ޕްރައިމަރީން ބަލިވިޔަސް ވާދަކުރެވޭ ގޮތް ހެދުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ސްޕްރީމް ކޯޓު: ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަނުކުރެވޭ އިސްލާހު ބާތިލް ކުރުމަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް މާދަމާއަށް ވަނީ ތާވަލްކޮށްފައި --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާއަށް ތާވަލް ކޮށްފި އެވެ.

ޕްރައިމަރީގައި ވާދަކުރުމުން ބަލިވާ މީހުންނަށް އިންތިހާބުގައި ވާދަ ނުކުރެވޭގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައީ 2016 ވަނަ އަހަރު އެވެ.

ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް އޮތް މާއްދާ ބާތިލްކޮށް ދިނުމަށް ނުވަތަ ޕްރައިމަރީން ބަލިވިޔަސް، އަމިއްލަ ގޮތުން ކުރިމަތިލެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ދެ މައްސަލައެއް ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

އެގޮތުން އެ ދެ މައްސަލަ ހުށަހެޅުއްވީ، އެމްޑީޕީ ކާށިދޫ ދާއިރާގެ ޕްރައިމަރީން ބަލިވި، ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރާއި އެ ޕާޓީގެ ހިތަދޫ އުތުރު ދާއިރާ ޕްރައިމަރީން ބަލިވި، އަހްމަދު މުހައްމަދެވެ.

ސުޕްރީމް ކޯޓުން ވަނީ އެ ދެފާރަތުން ހުށަހެޅި ދެ މައްސަލަވެސް މާދަމާ ހެނދުނު 10:15 އަށް ތާވަލްކޮށްފައެވެ.

މި މައްސަލަ ބައްލަވަނީ ތާވަލްކޮށްފައިވަނީ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުންނެވެ.

comment ކޮމެންޓް