މިޔަންމާ ސިފައިންގެ ވެރިޔާ ގެ މައްޗަށް ދައުވާ ކުރުމަށް އދ. އިން ގޮވާލައިފި

ރޮހިންގްޔާ މުސްލިމުން އަނިޔާވެރިކަން ތަހައްމަލް ކުރަނީ

އދ. މަޖިލިސް (26 ޖަނަވަރީ 2019): މިޔަންމާގެ ސިފައިން ރޮހިންގްޔާ މުސްލިމުންނާ ދެކޮޅަށް ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ގުޅިގެން އެ ގައުމުގެ ސިފައިންގެ ވެރިޔާ ޖެނެރަލް މިން އައުން ހައިންގް ގެ މައްޗަށް ބައިނަލްއަގްވާމި ގޮތުން ދައުވާ ކުރުމަށް އދ. އިން ގޮވާލައިފިއެވެ.

މިކަމަށް ގޮވާލައްވަމުން މިޔަންމާގެ އިންސާނީ ހައްގުތަކާބެހޭ މައްސަލަތައް ބެލުމަށް އދ. އިން ކަނޑައަޅާފައިވާ ޚާއްސަ މުގައްރިރު ޔަންގީ ލީ ވިދާޅުވީ ރޮހިންގްޔާ މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ މައްސަލާގައި މިޔަންމާ ސިފައިންގެ އިސްކޮމާންޑަރުގެ ހައިޘިއްޔަތުން ޖެނެރަލް މިން އައުން ހައިންގް ޒިންމާވެ ވަޑައިގަންނަވަންޖެހޭނެ ކަމަށާ އެމައްސަލާގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓްގައި އޭނާގެ މައްޗަށް ދައުވާކުރެވެންޖެހޭ ކަމުގައެވެ.

މިކަންކުރެވޭނީ އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްގެން ކަމަށް ޑިޕްލޮމެޓުން ވިދާޅުވެއެވެ.

ރޮހިންގްޔާއިންނަށް އަނިޔާކުރި މައްސަލަ ތަހްގީގްކުރުމަށްފަހު އދ. ގެ ޚާއްސަ ޓީމުން މިދިޔައަހަރު ނެރުނު ރިޕޯޓްގައި މިޔަންމާގެ ސިފައިންނާއި ހަރުކަށި ބުޑިސްޓުން ރޮހިންގްޔާއިންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގާފައިވާ ކަމުގެ ހެކި ފެންނަ ހުރިކަން ބަޔާންކޮށްފައިވެއެވެ. އަދި އެ ޖަރީމާތަކުގެ ފަހަތުގައި ތިއްބެވި ކަމުގެ ތުހުމަތުގައި މިޔަންމާ ސިފައިންގެ ވެރިޔާ ޖެނެރަލް މިން އައުންގް ގެ އިތުރުން އެގައުމުގެ ސިފައިންގެ އިތުރު ފަސް ޖެނެރަލެއްގެ މައްޗަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގައި ދައުވާ ކުރުމަށް ވެސް އެދިފައިވެއެވެ.

ރަކާން ސްޓޭޓުގައި މިޔަންމާގެ ސިފައިން 2017 ވަނައަހަރު ހިންގި ޖަރީމާތަކާ ގުޅިގެން ރޮހިންގްޔާއިންގެ ހަސަތޭކަ ހާސްމީހުން ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ބަންގްލަދޭޝަށް ހިޖްރަކޮށްފައިވާއިރު ރޮހިންގްޔާއިންގެ އެތަށް ސަތޭކަ ބަޔަކު މަރާލައި އެތަށް ހާސް އަންހެނުން ރޭޕްކޮށްފައިވާ ކަން އދ. ގެ މިޝަންގެ ތަހްގީގްތަކުން ހާމަވެފައިވެއެވެ. ނަމަވެސް މިޔަންމާ ސަރުކާރުންވަނީ އެގައުމުގެ ސިފައިންގެ އޮފްސަރުންގެ މައްޗަށް ބައިނަލްއަގްވާމީ ގޮތުން ދައުވާ ކުރުމަށް ދެކޮޅު ހަދާފައެވެ. އަދި އެގައުމުން އަމިއްލައަށް ވަނީ ތަހްގީގެއްކުރުމަށްފަހު ސިފައިންގެ ބައެއް ފަރާތްތަކާ ދެކޮޅަށް އާދައިގެ ފިޔަވަޅުތަކެއް އަޅާފައެވެ.

މިއީ ރޮހިންގްޔާއިންނާ ދެކޮޅަށް ހިންގި ޖަރީމާތަކުން ރެކިގަތުމަށާއި އެކަމުގެ ފަހަތުގައިވާ ފަރާތްތަކުގެ ހަގީގަތް އޮޅުވާލުމަށް މިޔަންމާ ސަރުކާރުން ހިންގި ކަމެއްކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންވަނީ ތުހުމަތުކޮށްފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް