ބަންގުލަދޭޝްގެ ބޯޑަރުގައި ތިބި ރޮހިންގާ ބަޔަކު އިންޑިއާ އިން ހައްޔަރުކޮށްފި

އިންޑިއާ އާއި ބަންގުލަދޭޝް ގުޅޭ ބޯޑަރު ކައިރިން ހައްޔަރު ކުރި ރޮހިންގާ ދަރިކޮޅުގެ އަންހެނަކާއި ކުޑަކުއްޖެއް -- ފޮޓޯ: ރޮއިޓާސް

އަގަރުތަލާ (ޖެނުއަރީ 23): އިންޑިއާ އާއި ބަންގުލަދޭޝް ގުޅޭ ބޯޑަރު ކައިރީ ތިބި ރޮހިންގާ ދަރިކޮޅުގެ 31 މީހަކު އިންޑިއާ ފުލުހުން ހައްޔަރުކޮށްފި އެވެ.

ސޯޅަ ކުޑަކުދިންނާއި ހަ އަންހެނުން ހިމެނޭ އެގުރޫޕު އިންޑިއާ އިން ހައްޔަރު ކުރީ، އެމީހުން ބަންގުލަދޭޝްއަށް ދާން ބޯޑަރު ކައިރިއަށް ދިޔުމުން އެ ގައުމަށް ވަނުމުގެ ހުއްދަ ބޯޑަރު އޮފިޝަލުން ނުދިނުމުންނެވެ. އޭގެ ސަބަބުން އެމީހުން ދެ ގައުމުގެ ބޯޑަރުގައި ތާށިވެފައި ތިބޭތާ ހަތަރު ދުވަސްވެއްޖެ އެވެ.

އިންޑިއާ އިން 14 ދުވަހަށް ހައްޔަރު ކުރަން ނިންމި މީހުންގެ ތެރޭގައި ހިމެނޭ ޝަހުޖިދާ ބޭގަމް ބުނި ގޮތުގައި އެމީހުން ދެ ގައުމުގެ ބޯޑަރު ހުރަސް މަސައްކަތް ކުރީ ބަންގުލަދޭޝް މީހެއްގެ އެހީއާ އެކުގަ އެވެ. އެމީހާ ވަނީ 11 ޑޮލަރަށް ކޮންމެ އާއިލާއެއް ވެސް ބަންގުލަދޭޝްއަށް ގެންގޮސްދޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ބަންގުލަދޭޝްގެ ބޯޑާ ގާޑުން (ބީޖީބީ) އިން އެމީހުން ހިފެހެއްޓުމުން، އޭނާ ފިލީ އެވެ.

ބޭގަމް ބުނި ގޮތުގައި ބީޖީބީން ވަނީ އެމީހުން ހިފަހެއްޓުމަށް ފަހު އަނިޔާކޮށް، އދ.ގެ ރެފިއުޖީ އޭޖެންސީ (ޔޫއެންއެޗްސީއާރު)އިން އެމީހުންނަށް ދީފައިވާ ކާޑު އަތުލާފައިވާ ކަމަށް ބުނެފަ އެވެ.

"ބީޖީބީން އަހަންނަށާއި ދަރިންނަށާއި މަންމައަށާއި ފިރިމީހާއަށް ވެސް އަނިޔާ ކުރި. އަހަރެމެން ބަނޑުހައި ވެފައި ތިބި އިރު އެމީހުން ކާނާ އާއި ފެންވެސް ނުދޭ. އަހަރެންގެ ދަރިފުޅު އުޅެނީ ބަލިވެ އެކަމަކު ބޭހެއް ވެސް ނުލިބޭ،" ބޭގަމް ބުންޏެވެ.

ނަމަވެސް އިންޑިއާގެ ފުލުހުން ވަނީ އެވާހަކަތައް ދޮގުކޮށްފަ އެވެ. އަދި އެމީހުން ހައްޔަރުކޮށްފައި ވަނީ ގަވާއިދާ ހިލާފަށް އެގައުމަށް ވަންނަން އުޅެނިކޮށް ކަމަށާއި ހައްޔަރު ކުރި މީހުންގެ އަތުން ޔޫއެންއެޗްސީއާރުގެ ކާޑެއް ފެނިފައި ނުވާ ކަމަށް ބުނެފަ އެވެ.

އިންޑިއާގެ ހޯމް މިނިސްޓްރީން ބުނާ ގޮތުގައި އެގައުމުގައި ރޮހިންގާ ދަރިކޮޅުގެ 40،000 މީހުން ދިރިއުޅެ އެވެ. އޭގެ ތެރެއިން 18،000 މީހުން ވަނީ ރެފިއުޖީންގެ ގޮތުގައި ނުވަތަ ހިމާޔަތް ހޯދާ މީހުންގެ ގޮތުގައި ރެޖިސްޓާ ކޮށްފައި ކަމަށް ޔޫއެންއެޗްސީއާރުން ބުންޏެވެ.

އިންޑިއާ އިން ދެކޭ ގޮތުގައި ރޮހިންގާއިންނަކީ ގަވާއިދާ ހިލާފަށް އެގައުމަށް އެތެރެވެފައިވާ އަދި އެގައުމުގެ ސަލާމަތަށް ނުރައްކަލަކަށް ވެދާނެ ބަޔެކެވެ. އެހެންކަމުން އެގައުމުގެ ސަރުކާރުން ވަނީ އިންޑިއާގައި ދިރިއުޅޭ ރޮހިންގާއިން ހޯދައި އެމީހުން މިޔަންމާއަށް އަނބުރާ ފޮނުވާލުމަށް އަންގާފަ އެވެ.

އޭގެ ސަބަބުން ފާއިތުވި ހަފްތާތަކުގެ ތެރޭގައި 1،300 ރޮހިންގާއިން ވަނީ އިންޑިއާ ދޫކޮށް ބަންގުލަދޭޝްއަށް ގޮސްފަ އެވެ.

މިޔަންމާގެ އަސްކަރިއްޔާ އިން 2017 ވަނަ އަހަރު އެގައުމުގެ ރޮހިންގާއިންނާ ދެކޮޅަށް ފެށި އަނިޔާވެރި އޮޕަރޭޝަނަކާ ގުޅިގެން 700،000 އަށް ވުރެ ގިނަ ރޮހިންގާއިން ވަނީ އެގައުމު ދޫކޮށް ގޮސްފަ އެވެ. އަދި އެންމެ ގިނަ އަދަދެއްގެ ރޮހިންގާ ރެފިއުޖީން ދިރިއުޅެމުން ދަނީ ބަންގުލަދޭޝްގައި ހުންނަ ކޭމްޕުތަކުގަ އެވެ.

comment ކޮމެންޓް