ތޫފާން މޮކާ: 145 މީހުން މަރުވެ، އަށް ލައްކަ މީހުން ހާލުގައި ޖެހިފައި

ތޫފާން މޮކާގެ ސަބަބުން މިޔަންމާއަށް ބޮޑެތި ގެއްލުންތަކެއް---- ފޮޓޯ/ ގެޓީ އިމޭޖަސް

މިޔަންމާއަށް މިހާތަނަށް އެރި އެންމެ ބާރުގަދަ އެއް ތޫފާން ކަމަށްވާ "މޮކާ"ގައި އެ ގައުމުގެ 145 މީހަކު މަރުވެ އަށް ލައްކަ މީހުން ހާލުގައި ޖެހިއްޖެއެވެ.

މިދިޔަ އާދީއްތަ ދުވަހު އެ ގައުމަށް އެރި ތޫފާން މޯކާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އެއް މިލިއަނެއްހާ ރެފިއުޖީން ދިރިއުޅެމުންދާ ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕަށް ނިސްބަތްވާ ރޮހިންޖާ ދަރިކޮޅުގެ މީހުންނެވެ. އެގޮތުން މަރުވި މީހުންގެ ތެރޭގައި ހަތަރު ސިފައިންނާއި 24 އާންމުންގެ މީހަކު ހިމެނޭއިރު ރޮހިންޖާ ދަރިކޮޅަށް ނިސްބަތްވާ 117 މީހުން ވަނީ މަރުވެފައެވެ.

ބީބީސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ތޫފާން މޮކާގައި ގަޑިއަކު ގާތްގަނޑަކަށް 209 ކިލޯމީޓަރު (130 މޭލު) ބާރުމިނުގައި ވައިގަދަ ވާނެއެވެ. އަދި, މި ތޫފާނަކީ ކެޓަގަރީ ފަހެއްގެ ތޫފާނެކެވެ.

މީގެ ސަބަބުން މިޔަންމާގެ ހުޅަނގުގެ ސަރަޙައްދުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެތައް ސަތޭކަ ގެއަކާއި އިމާރާތްތައް ވެއްޓިފައިވާއިރު، މުވާސަލާތީ ކަންކަމަށް ވަނީ ވަރަށް ބޮޮޑަށް ދަތިވެފައެވެ. އަދި، ގެއްލިފައިވާ އެތައް ބަޔަކު އަދިވެސް ވަނީ ނުހޯދިއެވެ.

ތޫފާން އެންމެ ފުރަތަމަ އަރާފައި ވަނީ ބަންގްލަދޭޝްގެ ސެއިންޓް މާޓިން އައިލެންޑަށެވެ. އެއަށް ފަހު މިޔަންމާއަށެވެ.

އަވަށްޓެރި ބަންގްލަދޭޝްގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

އެންމެ ފަހުން މިވަރުގެ ބާރުގަދަ ތޫފާނެއް މިޔަންމާއަށް އަރާފައިވަނީ 2010ވަނަ އަހަރުއެވެ. އެ އަހަރުގެ އޮކްޓޯބަރު މަހު އުފެދުނު ޓްރޮޕިކަލް ސައިކްލޯން ގިރީ އަރާފައިވަނީ ކެޓަގަރީ ހަތަރެއްގެ ބާރުގަދަ ތޫފާނެއްގެ ގޮތުގައެވެ.

އެ ތޫފާނުގައި 150އަށް ވުރެ ގިނަ މީހުން މަރުވެ، ކިޔުކްޕިއު ސިޓީގެ ގާތްގަނޑަކަށް 70 އިންސައްތަ ސުންނާފަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް