އެމްޑީޕީ ޕްރައިމަރީގައި ކާށިދޫ ދާއިރާއިން ނާކާމިޔާބްވި އަބްދުﷲ ޖާބިރު އާއި އަބްދުލް މާނިއު ހުސައިންގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީން ބަލިވި އަހްމަދު މުހައްމަދު އެވެ. ޖާބިރު އާއި މާނިއުއާ އެއްކޮށް އެ މައްސަލަ ހުށަހެޅި އިރު އަހްމަދު މުހައްމަދު ހުށަހެޅީ ވަކިންނެވެ.

ނަމަވެސް އެއް މައުޟޫއެއްގެ ދެ މައްސަލަ އަށް ވުމުން ސުޕްރީމް ކޯޓުން އަޑުއެހުން ކުރިއަށް ގެންގޮސްފައި ވަނީ އެއް އަޑުއެހުމެއްގެ ގޮތުގަ އެވެ.

އެ މައްސަލާގައި މިއަދު ކުރިއަށް ގެންދިޔަ ފުރަތަމަ އަޑުއެހުމުގައި އަހްމަދު މުހައްމަދު އެދިވަޑައިގަތީ މައްސަލާގައި ހުކުމެއް އިއްވުމުގެ ކުރިން އެ މައްދާ ވަގުތީ ގޮތުން ބާތިލުކޮށް ޕްރައިމަރީން ބަލިވި ފަރާތްތަކަށް ވެސް މަޖިލީހަށް ކުރިމަތި ލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ. ސަބަބެއްފެ ގޮތުގައި ބުނީ، އަންނަ ހަފްތާގައި ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާއިރު އެ މައްސަލާގައި ގޮތެއް ނުނިންމެއްޖެ ނަމަ ގިނަ ފަރާތްތަކެއްގެ އަސާސީ ހައްގުތަކެއް ގެއްލިދާނެތީ ކަމަށެވެ.

ޕްރައިމަރީން ބަލިވާ ފަރާތްތަކަށް މަޖިލީހަށް ކުރިމަތިލުމުގެ ވަގުތީ އަމުރަށް އެދުނު ނަމަވެސް އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ރިޔާސަތު ބެލެހެއްޓި ބެންޗުން މިއަދު ވަގުތީ އަމުރެއް ނެރެދީފަ އެއް ނުވެ އެވެ.

ރައިސުލްޖުމްހޫރިއްޔާގެ ސުޕެޝަލް އެންވޯއީއެއްގެ މަގާމުގައި ހުންނެވި ޖާބިރު ވެސް ވަނީ މިއަދުގެ އަޑުއެހުމަށް ވަޑައިގެންފަ އެވެ. އޭނާގެ ވަކީލް އަބްދުލް ހަކީމް މުހައްމަދު ރަޝީދު ވިދާޅުވީ، ޕާޓީތަކުގެ އެތެރޭގެ އިންތިހާބްތަކުން ބަލިވާ ފަރާތްތަކަށް މަޖިލިސް އިންތިހާބްގައި ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހަކީ ކަނޑައެޅިގެން ގާނޫނު އަސާސީއާ ތައާރުޒު އިސްލާހެއް ކަމަށާއި އެހެން ކަމުން އެ އިސްލާހު ސުޕްރީމް ކޯޓުން ބާތިލު ކޮށްދޭނެ ޖެހޭ ކަމަށެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިހާބްތަކުގައި ވާދަކުރުމަށް ވަކި ޝަރުތުތަކެއް ކަނޑައަޅާފައިވާ އިރު އެއާ ހިލާފަށް އިތުރު ގާނޫނުތަކެއް ހަދައި ވަކި ބަޔަކަށް އިންތިހާބްތަކުގައި ވާދަކުރުމުގެ ފުރުސަތު ބަންދު ކުރުމަކީ ގާނޫނާ ހިލާފް ކަމެއް ކަން އަބްދުލް ހަކީމް ފާހަގަކުރެއްވި އެވެ.

އެ މައްސަލައަށް ޖަވާބުދާރީ ވުމަށް ދައުލަތުގެ ވަކީލުންނަށް ފުރުސަތު ދިނުމުން އެޓާނީ ޖެނަރަލްގެ ވަކީލާ ހައްވާ ސަނާ ވިދާޅުވީ، މައްސަލައިގެ ލިއުންތައް ލިބިފައިވަނީ އިއްޔެ ކަމަށާއި އެހެން އެހެން ކަމުން ޖަވާބުދާރީވުމަށް އިތުރު ފުރުސަތު ބޭނުންނާ ކަމަށެވެ. އަދި އެދިފައި ވަނީ އަންނަ އާދިއްތަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވައި ދެއްވުމަށެވެ.

އެކަމާމެދު ގޮތެއް ނިންމެވުމަށް ފަނޑިޔާރުން ހުސް ވަގުތުކޮޅެއް ނެންގެވުމަށް ފަހު ދައުލަތުން އެދުނު ގޮތަށް އާދިއްތަ ދުވަހު އިތުރު އަޑުއެހުމަށް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އަދި އެ މައްސަލައިގެ ތެރެއަށް އިލެކްޝަންސް ކޮމިޝަން ތަދައްހުލް ކުރުވުމަށް ކޯޓުން އެ ކޮމިޝަނަށް އެކަން އަންގާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގު އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ.

ޕްރައިމެރީގައި ވާދަކުރުމުން ބަލިވާ ފަރާތްތަކުން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ކަނޑައެޅީ 2016 ވަނަ އަހަރު އެވެ. ވިލިނގިލި ދާއިރާގެ އޭރުގެ ޕީޕީއެމް މެމްބަރު ސައުދު ހުސެއިން މަޖިލީހަށް ހުށަހަޅައި ފާސްކުރި އިސްލާހުގައި ވަނީ، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ކޮށްފައިވާ މެމްބަރަކު، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓް ހޯދަން އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށް، ބަލިވުމަށް ފަހު، އެ އިންތިހާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ބައިވެރި ނުވެވޭނެ ކަމަށެވެ. އަދި އެފަދަ މީހަކު ކެންޑިޑެސީ ހޯދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި ނަމަ، އެ މެމްބަރެއްގެ ކެންޑިޑެސީ އެ ކޮމިޝަނުން ބާތިލު ކުރަން ވާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

އިސްލާހު ބާތިލްކުރަން ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވެސް ވަނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވައިފަ އެވެ. އެ އިސްލާހު މަޖިލިހަށް ބަލައިގަނެ މިހާރު ވަނީ މަޖިލިހުގެ ކޮމިޓީގަ އެވެ.

comment ކޮމެންޓް