ރައީސުންނަށް މަޖިލީހަށް ކުރިމަތި ނުލެވޭ އިސްލާހާ އުމަރު ދެކޮޅު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު --

ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދެކޮޅު ހައްދަވައިފި އެވެ.

ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް މަޖިލީހަށް ކުރިމަތި ނުލެވޭގޮތަށް ގާނޫނަށް ބަދަލު ގެންނަން މަޖިލީހަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ. އެ އިސްލާހު ހުށަހަހެޅުއްވީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޓާގެޓްކޮށްގެން ކަމަށް އެމްޑީޕީން ބުނެ އެވެ.

މިއަދު އުމަރު އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވަނީ ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތި ނުލެވޭ އިސްލާހު ފާސްކުރަން ޕީޕީއެން ޖޭޕީ އަދި އެމްޑީޕީ ހިމެނޭ ގޮތަށް އެއްވެސް މެމްބަރަކު ވޯޓު ނުދެއްވާނެ ކަަމަށް އުންމީދުކުރާ ކަމަށެވެ. އަދި އުސޫލާއި ހަމަ އަބަދުވެސް ހިފަހައްޓަން ޖެހޭނެ ކަމަށް އުމަރު ވިދާޅުވި އެވެ.

މީގެކުރިން 65 އަހަރުވީ މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ވާހަކަ އުމަރު ފާހަގަ ކުރި އެވެ. ވިދާޅުވީ އެ އިސްލާހަށް އެމްއެމްޕީއާރުސީގެ ކަޅުފައިސާގައި ޖެހިގެން އެމްޑީޕީގެ މެމްބަރުން ވޯޓު ދެއްވި ކަމަށެވެ.

ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް މަޖިލީހަށް ކުރިމަތިނުލެވޭ އިސްލާހަށް ޖުމްހޫރީ ޕާޓީންވެސް ތާއީދެއް ނުކުރެ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ތާއީދެއް ނުކުރައްވަ އެވެ. އެމަނިކުފާނު ވިދާޅުވީ އެ އިސްލާހު ފާސްވިޔަސް ތަސްދީގު ނުކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް