މައުމޫންގެ ތާއިދާއެކު 80 ދާއިރާއަށް ކުރިމަތިލުމަށް ޝައުގުވެރިކަން ފާޅުކޮށްފި

ކުރީގެ ރައީސް މައުމޫން: އެމަނިކުފާނުގެ ތާއީދާއެކު މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް 80 ދާއިރާ އަކަށް 108 ފަރާތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު އަދި ކުރީގެ ރައީސް މައުމޫންގެ ތާއީދާއެކު ވާދަކުރުމަށް 80 ދާއިރާ އަށް ކުރިމަތިލުމަށް ބޭފުޅުން ޝައުގުވެރިކަން ފާޅު ކުރައްވައިފި އެވެ.

ރައީސް މައުމޫން ނިސްބަތްވާ މައުމޫން ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މި މަހު ފަސް ވަނަ ދުވަހު ވަނީ، ރައީސް މައުމޫންގެ ތާއީދާއެކު ކުރިމަތިލުމަށް ބޭނުންފުޅުވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލަފައެވެ.

އެމްއާރުއެމް އިން ބުނީ މިދިޔަ ހަފްތާ ބުރާސްފަތި ދުވަހުގެ ނިޔަަލަށް މުއްދަތު ހަމަވެފައިވާ އިރު، 80 ދާއިރާ އަކުން 108 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށެވެ.

ނާވާރަ ވަނަ ރައްޔިތުން މަޖިލީހުގައި އިތުރުވި ދެ ދާއިރާ އާއެކު ޖުމްލަ 86 ދާއިރާ އެއް ހިމެނެއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އިން ވަނީ އެ ޕާޓީ ޓިކެޓްގައި ވާދަ ކުރުމަށް ބާއްވާ ޕްރައިމަރީ ގައި 85 ދާއިރާއަކުން ބޭފުޅުން ކުރިމަތި ލައްވާފައެވެ. އެޕާޓީ ޕްރައިމަރީ އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވަނީ 77 ދާއިރާއެއްގައެވެ. ނުވަ ދާއިރާ އެއްގައި އެންމެ ކެންޑިޑޭޓެއް ކުރިމަތިލަައިފައި އޮތުމުން އެ ދާއިރާތަކުގެ ޕްރައިމަރީ ނުބާވައެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އިން ވެސް ވަނީ އެ ޕާޓީ ޓިކެޓްގައި މަޖިލީހަށް ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައެވެ. އަދި އަދާލަތު ޕާޓީން ވަނީ އެ ޕާޓީގެ ފަރާތުން 13 ދާއިރާ އަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލަފައެވެ.

މަޖިލިސް އިންތިހާބުގައި ސަރުކާރު ކޯލިޝަނުން ދާއިރާތައް ބަހާނެ ގޮތަކާ މެދު އަދިވެސް ވަނި ގޮތެއް ނުންނިމިފައެވެ.

comment ކޮމެންޓް