އިންޑިއާ ޕާލިމެންޓުގެ ތިރީގެއިން ސިޓިޒެންޝިޕް ބިލަށް ރުހުން ދީފި

އިންޑިއާގެ އައްސާމްގައި ބައެއް މީހުން ވަނީ ސިޓިޒެންޝިޕް ބިލާ ދެކޮޅަށް މުޒާހަރާކޮށްފަ -- ފޮޓޯ: އޭއެފްޕީ

ދިއްލީ (ޖެނުއަރީ 9): އިންޑިއާއަށް ދާ މުސްލިމުންނާ މެދު ތަފާތު ކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ބެލެވޭ ސިޓިޒެންޝިޕް ބިލަށް އެގައުމުގެ ޕާލިމެންޓުގެ ތިރީގެއިން ރުހުން ދީފި އެވެ.

އެބިލަކީ ބަންގުލަދޭޝް އާއި ޕާކިސްތާނާއި އަފްގާނިސްތާނުން އިންޑިއާއަށް ލިޔެކިޔުންތަކާ ނުލާ ދިޔަ، އިސްލާމް ދީން ނޫން އެހެން ދީންތަކަށް ތަބާވާ މީހުންނަށް ރަށްވެހިކަން ދޭން ހަދާފައިވާ ބިލެކެވެ.

އެބިލަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެއީ މުސްލިމުންނާ ދެކޮޅު ބިލެއް ކަމަށާއި އެއީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީން، އަންނަ މެއި މަހު އޮންނަ އާއްމު އިންތިހާބުގައި ހިންދޫންގެ ވޯޓު ހޯދުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ބުނެފަ އެވެ.

އެބިލާ ދެކޮޅަށް އައްސާމްގެ ގިނަ އަދަދެއްގެ މީހުން ވަނީ މުޒާހަރާކޮށްފަ އެވެ. މިދިޔަ އަހަރު އެސްޓޭޓުގެ ހަތަރު މިލިއަނެއްހާ މީހުންގެ ނަން އެގައުމުގެ ރަށްވެހިންގެ ދަފުތަރުގައި ނުހިމެނުމުން، އެމީހުންގެ ރަށްވެހިކަން ވަނީ ގެއްލިފަ އެވެ.

އެދަފުތަރުގައި ހިމަނާފައި ވަނީ 24 މާޗް 1971ގެ ކުރިން އައްސާމްގައި ދިރިއުޅުނުކަން ސާބިތުވާ އާއިލާތަކުގެ ނަން އެކަންޏެވެ. އެތާރީހަކީ ބަންގުލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމަ ފެށުމުން ގިނަ އަދަދެއްގެ މީހުން އަވަށްޓެރި އިންޑިއާއަށް ދާން ފެށި ތާރީހެވެ.

ނަމަވެސް އައްސާމްގެ މުޒާހަރާގައި ބައިވެރިވި މީހުން ބުނި ގޮތުގައި އެމީހުން ނުރުހުން ފާޅު ކުރަނީ އެބިލުގައި މުސްލިމުން ނުހިމަނާތީ އެއް ނޫނެވެ. ނަމަވެސް އެބިލުގެ ސަބަބުން ގަވާއިދާ ހިލާފަށް އެގައުމަށް ދިޔަ ބަންގުލަދޭޝްގެ ހިންދޫންނަށް ރަށްވެހިކަން ހޯދުމުގެ ފުރުސަތު ދޭތީ އެވެ.

"ބަންގުލަދޭޝްއިން އައްސާމްއަށް ގަވާއިދާ ހިލާފަށް އައި ގިނަ އަދަދެއްގެ މުސްލިމުން އެބަތިބި. މިހާރު ސަރުކާރުން މަސައްކަތް ކުރަނީ ބަންގުލަދޭޝްއިން ގަވާއިދާ ހިލާފަށް އައި ހިންދޫންނަށް ރަށްވެހިކަންދޭ ގާނޫނެއް ފާސްކުރަން. އަހަރެމެން ބޭނުންވަނީ، ވަކި ދީނަކަށް ނުބަލައި، ގަވާއިދާ ހިލާފަށް އައި ހުރިހާ މީހުން ހޯދައި ޑިޕޯޓު ކުރަން،" މުޒާހަރާގެ ބައިވެރިޔަކު ބުންޏެވެ.

މީގެ އިތުރުން އެބިލާ ގުޅިގެން ބީޖޭޕީގެ އެލަޔަންސުގައި ހިމެނޭ އައްސާމް ޕީޕަލްސް ޕާޓީން ވަނީ އެ އެލަޔަންސުން ވަކިވެފަ އެވެ. އަދި އެޕާޓީން އަބަދުވެސް އޮތީ ބަންގުލަދޭޝްއިން އިންޑިއާއަށް ގަވާއިދާ ހިލާފަށް މީހުން ދިޔުމާ ދެކޮޅަށް ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް