ސައޫދީއާ ގުޅުންތައް ގާއިމްކުރަން އިސްރާއީލުން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެ

ޓެލްއަވީވް (ފެބްރުއަރީ 9) : ސައޫދީއާ ގުޅުންތައް ގާއިމުކުރުމަށް އިސްރާއީލުން ކުރި އުންމީދުތައް ބިލާހަކަށް ވެގެން ހިނގައްޖެ ކަމަށް އިސްރާއީލުގެ ޗެނެލް ދިހައަކުން ބުނެފިއެވެ.

އިސްރާއީލު ސަރުކާރުގެ ތެރެއިން ލީކުވި ސިއްރު ޑޮކިއުމަންޓަކާ ހަވާލާދީ އެ ޗެނެލް ބުނިގޮތުގައި ފަލަސްތީނުގެ ދައުލަތެއް އުފައްދައި ނުދީ އަދި ފަލަސްތީނުގެ ރެފިއުޖީންނަށް ވަޒަނަށް އެނބުރި އައުމުގެ ހައްގުވެސް ނުދީ ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ހަދާފައި އޮންނަ އޮތުންވެސް އެގޮތަށް ބާއްވައިގެން ސައުދީއާ ގުޅުންތައް ގާއިމު ކުރުމަށް އިސްރާއީލުން ކުރި މަސައްކަތް މިހާރު މިވަގުތަށް ވަނީ އެއްކޮށް ނާކާމިޔާބުވެފައެވެ.

އިސްރާއީލުން ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ގުޅިގެން ކުރަން އުޅުނު އެ މަސައްކަތް ނާކާމިޔާބުކޮށްލެއްވީ ސީދާ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ކަމަށްވެސް އިސްރާއީލުގެ ޗެނެލް ދިހައަކުން ބުނެފައިވެއެވެ. މިގޮތުން ސަލްމާން ރަސްގެފާނު މިހާރުވަނީ ފަލަސްތީނާ ގުޅޭ މައްސަލަތައް ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އަތްޕުޅުން ނަންގަވާފައި ކަމަށްވެސް އެ ޗެނަލްއިން ބުނެފައިވެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފަލަސްތީނުގެ ދައުލަތެއް އުފައްދައިނުދީ ފަލަސްތީނުގެ ބިންތަކުން އިސްރާއީލުގެ ސިފައިން ނުބާލައި އަދި ފަލަސްތީނުގެ ރެފިއުޖީންނަށް ވަޒަނަށް އެނބުރި އައުމުގެ ހައްގުވެސް ނުދީ ގުދުސަކީވެސް އިސްރާއީލުގެ ވެރިރަށް ކަމަށް ހަދާފައި އޮންނައޮތުން އެގޮތަށް ބާއްވައިގެން ގަލްފުގެ އަރަބި ގައުމުތަކާއެކު ގުޅުންތައް ގާއިމުކުރުމުގެ މަސައްކަތް އިސްރާއީލު ކާމިޔާބުކަމާއެކު ކުރަމުން ގެންދާކަމަށް މިދިޔަ އަހަރު ވިދާޅުވެފައެވެ.

މިއާއެކު ދާދި އަވަހަށް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ގުދުސަށް ވަޑައިގަންނަވާނެ ކަމަށާ އިސްރާއީލުގެ މަސްއޫލުވެރިންވެސް ސައުދީއަށް ދަތުރުތައް ފައްޓަވާނެކަމަށް އިސްރާއީލުގެ އެކި މަސްއޫލުވެރިން ވަރަށް ފޯރިއާއެކު މިދިޔަ އަހަރު ވާހަކަދައްކަވައި ބަޔާންތައް ދެއްވާފައިވެއެވެ.

މިގޮތުން އިސްރާއީލުގެ ބައެއް މަސްއޫލުވެރިން ދާދިފަހުން ވަނީ ގަތަރަށާއި ބަހްރައިން އަދި ޔޫއޭއީއަށް ޒިޔާރަތްކުރައްވާފައެވެ. އަދި ނަތަންޔާހޫވެސް ވަނީ ގަލްފުގެ އަރަބި ގައުމެއްކަމަށްވާ އޮމާންއަށް ވަޑައިގެން އެގައުމުގެ ރަސްގެފާނު ގާބޫސް ބިން ސައީދުއާ ބައްދަލުކުރައްވާފައެވެ. މިއީ މިސްރާއި އުރުދުން ފިޔަވައި އިސްރާއީލުގެ ބޮޑުވަޒީރަކު އަރަބި ގައުމުތަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ނަމަވެސް އިސްރާއީލުގެ މަސްއޫލުވެރިއަކު ސައުދީއަށް ސިއްރިޔާތުގައިވެސް ވަޑައިގެންފައި ނުވާކަމަށާ އެއީ ސަލްމާން ރަސްގެފާނުގެ ދެކޮޅު ހެއްދެވުމުގެ ސަބަބުން ކަމަށް ޗެނެލް ދިހައެއް ބުނެއެވެ.

ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފާބައި ފަލަސްތީނުގެ ދައުލަތެއް އުފައްދައި ދިނުމަށްފަހުގައި ނޫނީ ސައުދީން އިސްރާއީލާއެކު އާދައިގެ ގުޅުންތައްވެސް ގާއިމް ނުކުރެވޭނެކަން އެމެރިކާ މެދުވެރިކޮށް ދާދިފަހުން ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އިސްރާއީލަށް އަންގަވާފައިވާ ކަމަށްވެސް ލީކުވި ޑޮކިއުމެންޓާ ހަވާލާދީ އިސްރާއީލުގެ ޗެނެލް ދިހައަކުން ވަނީ ބުނެފައެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް