ގިނަ ބައެއް ހައިރާން ކޮށްލާފައި ބޮއެޓެންގް ބާސެލޯނާއަށް

ކެވިން ޕްރިންސް ބޮއެޓަންގް -- ފޮޓޯ / ބާސެލޯނާ އޮފިސަލް މީޑިއާ

އޭސީ މިލާންގެ ކުރީގެ ތަރި ޕްރިންސް ބޮއެޓޭންގް މި ސީޒަނުގެ ނިޔަލަށް ލޯނު އެއްބަސް ވުމެއްގެ ދަށުން ބާސެލޯނާ އަށް ބަދަލުވެ، ގިނަ ބަޔަކަށް ހައިރާންކަން ގެނުވައިފި އެވެ.

އުމުރުން 31 އަހަރުގެ ބޮއެޓެންގް ސްޕެނިޝް ލީގުގެ ޓީމަކަށް ގުޅުނު މީ ދެވަނަ ފަހަރެވެ. ލަސް ޕާލްމަސްގައި ކުރިން ކުޅެފައިވާ ބޮއެޓޭންގްގެ ކުޅުމަށް ބަލައި މި ސީޒަން ނިމުމުގެ ކުރިން އަށް މިލިއަން ޑޮލަރަށް އޭނާ ގަނެ ޓީމުގައި ބެހެއްޓުމުގެ ބާރު ބާސެލޯނާއަށް ލިބިފައިވެ އެވެ.

ކުރީގެ ގާނާގެ މިޑްފީލްޑަރު ޕްރިންސް ބޮއެޓެންގް ބާސެލޯނާއަށް ސޮއި ކުރުމަކީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމެކެވެ. ސަބަބަކީ ވޭތުވެ ދިޔަ އަހަރުތަކުގައި ބޮއެޓެންގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިފައި ނުވުމާ އެކު އޭނާ ގިނަ ކްލަބުތަކަކަށް ކުޅެ، މާ ބޮޑު ކާމިޔާބީތަކެއް ހޯދިފައި ނުވާތީ އެވެ.

ކެވިން ޕްރިންސް ބޮއެޓަންގް -- ފޮޓޯ / ރަޔާން ބެންސަން

ބާސެލޯނާ އިން ބޯޓެންގް ގެނަސްފައި ވަނީ އެ ޓީމުގެ ކުރިއަށް ކުޅެމުން ދިޔަ މުނީރް އެލް ހަދީދީ އެ ޓީމު ދޫކޮށް ދިއުމާ ގުޅިގެންނެވެ. އެ ޓީމުގެ ކޯޗު އާނެސްޓޯ ވާލްވާޑޭ ގަބޫލު ކުރާ ގޮތުގައި ބޮއެޓެންގެ ތަޖުރިބާގެ އަލީގައި ޓީމަށް ހޭނުމަށް މާ ގިނަ ދުވަސް ނުނަގާނެ އެވެ.

ބޮއެޓެންގެ އޭނަގެ ޕުރޮފެޝަނަލް ފުޓުބޯޅަ ކަރިއަރު ފަށާފައި ވަނީ ޖަރުމަނުގެ ހާތާ ބާލިންގަ އެވެ. އޭނަގެ ކުޅުން ގިނަ ބައެއްގެ ލޮލުގައި އަޅައިގަނެ އިނގިރޭސި ވިލާތުގެ ޓޮޓެންހާމްއަށް ބޮއެޓެންގް ބަދަލުވި އެވެ. ނަމަވެސް އޭނާގެ ފަރާތުން މާ އެދެވޭ ކުޅުމެއް އެ ޓީމުން ފެނިފައެއް ނުވެ އެވެ.

ޔޫރަޕޫގެ އެތަން މިތާގައި ކުޅުމަށް ފަހު ބާސެލޯނާއަށް ބޮއެޓެންގް ބަދަލުވީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގެ 10 ވަނަ ކުލަބުގެ ގޮތުގަ އެވެ. ބޮއެޓަންގް ގިނަ ކުލަބުތަކަށް ކުޅެ ގިނަ ތަޖުރިބާ ހުރުމަކީ އޭނާ ބާސެލޯނާއަށް ގެނައުމުގެ އެންމެ ބޮޑު އެއް ސަބަބު ކަމުގައި ބާސެލޯނާގެ ކޯޗު ބުނެފައިވެ އެވެ.

comment ކޮމެންޓް