ޕްރައިމެރީގެ ރީރެޖިސްޓްރޭޝަން އޮޅުވާލި މައްސަލަ ހައްލު ކޮށްފިން: އެމްޑީޕީ

1 ޑިސެންބަރު 2018ގައި އެމްޑީޕީ އިން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ -- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އިންޓާނަލް ޕްރައިމަރީގައި ވޯޓުލާން ރެޖިސްޓްރީ ކުރި އެ ޕާޓީގެ ބައެއް މެމްބަރުން ރީރެޖިސްޓްރީވެފައި އޮތްތަން އޮޅުވާލި މައްސަލަ ހައްލުކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީގެ މެންބަރުން ރީރެޖިސްޓަރ ކުރުމަށް ދާއިރާގެ ރައީސުންނަށާއި ކެންޑިޑޭޓުންނަށް ދޫކުރި ޔޫސާގެ ތެރެއިން ބައެއް ޔޫސާއަށް ލޮގިންވެ، ބައެއް މެމްބަރުން ވޯޓުލާތަން ބަދަލުކޮށްފައި ހުރި މައްސަލައެއް ދާދި ފަހުން ވަނީ ފެންމަތިވެފަ އެވެ.

އެކަމާ ގުޅިގެން އިއްޔެ ނެރުނު ބަޔާނެއްގައި އެމްޑީޕީން ބުނީ އެ މައްސަލަ ބަލައި، އެކަން މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.

އެމްޑީޕީން ބުނީ އެ މައްސަލާގައި ހުށަހެޅުނު ޝަކުވާތައް ބަލައި، ގާތްގަނޑަކަށް 2000 މެންބަރުންގެ ރީރެޖިސްޓްރޭޝަން ރަނގަޅު ތަނަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، އެ ޕާޓީގެ ޝަކުވާ ކޮމިޓީން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް