ޓީއެމްއޭއަށް 52 ވަނަ ސީޕްލޭން ގެނެސްފި

ޓީއެމްއޭގެ ފްލީޓާ މިއަދު ގުޅުނު އާ އެއާކްރާފްޓު ---

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް އާ ސީޕްލޭނެއް ގެނެސް، އެ އެއާލައިނުގެ ފްލީޓަށް 52 އެއާކްރާފްޓު ހަމަކޮށްފިއެވެ.

ޓީއެމްއޭއިން ބުނި ގޮތުގައި އެ އެއާލައިނުގެ ފްލީޓާ ގުޅުނު 52 ވަނަ ބޯޓު ރާއްޖެ އައީ ސްވިޓްޒަލެންޑުން ފުރައިގެންނެވެ. އެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ މިއަދު ހެނދުނު 11:30 އެހައިކަންހާއިރުއެވެ.

ޓީއެމްއޭގެ 52 ވަނަ ބޯޓުގެ ލިވަރީ ނުވަތަ ބޯޓުގެ ބޭރުގައި ވަނީ ފޯ ސީޒަންސް މޯލްޑިވްސްގެ ޑިޒައިނާއި ލޯގޯއެވެ. ޓީއެމްއޭއިން ބުނީ މި އެއާކްރާފްޓުގެ ވެރިފަރާތަކީ ފޯ ސީޒަންސް ކަމަށާއި، އެ އެއާކްރާފްޓު ހާއްސަކޮށްފައި ވަނީ ފޯ ސީޒަންސްގެ ޕްރޮޕަޓީތަކަށް ފަސިންޖަރުން އުފުލުމަށް ކަމަށެވެ.

"އެ ރިސޯޓުގެ ފަރާތުން މި އެއާކްރާފްޓު އޮޕަރޭޓުކޮށް ބަލަހައްޓާނީ ޓީއެމްއޭއިން،" އެ އެއާލައިނުން ބުންޏެވެ.

ފޯ ސީޒަންސްގެ ދެ ރިސޯޓެއް ރާއްޖޭގައި އޮވެއެވެ. އެއީ ކ. ކުޑަހުރާގައި ހުންނަ ފޯ ސީޒަންސް މޯލްޑިވްސް ރިސޯޓް އެޓް ކުޑަހުރާ، އަދި ބ. ލަނޑާގިރާވަރުގައި ހިންގާ ފޯ ސީޒަންސް މޯލްޑިވްސް ރިސޯޓް އެޓް ލަނޑާ ގިރާވަރެވެ. މި ދެ ރިސޯޓަށްވެސް ޓީއެމްއޭއިން އޮޕަރޭޓުކުރެއެވެ.

ފޯ ސީޒަންސްގެ އިތުރުން ބައެއް އެހެން ރިސޯޓުތަކުން ބްރޭންޑުކޮށްފައިވާ އެއާކްރާފްޓުތައްވެސް ޓީއެމްއޭގެ ސީޕްލޭން ފްލީޓުގައި ހިމެނެއެވެ.

ޖުމްލަ 52 އެއާކްރާފްޓާ އެކު ޓީއެމްއޭއަކީ މުޅި ދުނިޔޭގައިވެސް އެންމެ ބޮޑު ސީޕްލޭން ފްލީޓު އޮތް އެއާލައިނެވެ. އަދި މުޅި ދުނިޔޭގެވެސް އެންމެ ބޮޑު ސީޕްލޭން ނެޓްވޯކެވެ.

comment ކޮމެންޓް