"ރަށު ޓޫރިޒަމް ފުޅާކުރަން އަދިވެސް އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރަންޖެހޭ"

ކ. މާފުށީ މަގެއްގެ މަތީން ފަތުރުވެރީންތަކެއް ދަނީ-- ސަން ފޮޓޯ: މުޒައްޔިން ނާޒިމް

ގެސްޓު ހައުސް ވިޔަފާރި ފުޅާކޮށް، ރަށު ޓޫރިޒަމް ކުރިއެރުވެން އޮތީ އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށް ވުރެ ވެސް ހެޔޮކޮށްގެން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އަލީ ވަހީދު ވިދާޅުވީ ރަށްރަށަށް ދިއުމުން އެ ރަށްރަށުގެ ރައްޔިތުންގެ ފަރާތުން އިވޭ އެންމެ ބޮޑު ވާހަކަ އަކީ ފަތުރުވެރިން ރަށަށް ގެންނަން ބޭނުންވާ ވާހަކަ ކަމަށެވެ.

"އެ މީހުން އަތުގަޔޭ އޮތީ ޖީބަށް ވަންނަން އަންނާނެ ޑޮލަރު ދަބަސް. އެ ދަބަސް އެބަ އަންނަންޖެހެޔޭ ރައްޔިތުން އެބަ ބުނޭ،" މިނިސްޓަރު ވިދާޅުވީ ރަށްރަށަށް ދަތުރުކުރަން ފަތުރުވެރިން ބޮޑު އެއްޗެއް ހޭދަކުރަން ޖެހޭ ކަމަށެވެ.

ގެސްޓްހައުސް ސިމްޕޯޒިއަމް 2018 ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

"ހާއްސަކޮށް މާލެއާ ދުރު ސަރަހައްދުތަކަށް ދަތުރުކުރާ ނަމަ އެބަ ހަރަދުވޭ ވަރަށް ބޮޑު އެއްޗެއް. އައިލެންޑު ޓޫރިޒަމް އަށް އަންނަ މީހުންނަކީ ބަޖެޓު ޓްރެވެލާސް. އެމީހުން ބަލާނެ ގެސްޓުހައުސް ރީތިވުމުގެ އިތުރަށް ތިމަންނާއަށް ކިހާވަރަކަށްތޯ ގޮސްފައި އާދެވެނީ. ބައެއް ފަހަރު މާލެ އިން ދެކުނަށް ގޮސްފައި އަންނަން އެބަ ހަރަދުވޭ ޔޫރަޕަށް ގޮސްފައި އަންނަ ވަރު،" މިނިސްޓަރު ވިދާޅުވި އެވެ. އެއާޕޯޓުތައް ތަރައްގީ ވަމުން އަންނައިރު ފަތުރުވެރިންނަށް ހާއްސަ ފެއާތަކެއް ކަނޑައެޅުމަކީ މުހިއްމުކަމެއް ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އައްޑޫ ސިޓީ ގަމުގައި ހުންނަ އީކުއޭޓާ ވިލެޖު --

އަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ ވައުދާ އެއްގޮތަށް އެތެރޭގެ އުދުހުންތަކުގެ އަގު މިހާރު ހެޔޮވެފައިވީ ނަމަވެސް ފަތުރުވެރިންނަށް ހާއްސަ އަގުތަކެއް ކަނޑައެޅުމަށް އަދިވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. ރާއްޖޭގެ ސަރަހައްދުތަކަށް ތަރައްގީ ފުޅާކުރަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރު ފުޅާނުވެ އޮތުން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

"ޓޫރިސްޓުންނަށް ހާއްސަ ފެއާއެއް ކަނޑައަޅައި އެ އަގަށް ދަތުރުކުރެވޭނެ ގޮތެއް ހޯދުމަކީ މި އަހަރު ވަރަށް ބޮޑަށް ފޯކަސް ކުރާނެ ކަމެއް. ހެޔޮއަގުގައި ގެސްޓުންނަށް ދަތުރު ކުރެވޭނެ ގޮތެއް އޮތުމަކީ ގެސްޓުހައުސް ވިޔަފާރި ކުރިއެރުވުމަށް މުހިއްމު ކަމެއް،"

comment ކޮމެންޓް