ހައްޖު މިޝަންގެ ޚަރަދު: ފަސް މީހުންނަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ

ދިވެހި ޙައްޖު ވެރިން--- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މި އަހަރުގެ ހައްޖު ދަތުރުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން މައްކާގައި ގާއިމްކުރި ހައްޖު މިޝަންގައި މަސައްކަތް ކުރުމަށް ރާއްޖެއިން ފޮނުވި މީހުންނަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ހައްޖު ކޯޕަރޭޝަނުން މިއަހަރުގެ ހައްޖު ދަތުރުގައި ކުރި ޚަރަދުގެ ތަފްސީލް ލިޔުމުން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލުގެ ޖަވާބު މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.

އެގޮތުން، މިނިސްޓްރީން ހާމަކުރި މައުލޫމާތަށް ބަލާއިރު، 1443 ވަނަ އަހަރުގެ ހައްޖު މިޝަންގައި ހިމެނުނު ފަސް މީހުންގެ ދެކޮޅު ޓިކެޓަށް ބައި ލައްކައެއްހާ ރުފިޔާ ޚަރަދުވިއިރު 48 ދުވަހުގެ ހުރުމާއި ކެއުމަށް ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ޕޮކެޓް މަނީގެ ގޮތުގައި 12،000 ރުފިޔާ ދީފައިވާއިރު، އިމަޖެންސީ ހާލަތްތަކުގައި ކަމެއް ދިމާވެއްޖެ ނަމަ ބޭނުންކުރުމަށް 154،200 ރުފިޔާ ކަނޑައަޅާފައިވެއެވެ.

ހައްޖު ކޯޕަރޭޝަނުގެ ދަށުން ހައްޖަށް ގެންދިޔަ މީހުން މައްކާ ހޮޓެލްގައި ހުރުމަށް 39.7 މިލިއަން ރުފިޔާ، އަދި މަދީނާ ހޮޓެލުގައި ހުރުމަށް 1.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއަހަރުގެ ދަތުރުގައި އަމީރުލް ހައްޖުގެ ހައިސިއްޔަތުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކުރެއްވި ދަތުރަށް ޚަރަދުވެފައި ވަނީ 10.6 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ހައްޖު ދަތުރަށް ހައްޖު ކޯޕަރޭޝަނުން ޚަރަދުކޮށްފައިވަނީ ޖުމްލަ 52.1 މިލިއަން ރުފިޔާއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު އަމިއްލަ ގޮތުން ފައިސާ ދައްކައިގެން އެއްވެސް މީހަކު ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ގެންގޮސްފައި ނުވާނެ ކަމަށާއި، ދައުލަތުގެ ބަޖެޓުންވެސް މިކަމަށް އެއްވެސް ހަރަދެއް ކޮށްފައި ނުވާނެކަން ހައްޖު ކޯޕަރޭޝަނުން އަންގާފައިވާ ކަމަށެވެ. މި އަހަރު ހައްޖުގެ އަޅުކަމަށް މީހުން ފޮނުވަން ހުއްދަ ދީފައިވަނީވެސް ހައްޖު ކޯޕަރޭޝަނަށް އެކަންޏެވެ.

ރާއްޖެއިން މި ފަހަރު ހައްޖަށް މީހުން ގެންދިޔައީ ސައުދީ ސަރުކާރުން ދޫކުރި 453 މީހުންގެ ކޯޓާގެ ދަށުންނެވެ.

comment ކޮމެންޓް