ރެއާލް މެޑްރިޑްގެ ލެފްޓް ވިންގްއަކަށް ކުޅެމުން އަންނަ ތަޖުރިބާކަރު ޑިފެންޑަރު މާސެލޯ ވިއެރާ އެ ކުލަބުން ބޭނުން ނޫން ނަމަ އެހެން ކުލަބަކަށް ދާން ތައްޔާރު ކަމަށް އޭނާ ބުނެފިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރެއާލް މެޑްރިޑްއަށް ކުޅެދީ ކުލަބެއްގައި ހޯދޭނެ ހުރިހާ ކާމިޔާބީއެއް އެކުލަބަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފައިވާ މާސެލޯ މި ސީޒަނުގައި ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް ވަނީ އުނދަގޫތަކަކާއި ކުރިމަތި ލާން ޖެހިފައެވެ. މި ސީޒަނުގައި އޭނާއަށް ކުޅުމުގެ ފުރުސަތު އޮތް 23 މެޗުގެ ތެރެއިން އޭނާ ކުޅެން އަރާފައިވަނީ އެންމެ 12 ފަހަރުއެވެ.
ރެއާލްގެ އާ ކޯޗު ސަންޓިއާގޯ ސަލާރީ ޓީމު އެތުރުމުގައި ބޮޑަށް އިސްކަންދެނީ މާސެލޯ ކުޅޭ މަގާމަށް ކުލެމުންދާ ޒުވާން ޑިފެންޑަރު ސާޖިއޯ ރެގުއިލަން އަށެވެ. ގިނަ އަނިޔާތަކާއި ފޯމު ނެތުމުގެ ސަބަބުން މާސެލޯއަށް ކުޅެން ލިބޭ ވަގުތު މި ސީޒަނުގައި މަދު ވެފައި ވުމުން އޭނަ އެ ކުލަބުގައި މަޑުކުރުމާއި މެދު ވަނީ ޝައްކުތަކެއް އުފެދިފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން މާސެލޯ މިވަގުތު ބޭނުން ވަނީ ރެއާލް ދޫކޮށް އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވާށެވެ. އޭނަގެ އެންމެ ގާތް އެކުވެރިޔާ ކުރިސްޓިއާނޯ ރޮނާލްޑޯ ރެއާލް ދޫކޮށް ދިއުމާއި ގުޅިގެން އެއް ރޭ އެއްކޮށް އޭނާ ރުއި ކަމަށް މާސެލޯ ވަނީ އެއްބަސް ވެފައެވެ. އަދި ރެއާލުން އޭނާ ބޭނުން ނޫން ނަމަ އެހެން ކުލަބަކަށް އޭނާ ބަދަލުވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
"އަހަރެން ރެއާލުން ވިއްކާލަން ބޭނުންވާ ލިސްޓުގައި ހިމެނިއްޖެ ނަމަ އެހެން ކުލަބަކާއި ގުޅެން މިހުރީ ތައްޔާރަށް،" ސްޕޭންގެ ނޫހެއް ކަމަށްވާ އެސްޕޯޓޭ އިންޓަރޭޓިވޯ އަށް މައުލޫމާތު ދެމުން މާސެލޯ ބުންޏެވެ.
މި ސީޒަނުގައި އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ނުދެއްކޭ ކަމަށާއި ފިޒިކަލް މައްސަލައެއް ނެތުނު ނަމަވެސް މިދިޔަ އަހަރުތަކާއި ހިލާފަށް މިއަހަރުގެ ސީޒަނުގައި ފޯމު ނެތް ކަމަށް އޭނާ ބުންޏެވެ.
" އަހަރެން ކުޅުމުގައި ކުރާ މަސައްކަތަށް އިތުބާރު ކުރަން. އަހަރެން މި ކުލަބަށް [ރެއާލް މެޑްރިޑް] އަށް ކޮށްދިން ހިދުމަތް ކުލަބުން ބަލައިގަންނާނެ ކަމަށް އުންމީދު ކުރި ނަމަވެސް ކުލަބު ދޫކޮށް ދާން ޖެހިއްޖެ ހާލަތެއްގައި ދާން މިހުރީ ތައްޔާރަށް،" މާސެލޯގެ ވާހަކައިގައި ބުންޏެވެ.
މި ސީޒަނުގައި މާސެލޯ ވަނީ ތިން ފަހަރަށް އަނިޔާވެ ކުޅުމާއި ދުރުގައި ދުވަސްތަކެއް ހޭދަ ކޮށްފައެވެ. އޭނާގެ ގިނަ ސަޕޯޓަރުން ބޭނުން ވަނީ އޭނަގެ އެންމެ ގާތް ރަހުމަތްތެރިޔާ އެއްކޮށް ކުޅުމަށް ޔުވެންޓަސްއަށް ދިއުމަަށް ކަމުގައި ވިޔަސް ރެއާލުން އޭނާ ބޭނުން ނަމަ ކުލަބުގައި މަޑު ކުރާނެ ކަމަށް މާސެލޯ ވަނީ ބުނެފައެވެ.