500 ހެލްމެޓް ދޫކުރާ ރޯޑް ޝޯއެއް ސޮލަރަލް އިން ބާއްވަން ނިންމައިފި

ސޮލަރަލް އާ އެކު މީޑިއާ ޕާޓްނާ އެއްބަސްވުމުގައި ސަން އިން ސޮއިކުރަނީ -- ސަން ފޮޓޯ/ އަވްޝަން

ރާއްޖޭގެ އެންމެ ފުރަތަމަ ޕްރައިވެޓް އިންޝުއަރެންސް ކުންފުނި ސޮލެރަލް އިންޝުއަރެންސްގެ މޮޓޯ އިންޝުއަރެންސް ޚިދުމަތް މެދުވެރިކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ގޮތުން، 500 ހެލްމެޓް ލިބޭ ޚާއްސަ ރޯޑް ޝޯއެއް ބޭއްވުމަށް ނިންމައިފި އެވެ.

"ސޮލަރެލް ސޭފްޓީ ރޯޑްޝޯ 2019"ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށްދާނީ ހުޅުމާލޭގެ ސެންޓްރަލް ޕާކާއި އައްޑޫ ސިޓީ ހިތަދޫގެ ސުވަދީވް ކެފޭ ހުންނަ ސަރަހައްދުގައި މި މަހުގެ އަށް ވަނަ ދުވަަހުން ފެށިގެން ނުވަ ވަނަ ދުވަހަށެވެ.

މި ޕްރޮމޯޝަނުގައި ހިލޭ 500 ހެލްމެޓް ބަހާ އިރު، ހެލްމެޓް ހޯދުމުގެ ފުރުސަތު ލިބޭނީ ސޮލަރެލް އިންޝުއަރަންސްގެ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން، "ދިރާގުޕޭ" މެދުވެރިކޮށް ސޮލަރެލް މޮޓޯ އިންޝުއަރަންސް ޕޮލިސީ ނަންގަވާ ފުރަތަމަ 500 ފަރާތަށެވެ.

ސަން އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، ސޮލެރެލް އިންޝުއަރެންސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަނޫރާ ޕެރޭރާ ވިދާޅުވީ، މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުމާ އެކު، އަމަލީ ގޮތުން އެކަން ކުރުމަށް މަގުފަހި ކޮށްދިނުމެވެ.

"މަގުމަތީގެ ރައްކާތެރިކަމަށް ހަމައެކަނި، ހޭލުންތެރިކުރުމަކުންނެއް ނުފުދޭ، އެއާ އެކު އިމްޕެކްޓް ވެސް އައިސްގެން އެދެވޭ ނަތީޖާއެއް ނުކުންނާނެ ކަމަށް ގަބޫލްކުރެވޭތީ، ހަމައެކަނި ލީފްލެޓެއް ދިނުމުގެ ބަދަލުގައި އެކަންކަމަށް އަމަލީ ސިފައެއް ގެނައުމަށް އެހީވުމަށް ހެލްމެޓް ބެހުމުގެ ހަރަކާތެއް ވެސް ކުރިއަށްދާނެ،" ސޮލެރަލް ކުންފުނީގެ އެމްޑީ އަދި ސީއީއޯ އަނޫރާ ވިދާޅުވި އެވެ.

https://sun.mv/114864

މީގެ ތިން އަހަރުކުރިން 2016 ވަނަ އަހަރު އުފެއްދި ސޮލަރެލް އިންޝުއަރެންސް ކުންފުންޏަކީ މި ދާއިރާއިން ރާއްޖޭގައި އުފެދުނު ދިވެހި ފުރަތަމަ ޕްރައިވެޓް އިންޝުއަރެންސް ކުންފުންޏަށް ވުމުގެ އިތުރުން، ތިން އަހަރު ތެރޭގައި ޓާންއޯވާގެ ގޮތުގައި 100 މިލިއަން ރުފިޔާ ހޯދި މިފަދަ ފުރަތަމަ ކުންފުންޏެވެ. ހަމައެއާ އެކު، ޓެކްނިކަލް ޕްރޮފިޓްގައި ކުންފުނި ހިންގަމުން އަންނައިރު، ސޮލަރެލްއިން ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ދުނިޔޭގެ އޭ-ރޭޓެޑް ނުވަތަ އެންމެ މަތީ ފަންތީގެ ރީއިންޝުއަރެންސް ކުންފުނިތަކާއި އެކުގައި ވުމަކީ މިކުންފުނީގެ އެންމެ ބޮޑު އެއް ކާމިޔާބީ ކަމުގައި ފާހަގަކުރެވެ އެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު މަގްސަދަކީ ކަސްޓަމަރުންނަށް އިތުބާރުކުރެވޭވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމާ އެކު، އިންޝުއާކުރެވުނުކަމުގެ ހިތްހަމަޖެހުމާއި އުފާ ހާސިލްކޮށްދިނުން،" އަނޫރާ ވިދާޅުވި އެވެ.

މީގެ އިތުރުން ސޮލެރަލްގައި ރާއްޖެ އާއި ރާއްޖެއިން ބޭރު، މި ދާއިރާ އިން ތައުލީމު ހާސިލްކޮށް ސްޕެޝަލައިޒް ވެފައިވާ ގާބިލް ފަރާތްތައް ހިމެނޭއިރު، ކުންފުނިން ދޭ ޚިދުމަތްތަކަކީ ވީހާ ވެސް ފަސޭހައިން ލިބޭ އަވަސް ޚިދުމަތްތަކަށް ވުމަކީ ކުންފުނީގެ މެނޭޖްމަންޓްގެ އަމާޒެކެވެ.

ސޮލެރަލް އިންޝުއަރެންސް އިން ޖެނެރަލް ހުރިހާ އިންޝުއަރެންސްގެ ޚިދުމަތްތައް ފޯރުކޮށްދެމުންދާއިރު، ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި ކުންފުނީގެ ޚިދުމަތްތައް ޑިޖިޓަލައިޒް ވެގެން ދާނޭކަމަށް ވެސް އަނޫރާ ވިދާޅުވި އެވެ. އެއާ އެކު، މެޑިކަލް ކްލެއިމްތަކުގައި ވެސް މޯބައިލް ފޯނުން ޑޮކިއުމަންޓްތައް އަޕްލޯޑް ކުރުމާ އެކު، އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދެވި، ހޮސްޕިޓަލްތަކުގައި ވެސް ޚިދުމަތް ބޭނުންކުރެވޭނެ ގޮތަށް ޚިދުމަތްތައް ފަރުމާ ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ފަސް ކުންފުންޏަކުން އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދެ އެވެ. އަދި މިއިންޑަސްޓްރީ އެއް އަހަރުން އަނެއް އަހަރަށް 15 އިންސައްތަ ކުރިއަރަމުން އަންނަ އިރު، މިކުންފުނީގެ ކުރިއެރުން ވެސް ވަނީ 45 އިންސައްތައަށް ކުރިއަރައިފަ އެވެ. ނަމަވެސް ގިނަ ފަރާތްތަކަކުން އަދި ވެސް ރާއްޖެއިން ބޭރުގެ ކުންފުނިތަކުން އިންޝުއަރެންސް ކުރަމުންދާކަން އަނޫރާ ފާހަގަކުރެއްވި އެވެ. މިކަމަކީ ރާއްޖޭގެ އިންޝުއަރެންސް ކުންފުނިތަކަށް އޮތް ގޮންޖެހުމެއް ކަމަށް ވެސް އަނޫރާ ވިދާޅުވި އެވެ. އަދި މިދާއިރާ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ޓަކައި އެކަށީގެންވާ ޤާނޫނުތަކާއި ޤަވާޢިދުތައް ކަމާ ބެހޭ ފަރާތްތަކުން އެކުލަވާލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސޮލެރަލް ކުންފުންޏާއި ދިރާގުން މި ހަރަކާތް ކުރިއަށް ގެންދަން ނިންމާފައިވާއިރު، ސަރުކާރުން ވަނީ މާރިޗު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސިނަމާލެ ބްރިޖާއި ހުޅުމާލެ ހައިވޭ ހުރަސްކުރުމަށާއި މާލޭ ރިންގް ރޯޑުގައި ސައިކަލު ދުއްވޭނީ ހެލްމެޓު އަޅައިގެންކަމަށް ނިންމައިފަ އެވެ.

މި އިވެންޓްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.

comment ކޮމެންޓް