ހެންވޭރު ހުޅަނގު މަޖިލީސް ގޮނޑިއަށް ނާޒިމާ ވާދަކުރަން ނިންމައިފި

ނާޒިމާ: ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ހެންވޭރު ހުޅުނގު ދާއިރާގެ ގޮނޑިއަށް ވާދަކުުރުމަށް އޭނާ ވަނީ ނިންމާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވަސް (އެފްއޭމް)ގެ ނައިބް ރައީސް އައިޝަތު ނާޒިމާ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކަށް ވާދަކުރުމަށް ނިންމައިފި އެވެ.

ދާދިފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތް ނާޒިމާ މިރޭ ފޭސްބްކް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ކާމިޔާބު ކުޅިވަރު ހަޔާތަކަށް ފަހު، އަންނަ އެޕްރީލް މަހު ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގައި އޭނާ ނިސަބަތްވާ ހެންވޭރު ހުޅަނގު ދާއިރާއަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލޯގޯއާ އެކު މިރޭ ނާޒިމާ އާންމު ކުރި ޕޯސްޓްގައި ވަނީ، ހެންވޭރު ހުޅަނގު ދާއިރާގެ އެންމެހާ ރައްޔިތުން އޭނާއަށް ތާއީދުކޮށްދެއްވަން އެދޭ ކަމަށެވެ.

ނަމަވެސް އަދި ޖުމްހޫރީ ޕާޓީ އިން މަޖިލިސް އިންތިހާބަށް ޓިކެޓް އެއްވެސް ބޭފުޅަކަށް ހަވާލުކޮށްފައެއް ނުވެ އެވެ.

ހެންވޭރު ހުޅަނގު ދާއިރާއަކީ މި އަހަރު އަލަށް އުފެއްދި ދާއިރާއެކެވެ. އެ ދާއިރާގެ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް ވާދަ ކުރައްވަ އެވެ.

comment ކޮމެންޓް