ޓަގު ބޯޓެއްގެ މައްސަލާގައި 42 މިލިއަން ދައްކަން އެމްޕީއެލްއަށް އެންގީ ރަނގަޅަށް: ހައިކޯޓް

އެމްޕީއެލް ސަރަހައްދު---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބޭނުމަކަށް ސެންޓަ އެންޓަ ޕްރައިސަސްއިން ބަންނަމުން ދިޔަ ޓަގް ބޯޓެއް ބެލެހެއްޓުމުގެ އަގުގެ ގޮތުގައި 42 މިލިއަން ރުފިޔާ ދައްކަން އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.

މިދިއަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ސެންޓަ އެންޓަ ޕްރައިޒަސްއިންޓް ބޯޓޫ ބެލެހެއްޓުމުން ފީގެ ގޮތުގައި ދައްކަންޖެހޭ 42 މިލިއަން ރުފިޔާއަކީ ނުދައްކާ ހުރި ފައިސާކަން ސާބިތުވާ ކަމަށެވެ.

އެމައްސަލާގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ޓަގް ބޯޓު ބެލެހެއްޓުމުގެ ޒިންމާ ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން ސެންޓަ އެންޓަ ޕްރައިސަސްއާ ހަވާލުކުރުމަށް 2013 ވަނަ އަހަރު ނިންމާފައި ވަނީ އެމްޕީއެލްގެ އޮޑިޓް ކޮމިޓީންކަން އެނގެން އޮންނަ ކަމަށެވެ.

އަދި އެ ޓަގް ބޯޓު އެއްވެސް އަގަކާނުލާ ބަލަހައްޓަން 2014 އަހަރު ސެންޓަ އެންޓަ ޕްރައިސަސްއަށް އަންގާފައިވީ ނަމަވެސް އެހެން ބުނެވޭނެ ޖާގައެއް ނެތް ކަމަށް ހައިކޯޓް ހުކުމުގައި ވަނީ ބުނެފަ އެވެ.

އެމްޕީއެލްއިން ސެންޓަ އެންޓަ ޕްރައިސަސްއަށް 42 މިލިއަން ދައްކަން ސިވިލް ކޯޓުން ކުރި ހުކުމަށް މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވި ހުރިހާ ފަނޑިޔާރުން ވެސް ވަނީ ތާއީދު ކޮށްފަ އެވެ.

ސެންޓަ އެންޓަ ޕްރައިސައިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރި ޓަގް ބޯޓް ޕްރޮޖްކްޓެއްގެ މައްސަލާގައި އެ ކުންފުންޏަށް 160 މިލިއަން ރުފިޔާ ދައްކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ މައްޗަށް މީގެ ކުރިން ވަނީ ހުކުމް ކޮށްފަ އެވެ.

އެމްޕީއެލުން 160 މިލިއަން ރުފިޔާ ދައްކަން ޖެހުނީ ސެންޓަ އެންޓަ ޕްރައިސައިސަސް އާ ހަވާލު ކުރި ޓަގް ބޯޓު ބަނުމުގެ ޕްރޮޖެކްޓް ހުއްޓުވުމުން އައިޑަލް ޓައިމް ޗާޖު ހޯދަން ވަކި ވަކިން ކުރި ދެ ދައުވާ އަކަށެވެ.

comment ކޮމެންޓް