15000 ރުފިޔާގެ ފައިސާގެ އިނާމް ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފައްޓައިފި

ބީއެމްއެލް އިސްލާމިކް އާ ބެހޭ މައުލޫމާތު ދުވަސްވީ މީހަކާ ހިއްސާކުރަނީ -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިސްލާމިކްގެ ސޭވިންގްސް އެކައުންޓާއި ވަދީއާ އެކައުންޓާއި އަދި އިންވެސްޓްމަންޓް އެކައުންޓު ހުޅުވައިގެން 15،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ބީއެމްއެލް އިސްލާމިކް އެކައުންޓް ހުޅުވާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ފަރާތަކަށް 15،000 ރުފިޔާ އަދި އިތުރު ތިން ފަރާތަކަށް 5،000 ރުފިޔާގެ އިނާމެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

ބީއެމްއެލް އިސްލާމިކްގެ ޕްރޮމޯޝަން

މި ޕްރޮމޯޝަންގެ މައުލޫމާތު ކުންފުނިތަކުގެ މުވައްޒަފުންނާއި، ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ދިނުމަށް ހާއްސަ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، އެކައުންޓް ހުޅުވަން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހައިން އެކައުންޓް ހުޅުވުމަށް އެދި ހުށަހެޅޭނެ ގޮތް ހަމަޖައްސާފައިވާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިސްލާމިކުން ވަނީ ދާދިފަހުން ބީއެމްއެލް އިސްލާމިކް ސޭވިންގްސް އެކައުންޓް އާއި ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވަ އެކައުންޓް އަދި ބީއެމްއެލް އިސްލާމިކް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް ތައާރަފްކޮށްފަ އެވެ.

ބީއެމްއެލް އިސްލާމިކް ސޭވިންގްސް އެކައުންޓަކީ ފަހަށް ފައިސާ ރައްކާކޮށް އަދި އެ ފައިސާއިން ފައިދާ ހޯދައިދިނުމުގެ ގޮތުން އަމިއްލަ ފަރުދުންނަށް ތަޢާރަފުކުރި ހިދުމަތެކެވެ.

ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވާ އެކައުންޓް އަކީ 18 އަހަރުން ދަށުގެ ކުދިންނަށް އިސްލާމިކު ބޭންކިންގް ހިދުމަތް ދިނުމަށްޓަކައި ތަޢާރަފުކުރި އެކައުންޓެކެވެ. ބީއެމްއެލް އިސްލާމިކް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކީ ޝަރީއާ ހުއްދަކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަކި މުއްދަތަކަށް ފައިސާ ރައްކާކުރުމަށްޓަކައި އަމިއްލަ ފަރުދުންނާއި ވިޔަފާރި ކުންފުނިތަކަށް ހާއްސަކޮށް ތައާރަފުކުރި އިންވެސްޓްމަންޓް އެކައުންޓެކެވެ.

ބީއެމްއެލް އިން ބުނީ ބީއެމްއެލް އިސްލާމިކް ހިދުމަތްތައް ފަރުމާ ކުރެވިފައި ވަނީ އިސްލާމިކް ބޭންކިންގް އާ ގުޅޭ ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ކަމަށެވެ. ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީ ވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައި ކަމަށާއި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުއީ ހަމަތަކަށް ފެތޭ ކަންކަމަށް ކަމަށް އެ ބޭންކުން ބުނެ އެވެ.

އޭގެ އިތުރުން އެ މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުން ކަމަށް ބީއެމްލް އިން ބުނެ އެވެ.

comment ކޮމެންޓް