އިންދިރާސް... (7)

''ވަރަށް އަވަހަށް އާދެބަލަ ފުލުހުންގެ އިދާރާއަށް... މަސްތުވާތަކެތީގެ މައްސަލައެއްގައި އައްޔޫބުބޭ ގެނެސްގެން އެބައުޅޭ...''

ފެންޑާއަށް ނިކުތް އަފްލާކް އޭނަގެ ފޯނަށް ޖަވާބު ދިނުމާއެކު އާޒިމްގެ ފަރާތުން ލިބުނީ ބިރުވެރި ޚަބަރެކެވެ. އަފްލާކްގެ މޫނުން ސިހުން ފެނިގެން ދިޔައެވެ. ކަންފަތަށް އިވުނު ބަސްތަކުގެ ތެދުކަމާމެދު އުފެދިގެން އައި ސުވާލުތައްވެސް އޭނަގެ ދެލޮލުން ހާމަކޮށްދިނެވެ. އިރުކޮޅެއް ވަންދެން ބަސްހުއްޓިފައި ހުރެވުނީ ލިބުނު ޝޮކެއްގެ ބޮޑުކަމުންނެވެ.

''ކީކޭ؟...'' އަފްލާކްއަށް ބުނެވުނީ ޤަބޫލުކުރަން ދަތިވެފައިވާ ރާގަކަށެވެ. އައްޔޫބު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރަން ޖެހުނު ސަބަބެއް އޭނައަށް އެވަގުތުކޮޅުގައި ވިސްނައެއްނުގަނެވުނެވެ. ލިބުނު ޚަބަރާއެކު އޭނަގެ ނަފުސު ޝޮކެއްގެ ތެރޭގައިވުމުން ހުރިހާކަމެއް ފަހުމުވާން އޭނައަށް ވަގުތު ބޭނުންވިއެވެ.

''އިންޓެލިޖެންސްއަށް ލިބުނު ސިއްރު މައުލޫމާތުތަކެއްގެ އެހީގައި ކަމަށް ވަނީ އައްޔޫބުބޭ އަތުލައިގަތީ... އަހަންނަށްވެސް މިކަމެއް އެނގުނީ ދެންމެ، ޑިއުޓީގައި މިހުރިހާ އިރު ހުރި އިރަކުވެސް އަހަންނަކަށް މިކަމުގެ މަޢުލޫމާތެއް ނުލިބޭ، ބްރޭކް ގަޑިއަށް ފަހު އައިތަނާ މިކަމެއް ހިނގައިގެން އުޅޭކަަންވެސް އެނގުނީ... އަހަންނަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުން އައްޔޫބުބޭ ބޯޓަށް އެރުވި އަމިއްލަ ފޮށިތަކެއްގެ ތެރޭން ފަސް ކިލޯގެ މަސްތުވާތަކެތި ފެނިގެން އުޅެނީ، ބޯޓުގަ އުޅޭ މީހުންވެސް ބަޔާން އެބަދޭ އެއީ އައްޔޫބުބޭގެ ފޮށިތަކެއް ކަމަށް... އައްޔޫބުބޭ ވެސް އެއްބަސް އެބަވޭ އެއީ އައްޔޫބުބޭގެ ފޮށިތަކެއް ކަމަށް، އެކަމަކު ފޮށިތަކުގައި މަސްތުވާތަކެތި ނުހުންނާނެ ކަމަށް ތަކުރާރުކޮށް އެބަބުނޭ... އައްޔޫބުބޭ ހުރީ ވަރަށް ބޮޑަށް ހާސްވެ ބިރުގަނެފަ...... އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި އުޅެވޭ ކަހަލަ... އަފްލާކް ވަރަށް އަވަހަށް މިކޮޅަކަށް އާދެބަލަ، މިކަމުގެ ސުވާލު އުފެދޭ ވަރަށް ގިނަ ކަންތައް އެބަހުރި... އަހަންނަށް ހީވަނީ ބަޔަކު މީހުން އައްޔޫބުބޭއަށް ލަނޑެއްދޭން އުޅޭހެން، އެހާ ކުއްލި ގޮތަކަށް މިކަން ވެފަ އޮތީމަ މިހެން މިބުނީ......'' އާޒިމު ބުންޏެވެ.

އާޒިމުގެ ވާހަތަކުން ނަން ހާމަކުރަން ބޭނުންނުވިކަމުގައި ވިޔަސް އެކަމެއްގެ ފަހަތުގައިވާ އިސް މޭސްތިރިއަކީ ކޮބައިކަމުގެ ސިގްނަލުތައް އަފްލާކްއަށް ދިނެވެ. ރަމީޒު ނޫން މީހަކު އައްޔޫބުއަށް ދެރައެއް ދޭން ނޫޅޭނެތީއެވެ. ބަދަލުހިފުމުގެ ގޮތުން ރަމީޒު ކޮންމެ ފަދަކަމެއް ވެސް ކޮށްފާނެތީއެވެ. އެހިނދު މުށުތެރޭގައި އޮތް ފޯނަށް އަފްލާކްއަށް ބާރުކޮށްލެވުނެވެ. ފުންވެގެން އައި ނޭވާތަކާއެކު އަފްލާކްގެ ދެލޮލުން ފާޅުވެގެން އައީ ބަޔާންކުރަން ދަތި ޝުޢޫރުތަކެވެ. އޭނަގެ މޫނުގައި ބިރުވެރިކަމުގެ އަސަރުވެސް އެކުލެވިފައިވިއެވެ. އާޒިމުގެ ވާހަތަކުން ލިބުނު ޝޮކު އަދިވެސް މުޅިންހެން ފިލައިގެން ނުދިޔައެވެ. އާޒިމު ދެއްކި ވާހަތަކުގެ އަސްލާއި އޭނަގެ ބައްޕަގެ ނުބައި ރޭވުންތެރިކަމާ ގުޅުވާލެވުމުން އަފްލާކްއާށް ބޮޑު މަންޒަރު ސިފަކުރެވެން ފެށުނެވެ. އެހިނދު އޭނަގެ ނަފުސު ކުށްވެރިކަމުގެ ކަސްތޮޅުތަކެއްގެ ތެރޭގައި ޤައިދުވެގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވެން ފެށުނެވެ. އަންނަން ތައްޔާރުވަމުން ދާ ތޫފާނާކީ އޭނަގެ ސަބަބުން ބޯމަތިކުރުވަމުން އަންނަ ތޫފާނަކަށް ވީތީއެވެ. ޒޯހާއާއި ޒޯހާގެ ޢާއިލާއަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އޭނަ އެވަނީ ނާކާމިޔާބުވެފައެވެ.

*****

''ޒޯހާ!...''

ޒޯހާއާއި ޖެހިގެން ހުރި ގޮނޑީގައި އިން މޫނިސާއަށް އަވަސްއަވަހަސް ގޮނޑިން ތެދުވެވުނެވެ. އެވަގުތު މޭޒުގެ އަނެއްކޮޅުގައި އިން މާރިޔާއަށް ވެސް ތެދުވެވިއްޖެއެވެ. ދެމީހުން އެކުއެކީގައި ޒޯހާ ގާތަށް ޖެހިލި ހިނދުވެސް ޒޯހާއަށް އިދެވުނީ ގަބުއަރާފައެވެ. މާރިޔާއާއި މޫނިސާގެ އަޑު އޭނަގެ ކަންފަތާ ހަމައަށް ފޯރާ ހެނެއް ހިޔެއް ނުވެއެވެ. ދެންމެ ކަންފަތަށް އިވުނު ވާހަކަތަކުން ކަންފަތް ހީވަނީ ބައްވެފައި ވާހެންނެވެ. ނަފުސަށް އައި ކުއްލި ލޮޅުމާއެކު ވަށައިގެންވާ މާހައުލުގެ އެއްވެސް ކަމަކަށް އޭނައަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވުނެވެ. އޭނަގެ ސިކުނޑިއަށް އައި ގަދަފަދަ ޒަލްޒަލާއާއެކު ވިސްނުންތެރިކަމަށް ވެސް ބުރޫއަރާފައިވިއެވެ. އިސާހިތަކު ލޮލަށް ކަރުނަ ޖަމާވެގެން އައީ މޭގައި އުދެފުނު ތަދާއެކުގައެވެ.

''ޒޯހާ!... ކިހިނެއްވެފަތަ ތިއިންނަނީ!...''

ޒޯހާގެ ކޮނޑުގައި ހިފާ ތަޅުވައިގަންނަންްމުން މޫނިސާއަށް ބުނެވުނެވެ. އޭރު މޫނިސާ ހުރީ ބިރުގެންފައެވެ. އޭނަގެ ބަހާއި އަމަލުން އެކަން ހާމަކޮށްދެއެވެ. ބިންމައްޗަށް ވެއްޓި ތަޅައިގެން ގޮސްފައި އޮތް ފޯނަށް އެވަގުތު މުނިސާގެ ނަޒަރު ދަތުރުކުރިއެވެ. ޒޯހާއަށް ދިމާވެގެން އުޅޭ ކަންތަކާއި މީގެ އިރުކޮޅެއް ކުރިން އައި ވާފިރުގެ ފޯނުކޯލާއި ގުޅުވާލެވުމުން މޫނިސާގެ ހިތުގެ ތެޅުން އަވަސްވާންފެށިއެވެ. ނޭނގޭ ނުތަނަވަސްކަމެއް އޭނަގެ ހިތަށް ވެރިވެގެން އައެވެ. ސިކުނޑީގެ ކަނަކުން އައި އިންޒާރުގެ ރަނގަބީލާއެކު އައްޔޫބުގެ ނަން އެހިތަށް ވެރިވެގެން އައެވެ. ވަގުތު ފާއިތުވެ ދިޔައިރުވެސް އައްޔޫބު ގެއަށް ނައިސް ލަސްވުމާއި، ޒޯހާއަށް އައި ވާފިރުގެ ކުއްލި ފޯނުކޯލަށް ފަހު ލިބިފައިވި ސިހުމާއި ހުރިހާކަމެއް ގުޅުވާލެވުމުން މޫނިސާއަށް ލިބިގެން އައީ ހާސްކަމެވެ. ތަފާތު އެކި ޝައްކުތަކުގެ މޫގަނޑު ހިތު ތެރޭގައި ފެތުރެން ފެށީ ފަޅި ސިކުންތުކޮޅެއްގެ ތެރޭގައެވެ.

''ތިހެން ނީދެ އެއްޗެކޭ ބުނެބަލަ، ވާފިރު ގުޅީ ކީއްވެގެންތަ... ޒޯހާ!!!...'' މިފަހަރު ޒޯހާގެ ފަރާތުން ޖަވާބެއް ނުލިބުމުން މޫނިސާއަށް ހަޅޭއްލަވައިގަނެވުނެވެ. އޭރު އޭނަގެ އަޑު ކުރަކިވެ ދެލޯ ކަރުނުން ފުރެން ފަށައިފިއެވެ.

މަންޒަރު ބަލަން ހުރި މަރިޔާއަށް ވެސް ހާސްކަން ލިބިފައިވިއެވެ.

މަންމަގެ ހަޅޭކުގެ އަޑު އައިސް ކަންފަތުގައި ގުގުމާލުމާއެކު ޒޯހާއަށް ހަމަހޭވެރިކަން ވެގެން ދިޔައެވެ. އެއާއެކު މޭގައި އުފެދިފައިވި ހައިޖާންގަނޑު އާހުތަކުގެ ދިލަކަމާއެކު ބޭރުވެ ލޯފުރިގެން އައީ އުދާސްކަމުންނެވެ. އޭރު ޒޯހާއަށް ހަމަ ރަގަޅަށް ވެސް ރޮވިއްޖެއެވެ.

ފެންޑާގައި ހުރި އަފްލާކްއަށް ކާގެއަށް ވަދެވުނީ މޫނިސާގެ ހަޅޭކުގެ އަޑާއި ވިދިގެން އިވުނު ޒޯހާގެ ވޭނީ ގިސްލުންތަކުގެ އަޑު އޭނަގެ ކަންފަތާ ހަމައަށް ފޯރުމުންނެވެ. ޒޯހާއަށް އައްޔޫބުގެ ޚަބަރު ލިބުނީކަން އަފްލާކްއަށް ޔަޤީންކުރެވުނެވެ.

ކާގޭގެ ދޮރުމައްޗަށް ހުއްޓުނު އަފްލާކްއަށް މިފަހަރު ޒޯހާއާއި މޫނިސާއަށް ވަކިވަކިން ބަލާލެވުނީ ކުށްވެރިކަމުގެ ނަޒަރަކުންނެވެ. އެދެމައިންނަށް ލިބެން އުޅޭ ވޭނާއި ހިތާމަތަކުގެ ހިއްސާދާރަކީ އޭނަ ކަމުގައި ވާތީއެވެ. ނިއުޅެމުންދާ ހުރިހާ މަންޒަރުތަކަކީ އޭނަގެ ފަރާތުން ބަދަލުހިފަން ބައްޕަ އަތުރަމުންދާ ދަންތުރަ ތަކުގެ ހިތި ނަތީޖާއެކެވެ. އެދަންތުރަތަކުގެ މަޅި ތައްޔާރުކުރީވެސް ޚުދު އޭނަގެ ދެއަތުންނެވެ. ބައްޕަގެ އިންޒާރުތަކަށް ސަމާލުކަން ނުދީ ޒޯހާއާއިއެކު އޮތް ގުޅުން ކައިވެނީގެ މާތް ހަރުފަތަކަށް ގެންދިއުމަށް ކުރަމުން އައި މަސައްކަތުގެ އާޚިރު ނަތީޖާ ލިބިގެން ދިޔައީ ނުހަނު ހިތިކަމާއެކުގައެވެ. އޭނަ ދެކެމުން އައި ހުވަފެންތަކުގައި ހަޤީޤީ ކުލަ ޖެހުމުގެ ބަދަލުގައި ކަޅާއި ހުދުގެ މަންޒަރުތަކަށް ބަދަލުވެއްޖެއެވެ.

އަފްލާކްއަށް އިސްޖަހާލެވުނެވެ. އެވަގުތު އޭނަގެ ލޮލުން ކަރުނަ ތިއްކެއްވެސް ފައިބައިގެން ދިޔައެވެ.

މާރިޔާގެ ލޮލުގައި އަފްލާކް އަޅައިގަތީ ދެނެވެ. އެއްފަހަރު ޒޯހާއަށް އަދި އިސްޖެހިފައި ހުރި އަފްލާކްއަށް ބަލާލި މާރިޔާގެ ހިތް ބިރުވެރިކަމާއެކު ތެޅެން ފެށިއެވެ. އޭނައަށް ނުބައިކަމެއްގެ ހިލަންވެގެން އައީ ދެނެވެ. އަފްލާކް ގާތަށް ދިއުމަށް އޭނައަށް ކުރިއަށް ފިޔަވަޅުތަކެއް އަޅާލެވުނެވެ. ނިއުޅެމުން އެދާ މަންޒަރުތަކުގެ ތަފުސީލު އެގެން އޭނަ ހުރީ ބޭނުންވެފައެވެ.

''ޒޯހާ... ރުއިން ހުއްޓާލާފަ މަންމަ ގާތު ވެގެން އުޅޭ ގޮތެއް ބުނެބަލަ... ތިހެން ރުއިމުން މަންމައަށް ލިބޭނީ އިތުރު ނުތަނަވަސްކަން!... ރުއިން ހުއްޓާލާފަ މަންމައަށް ކިޔާދީބަލަ... ވާފިރު ދެންމެ ގުޅީ ކީއްވެގެންތަ؟... އޭނަ ބުނީ ކީކޭތަ؟... ޒޯހާގެ ބައްޕަ ކޮބާތަ؟'' ހިތްއަވަސްވެފައި ހުރިވަރުން މޫނިސާއަށް ރަގަޅަށް ވާހަކައެއް ނުދެކެވުނެވެ.

''ބައްޕަ... ބައްޕަ...... ފުލުސް އޮފީހަށް.... ގެން ދިޔަ ވާހަކަ... ބުނަން ގުޅީ...'' ގިސްލުމުގެ ތެރޭން ޒޯހާއަށް ބުނެވުނީ އުނދަގުލާއެކުގައެވެ. ލިބިފައިވި ނުތަނަވަސްކަމުން އޭނަގެ ދުލުން އެވާހަކަތައް ބޭރުވެގެން ދިޔައީ އަމިއްލަ އިހުތިޔާރުން ބޭރުގައެވެ. މަންމައަށް އިތުރު ހާސްކަމެއް ލިބެން ނޭދުނުކަމުގައި ވިޔަސް އެކަން ކުރެވިއްޖެކަން ޒޯހާއަށް ރޭކާލީ އެވާހަކަތައް ހާމަކުރެވުނު ފަހުންނެވެ.

''ކީކޭ؟...'' ކަންފަތަށް އިވުނު ވާހަކައިގެ ސައްހަކަމާމެދު ހިތުގައި އުފެދިގެން އައި ސުވާލުތަކާއެކު މޫނިސާއަށް ވާހަކަދެއްކުނީވެސް ތަންކޮޅެއް ބާރަށެވެ. އޭރު އޭނަގެ ދެލޯމުދުނަށް އަރައިފިއެވެ. މޫނުން ފެންނަނީ ސިހުމެވެ.

ޒޯހާއަށް އިސްއުފުލާލެވުނެވެ. މަންމަގެ މޫނަށް ހުއްޓާލެވުނު ނަޒަރާއެކު އަނެއްކާވެސް އެދެލޯ ފުރިގެން އައީ ތާޒާ ކަރުނުންނެވެ. ލޮލުގެ ހިމަކޮޅުން ލާފައި ފައިބައިގެން އައި ކަރުނަތައް ފޮހެން އުޅުނު ވަގުތު، އޭނައަށް، ހުއްޓުން އަރާފައި ހުރި އަފްލާކް ފާހަގަކުރެވުނެވެ. އިއްތިފާޤަކުން އެއީ އަފްލާކް އިސްއުފުލާކި ވަގުތެވެ. ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވި ހިނދު ޒޯހާއަށް ދެލޮލުން ފާހަގަވެގެން އައި ޝުޢޫރުތަކާއެކު އޭނަގެ ހިތަށް ތަދުވިއެވެ. އަފްލާކްގެ ގާތަށް ދާން ބޭނުންވިކަމުގައި ވިޔަސް ވަގުތާއި ހާލަތު އޭނައަށް އެފުުރުސަތެއް ނުދިނެވެ. އޭނަގެ ލޮލަށް ހޫނު ކަރުނަތައް އަނެއްކާ ވެސް ޖަމާވެގެން ދިޔައެވެ.

އަފްލާކްގެ ހާލަކީވެސް އެއެވެ. އޭނަގެ ހިތަށް ޒޯހާގެ ވޭންތައް ތަސައްވަރުކުރެވި އެހިތުގައި ތޫނު ތަދެއް އުފެދިގެން ދިޔައެވެ. ހަމައެއާއެކު މޫނިސާއަށް ހުއްޓުނު ނަޒަރާއެކު އޭނަގެ ގިލަންވެރިކަން އިތުރުވެގެން ދިޔައެވެ. މަންމަ އޭނަގެ އަތުގައި ހިފާލުމުން އެމޫނަށްވެސް ބަލާލެވުނީ އުދާސްކަމާއެކުގައެވެ. ލޯބިވާ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ފެއިލްވެފައިވާކަން އެދެލޮލުން ރީއްޗަށް ބަޔާންކޮށްދިނެވެ.

މާރިޔާއަށް ވަމުން ދިޔަ ކަންތަކުގެ ކުޑަ ތަފުސީލެއް އަފްލާކްގެ ހިމޭންކަމުން ލިބުނެވެ. އެއާއެކު ޒޯހާ ދެއްކި ވާހަކަތަކާއި އެކުވެގެން އައިސް އޭނައަށް ޚިޔާލު ކުރެވުނު ކަންތަކުން އަނގަމަތީ އަތްއަޅާލެވުނެވެ.

''ރަމީޒު...'' އެނަން ވީ މާރިޔާގެ ހިތުގައެވެ. އެންމެފަހުން އޭނަގެ ހިތް ބިރުގެންފައިވި ދުވަސް އައިސް ލައިގަތީއެވެ. ރަމީޒުގެ ދުއްތުރާލުން އޭނަގެ ޢާއިލާއަށް ސަލާމަތްވެވިދާނެ ކަމަށް ހީކުރެވުން އެއީ އެޅުނު ކަތި ފިޔަވަޅެކެވެ. ރަމީޒުގެ ފަރާތުން ކުރިމަތިވެދާނެ ހަމަލާއަކަށް ތައްޔާރުނުވެވުން އެއީ ހެދުނު ވަރަށް ބޮޑު ގޯހެކެވެ. އެކަމުގެ ގިލަންވެރިކަން މީހާރު ލޯމަތިން އެދަނީ ތަމުސީލުވަމުންނެވެ.

ޒޯހާ ރޮމުން ދިޔަ މަންޒަރު ބަލަން ކެތްނުކުރެވުމުން ބަރުވެފައިވި ފިޔަވަޅުތައް ގަދަކަމުން ކުރިއަށް އަޅަމުން ޒޯހާގެ ގާތަށް އަފްލާކް ދިޔައެވެ. އޭނަގެ ފިޔަވަޅުތަކަށް ބަރުވެފައި ވަނީ ކުރެވެމުން އައި ކުށްވެރިކަމުގެ އިހުސާސްތަކުންނެވެ. ޒޯހާއި ކުރިމަތިލާން ހަޤީޤަތުގައި އޭނަގެ ހިތް ވަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ބިރުވެރިކަމެއްގެ ތެރޭގައެވެ. ކުރިމަތިވެފައިވާ ކަންތަކުގެ ހަޤީޤަތް އެނގުމާއެކު ޒޯހާގެ ހިތުގައި އޭނައަށްޓަކައިވާ އިހުސާސްތައް ބަދަލުވެދާނެތީއެވެ. ހަމައެއާއެކު ޒޯހާގެ މަންމަގެ ނަފުރަތުގެ ޝިކާރައަކަށް އޭނަ ވެދާނެތީ ޖެހިލުންވުން ހިތުގައި ވިއެވެ.

ޒޯހާގެ އިން ގޮނޑި ކައިރިއަށް ކުޑަކަކޫ މައްޗަށް ތިރިވި އަފްލާކް ޒޯހާގެ އަތުގައި ހިފަހައްޓަން މަސައްކަތްކުރިއެވެ. އެކަމަށް ޒޯހާ ނޫނެކޭ ނުބުންޏެވެ. އޭނަ ދިނީ ދަޢުވަތެވެ.

ޒޯހާ މަޑަމަޑުން އަފްލާކްގެ އަތަށް ފިތާލިއެވެ. އެހިތާމަވެރި ވަގުތުގައި އެކަކުއަނެކަކުގެ މަދަދުވެރިޔަކަށް ވާން ޒޯހާ ބޭނުންވިއެވެ. އަފްލާކްގެ ދެލޮލުން ފެނުނު ޝުޢޫރުތަކުން ލިބުނު ބިރުވެރި ޚަބަރުގެ ހަޤީޤަތް ޒޯހާއަށް ފަހުމުވިއެވެ. އަފްލާކް އަމިއްލަ ނަފުސު ކުށްވެރިކުރާނެ މިންވަރު ވެސް ޒޯހާއަށް ތަސައްވަރުކުރެވުނެވެ.

މަރިޔާ ވެސް އައިސް މޫނިސާ ގާތަށް ހުއްޓިލަމުން މޫނިސާގެ ކޮނޑުގައި ފިރުމާލީ ހިތްވަރުދިނުމުގެ ގޮތުންނެވެ.

''ކިހިނެއް؟... ކީއްވެ؟... އައްޔޫބު؟...'' ރޮވެމުން ދިޔަ މޫނިސާއަށް އޭނަގެ ޖުމްލަތައް ފުރިހަމައެއް ނުކުރެވުނެވެ. ކަކުލުހުޅުން ވާގި ދޫވެދާނެ ކަމުގެ ބިރު ހީވުމާއެކު އޭނައަށް ގޮނޑިއެއްގައި އިށީދެވިއްޖެއެވެ.

''މަންމާ... އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަގަޅު ވާނެ، މިއީ އޮޅުމެއްގެ ސަބަބުން ހިނގިކަމެއް، ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ޖެހޭ ފަދަ ކަމެއް ބައްޕަ ނުކުރާނެ....... ފިކުރުބޮޑުނުވޭ، ބައްޕަ ވަރަށް އަވަހަށް ދޫކޮށްލާނެ............. މިވަގުތު އަހަންނާއި އަފްލާކް މިދަނީ ޕޮލިހަށް ދާން...''

ކަރުނަތަށް ފޮހެލަމުން ޒޯހާ ފުންނޭވާއެއް ދޫކޮށްލިއެވެ. ހީވީ ބަނދެވެމުން އައި އުދާސްތަކާ ދުރުވެ ހަޤީޤަތާ ކުރިމަތިލާން އަމިއްލަ ނަފުސު ތައްޔާރުކޮށްލިހެންނެވެ.

''މަންމަ ވެސް ދާނަން...''

މޫނިސާ ބޭނުންވީ ޒޯހާމެންނާއެކު ދާށެވެ. ނަމަވެސް އެއީ ރަގަޅު ޚިޔާލެއް ނޫންކަން ޒޯހާއަށް ނަގައިގަނެވުނެވެ. މިވަގުތު ފުލުސް އޮފީހަށް ގޮސްފިނަމަ އިތުރު އުދާސްތަކެއް މެނުވީ މަންމައަށް ނުލިބޭނެއެވެ. ރަގަޅަށް ވިއްޔާ ރަށުގެ މީހުންނާއި މީޑިޔާތައް ވެސް މިހާރު އެތަނަށް ވާނީ ޖަމާވެފައެވެ. ރަށުތެރޭގައި ވާހަކަތަކަކީ އައްޔަށްވުރެން ބާރަށް ދަތުރުކުރާ އެއްޗެކެވެ. ހަޤީޤަތާ ހިލާފަށް ދެކެވޭ ވާހަކަތަކާއި މީހުންގެ ބެލުންތަކުން މަންމައަށް އިތުރު ތަކުލީފެއް މެނުވީ ނުލިބޭނެއެވެ. މިވަގުތު މަންމައަށް އެންމެ ރަގަޅުވާނީ އެހުރިހާ ކަމަކާ ދުރުގައި ވުމެވެ.

''މަންމާ، އަހަންނަށް އިތުބާރު ކުރޭ... ބައްޕައަށް އެއްވެސްކަމެއް ނުވާނެ...'' ޒޯހާ އެތައް ވާހަކައެއް ދައްކައިގެން ގޭގައި މަޑުކުރަން މޫނިސާ އެއްބަސްވީ، ހުރިހާކަމެއް ވަގުތުންވަގުތަށް އޭނައަށް ގުޅައި ސާފުކޮށްދިނުމަށް ޝަރުތުކޮށްފައެވެ. މޫނިސާއަށް ހިތްވަރުލައިދޭން މާރިޔާ ވެސް މަޑުކުރިއެވެ. އަފްލާކްއާއި ޒޯހާ ނިކުމެގެން ދިޔަ މަންޒަރު ބަލަން މާރިޔާ ހުރީ ފިކުރުބޮޑުވެފައެވެ. ހިތާހިތުން ދުޢާކުރެވުނީ ހުރިހާކަމެއް ވެސް ރަގަޅުވުމަށް އެދިއެވެ. ރަމީޒުގެ ނުފޫޒުން އޭނަގެ ޢާއިލާ ރައްކާތެރިކޮށްދެއްވުން އެދިއެވެ.

*****

''ކޮބާ، ހުރިހާ ކަމެއްވެސް އަހަރެން ބުނި ގޮތަށް ނިންމާލެވިއްޖެ ދޯ؟... ހެހެހެ، އޭނައަށް ސަލާމަތެއް ނޯންނާނެ ދޯ؟... ކޯޓުގެ މަރުހަލާ ވެސް އަވަހަށް ނިންމާލެވޭނެ ދޯ؟... ހަހަހަ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭ، ފައިސާ ހުންނާނެ އެކައުންޓަށް ޖަމާކޮށްލާފަ، ޝުކުރިއްޔާ އިނގޭ، އަދި މިރޭ ވާނެ ކޮފީއަކުން ބައްދަލުކޮށްލަން މިކަންތައް އިތުރަށް މަޝްވަރާކޮށްލަން...''

ރަމީޒު ފޯނުކޯލް ނިންމާލިއިރު ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ބޮޑުކޮޓަރީގެ ސޯފާއަށް ހަށިގަނޑު ދޫކޮށްލަމުން އޭނަ ހިނިގަނޑެއް ޖަހާލިއެވެ. އޭނަގެ ހުރިހާ ބޮލުގެ ރިހުމަކަށް ވަގުތީ ހައްލެއް ލިބެނީއެވެ. އެވަގުތު ރަމީޒު ކަމެއް މަތިން ހަނދާންވެެގެން އޭނަގެ ސެކްރެޓަރީ އީތަންއަށް ގުޅާލިއެވެ. ފުރަތަމަ ރިންގާއެކު އީތަން ފޯނު ނެގިއެވެ.

''ކޮބާ މަ ހަވާލުކުރި ކަންތައް ވެއްޖެ؟...'' ރަމީޒު އެހިއެވެ.

''އާނ، ނިންމައިފިން، އެކަމަކު ސަބާއަށް ވީ ގޮތަކާމެދު އޭނަގެ މީހުން ހޯދަން އުޅެފިއްޔާ ވާނީ ކިހިނެއް؟...'' އީތަންގެ އަޑުން ރަމީޒުއަށް ހާސްކަން ފާހަގަކުރެވުނެވެ. އެކަމާ ރަމީޒު ހިތްހަމަނުޖެހުނެވެ.

''އެކަހަލަ ކިތައް މީހުން ވާނުވާ ނޭނގި ގެއްލިގެންދަނީ، އެކަމަކު އެމީހުން ހޯދަން އެކަކުވެސް އުޅޭތަ؟... އޭނަގެ ޢާއިލާ ބަޔަކު އޭނަ ނެތިގެނެއް ނޫޅޭނެ، ދެން އޭނަގެ އެކުވެރިން، ދެތިން ދުވަހު އޭނަ ކޮބާތޯ ސުވާލުކޮށްފަ އޭނަ މަތިން ހަނދާން ނައްތާލާނެ، އެކަހަލަ މީހުންނަކީ ގިނަ ދުވަހު މީހުންގެ ހަނދާނުގައި ހަރުލާފައި ހުންނާނެ ބަޔެއް ނޫން، ކަލޭވެސް ވެދިޔަ ކަންތައް ހަނދާން ނައްތާލާ... އެސަބާގެ މަރާއެކު އޭނައަށް ވެދިޔަ ގޮތް ވެސް ސިއްރުވެގެން ދިޔައީ...'' ރަމީޒު އޭނަ ދައްކަން ބޭނުންވި ވާހަކަތައް ބުނެލުމަށްފަހު ފޯނު ކަނޑާލިއެވެ. އެވަގުތު ސިޑިން ފައިބައިގެން އައި ހިމަތޮޅި ހަށިގަނޑެއްގެ ވެރި އަންހެންކުއްޖާ ފެނި ރަމީޒުގެ ތުންފަތަށް ފުން ހިނިތުންވުމެއް ވެރިވިއެވެ. ބަނޑިބަނޑި ލައްވަމުން އައި އެއަންހެންކުއްޖާ އައިސް ޖެހިގަތީ ރަމީޒުގެ އުނގަށެވެ.

*****

މަސްތުވާތަކެތީގެ މައްސަލައިގައި އައްޔޫބު ހައްޔަރުކުރެވުނު ވާހަކަ ރަށުތެރެއަށް ފެތުރިގެން ދިޔައީ ފަތުއަޑުކިޔާފައެވެ. އެމީހަކަށް އަޑުއިވުނު ގޮތަކަށް ތަފާތު އެކިއެކި މަސާލާތަކާ މަސްހުނިކޮށްފައި ވާހަކަތައް ފެތުރުނު އިރު ވާހަަކައިގެ އަސްލުވެސް އޮތީ އޮޅުވާލާފައެވެ. އެމީހަކަށް ހީކެރުވުނު ގޮތަކަށް އެކަންތައް ޤަބޫލުކުރަންމުން ދިޔަ އިރު އެކަމުގެ އަސްލު ހޯދަން އެއްވެސް މީހަކު މަސައްކަތެއް ނުކުރެއެވެ. އާޚިރުގައި ތައްގަނޑު ޖެހިގެން ދިޔައީ އައްޔޫބުއަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއްގެ ގޮތުގައެވެ. އެތައް އަހަރެއް ވަންދެން ރަށުގެ ރައްޔިތުންގެ ކުރިމަތީގައި އައްޔޫބު ބިނާކުރަމުން އައި އިއްޒަތާއި ޝަރަފު ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ވެއްޔާއެކުވެ ކިލަނބުވެއްޖެއެވެ. އެންމެންގެ ތުހުމަތުގެ ލޯތައް ހުއްޓެމުން ދިޔައީ އައްޔޫބު އަށެވެ.

*****

ފުލުހުންގެ އިދާރާއަށް ދެވުނުއިރު ރަށުގެ ގިނަ ރައްޔިތުންގެ އިތުރުން ރަށުގެ މީޑިޔާތައް ވެސް އެތަނަށް ޖަމާވެފައި އޮތެވެ. އެފަދަ ހާދިސާތަކަކީ ވަރަށް މަދުން ނޫނީ ރަށުގައި ހިނގާފައިވާ ކަންތަކަށް ނުވާތީ ގިނަ މީހުންގެ ޝައުޤުވެރިކަން އެކަމަށް ހުއްޓިފައިވިއެވެ. ފުލުހުންގެ ބަހެއްގެ އިންތިޒާރުގައި މީޑިއާތައް ވެސް ތިބީ އިންތިޒާރުގައެވެ.

ސައިކަލުން ފޭބި އަފްލާކްއާއި ޒޯހާ މިސްރާބު ޖެހީ ފުލުހުންގެ އިދާރާއަށް ވަނުމަށެވެ. އަފްލާކް އޭނަގެ ފޯނުނަގައި އާޒިމަށް ގުޅިއެވެ. މީޑިއާތަކުގެ ލޯތަކަށް ޒޯހާ ފާހަގަކުރެވުނީ އެދަނޑިވަޅުގައެވެ. އައްޔޫބުއާއި ޒޯހާއާއި އޮތް ގުޅުން އެނގިފައިވާތީ ރިޕޯޓަރުންތައް އަވަސްވެގަތީ އެމައްސަލައިގައި ޒޯހާއަށް ލިބިފައިވާ މަޢުލޫމާތުތައް ހާސިލުކުރެވޭތޯއެވެ. އެއާއެކު ޒޯހާއަށް ބާރުކޮށްލެވުނީ އަފްލާކްގެ އަތްތިލައަށެވެ. ޒޯހާ ހާސްވެފައި ހުރި މިންވަރު އަފްލާކްއަށް ފާހަގަކުރެވުނެވެ.

ޒޯހާގެ ކޮނޑުގައި ހިފާ ގާތްކޮށްލުމަށްފަހު އަފްލާކް އަވަސްވެގަތީ ސަލާމަތުގެ އައްސޭރިޔަކަށް ޒޯހާ ގެންގޮސްދިނުމަށެވެ. އޭރު އޭނަ ހުރީ ރިޕޯޓަރުން ދެކެ ރުޅިއައިސްފައެވެ.

*****

ޒޯހާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ފުލުހުންގެ އިދާރާއަށް ވަދެވުނު ފަހުންނެވެ. ޒޯހާ ހަމައަކަށް އެޅެންދެން ޒޯހާގެ ގަޔާއި ކައިރިކޮށްގެން އަފްލާކް ހުއްޓެވެ.

''އަފްލާކް...'' ދެޒުވާނުންނަށް ސިހިފައި ބަލާލެވުނީ އާޒިމްގެ އަޑަށެވެ.

''ބަންދުގެ މުއްދަތު ޖަހަން މިހާރު ކޯޓަށް ގެންދަން އެއުޅެނީ... އެއްވެސް މީހަކާއި ބައްދަލުކުރުމުގެ ހުއްދައެއް ނެތް، ވަރަށް އަވަސްއަރުވާލާފައި ކަންތައް ނިންމަމުން ދަނީ، އަހަންނަށް ވެސް އެކޭސް އާއި ބެހޭ މަޢުލޫމާތު ރަގަޅަކަށް ނުލިބޭ... އަފްލާކް، އަހަންނަށް ފެންނަނީ ވީހާވެސް އަވަހަކަށް ވަކީލަކު ހޯދަން، އެހެންނޫނީ މިކަންތައް އިތުރަށް ގޯސްވުން ނޫންކަމެއް ނުވާނެ، އެކޮޅުން އެބަބުނޭ މަސްތުވާތަކެތި ގެންގުޅުމާ ވިއްކުމުގެ ކުށް ސާބިތުވާވަރަށް ހެކި އެބަހުއްޓޭ، އެކަމަކު ހެކީގެ ރަގަޅު ތަފުސީލެއްވެސް ނުދޭ...''

އާޒިމުގެ ނަޒަރު ޒޯހާއަށް ހުއްޓުނުއިރު އެދެލޮލުގައި ވަނީ ހަމްދަރުދީއެވެ.

އާޒިމުގެ ޖުމްލައިން ލިބުނު ސިހުމާއެކު ޒޯހާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ފައިގެ ދަށުގައި އޮތް ބިންގަނޑަށް ލޮޅުން އަރައިގެން ދިޔަ ކަމުގެ އިހުސާސްކުރެވުމާއެކު އޭނައަށް އަފްލާކްގެ އަތަށް ބާރުކޮށްލެވުނެވެ.

''މިކަމުގަ ބޮޑެތި މީހުންގެ ޝާމިލުވުން އެބައޮތް، ޕޮލިސީ ވެސް ފޮލޯކުރުމެއް ނެތި އަވަސްއަވަހަށް ތަހުގީގު ނިންމާ ކޯޓުގެ މަރުހަލާއަށް ދާން އެއުޅެނީ...'' އާޒިމު ބުންޏެވެ.

އަފްލާކްއަށް ބަލާލެވުނީ ޒޯހާގެ މޫނަށެވެ. އެމޫނުގެ ކުލަވަރު މުޅިންހެން ވަނީ ބަދަލުވެއެވެ. ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. އެމަންޒަރުތައް ބަލަން އަފްލާކްއަށް ފަސޭހަކަމަކަށް ނުވިއެވެ. ރަމީޒުއާ މެދު ހިތުގައި އުފެދިގެން އައި ރުޅިވެރިކަމުގެ ގިންޏާއެކު އަފްލާކްގެ މުށްބާރުވެގެން ދިޔައެވެ.

*****

ޒޯހާއަށް އޭނަގެ ބައްޕައާ ބައްދަލުކުރުމުގެ ފުރުސަތެއް ނުލިބުނެވެ. ކޯޓަށް ގެންދަންވެގެން ފުލުހުންގެ ވެހިކަލަށް އަރުވަން އުޅުނު އިރު މަދު ސިކުންތުކޮޅެއްގެ ފެނިލުމަކުން ޒޯހާއަށް އޭނަގެ ބައްޕަ ފެނުމުގެ ނަސީބު ލިބުނެވެ.

''ބައްޕާ!...''

ޒޯހާއަށް ގޮވާލެވުނެވެ. އެހިނދު އޭނަގެ ދެލޯ ހޫނު ކަރުނުން ފުރި ބަންޑުންވެގެން އައެވެ. އައްޔޫބުއަށް ޒޯހާގެ އަޑު އިވުމުން ފަސްއެނބުރި ބަލާލެވުނެވެ. އެފަދަ ހާލެއްގައި އޭނަ ވަނިކޮށް ޒޯހާއަށް ފެންނަން ބޭނުންނުވާކަން އެދެލޮލުން ފާޅުވި ހިތްދަތިކަމުން ހާމަކޮށްދިނެވެ. އެއްޗެއް ބުނަން އައްޔޫބު އަނގަހުޅުވާލިކަމުގައި ވިޔަސް އޭނައަކަށް އެފުރުސަތެއް ނުލިބުނެވެ. އޭނަގެ ވަށައިގެން އޮތް މާހައުލާއި އޭނައަށް ހުއްޓިފައިވި ކެމެރާތަކުގެ ސަބަބުން ލަދުވެތިކަމުގެ އިހުސާސް ކުރެވުނެވެ. ހިތްވަރުއެލިފައި ވަނިކޮށް އައްޔޫބު ވެހިކަލަށް އެރުވީ ފުލުހުންނެވެ. އެއަށްފަހު ވެހިކަލް ދުއްވާލިއެވެ.

މަންޒަރު ބަލަން ހުރި ޒޯހާއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. އޭނަ ބޭނުންވީ ފުލުހުންގެ ވެހިކަލުގެ ފަހަތުން ދާށެވެ. ނަމަވެސް އަފްލާކް އޭނަ ހިފެހެއްޓުމުން ޒޯހާގެ ބަޑިފަޅައިގެން ދިޔައެވެ.

ޒޯހާ ގެނެސް މޭގައި ޖައްސާލި އަފްލާކްގެ ދެލޮލުގައި ވެސް ރަތްކަމުގެ އަސަރުވެއެވެ. ވަމުންދާ ކަންތަކުން އޭނަގެ ހިތަށް ވެސް ނުހަނު އަސަރުކޮށްފައިވިއެވެ. ޒަމާންތަކަކަށް މަހުރޫމުވެފައިވި ބައްޕައެއްގެ ކުލުނު އޭނައަށް ފުރަތަމަ ފަހަރަށް ލިބުނީ އައްޔޫބުގެ ފަރާތުންނެވެ. ނަމަވެސް މިއަދު އެނިޢުމަތުން ވެސް އޭނަ މަހުރޫމު ވެދާނެ ކަމުގެ ބިރު ހީވެ ހަށިގަނޑުގެ ކޮންމެ ހަތާ (ސެލް) އަކަށް ވެސް ގުޑުން އައިސްފިއެވެ. ނުވީތާކަށް ޒޯހާގެ ލޮލުން އޮހޮރެމުން އައި ވޭނީ ކަރުނަތަކުން އޭނަގެ ޓީޝާޓު ތެމި އެކަރުނަތަކުގެ ދިލަކަން މެޔަށް ފޭދުމުން ހިތުގައި ރިއްސާލިއެވެ. އެހުރިހާކަމެއް ހައްލުކުރަން އަފްލާކް ހުރީ ނުހަނު ބޭނުންވެފައެވެ.

''ޒޯހާ، ދެން ނުރޮއި، އަހަރެން މިކަންތައް ހަމައަކަށް އަޅުވާނަން، ޒޯހާގެ ބައްޕަވެސް މިކަންތަކުން ސަލާމަތްކޮށްދޭނަން، ކޮންމެ ފަދަ ކަމެއް ކުރަން ޖެހުނަސް އަހަރެން އެކަމެއް ކުރާނަން، އަހަރެންގެ ސަބަބުން ޒޯހާގެ ޢާއިލާ ނިކަމެތިވެގެންދާކަށް ބޭނުމެއް ނޫން...'' އަސަރުން ފުރިފައިވި ރާގަކަށް އަފްލާކް ބުންޏެވެ.

''ތިހެން ނުބުނޭ... މިއީ އަފްލާކްގެ ސަބަބުން ދިމާވާ ކަމެއް ނޫން، އަމިއްލަ ނަފުސު ކުށްވެރި ނުކުރާތި، އޭރުން އަހަންނަށް އިތުރު ތަކުލީފުތަކެއް ނޫނީ ނުލިބޭނެ...'' ޒޯހާއަށް ގިސްލުމުގެ ތެރޭން ބުނެވުނެވެ. އަފްލާކް އަމިއްލަ ނަފުސު ކުށްވެރިކަމުގެ ކަސްތޮޅުތަކުގެ ތެރޭގައި ގައިދުކުރުމުގެ ފުރުސަތު ދޭން ޒޯހާ ބޭނުމެއް ނުވިއެވެ. އެހެންކަންތައް ވެއްޖެނަމަ އޭނަގެ މުޅި ދުނިޔެ އިހުނަށްވުރެން ބަނަވެެގެން ދާނެއެވެ. އޭނަ ލޯބިވާ ހުރިހާ ފަރާތެއްވެސް އޭނައަށް ގެއްލިގެން ދާނެއެވެ.

*****

އަފްލާކްގެ ކުންފުނީގެ ލީގަލް ޑިޕާރޓްމެންޓުން އައްޔޫބުގެ ކޭސްއާއި ހަވާލުވީ ދާއިރާގެ ތަޖުރިބާ ހުރި ޒުވާން ވަކީލެކެވެ. އަފްލާކް ފުރިހަމައަށް އިތުބާރުކުރާ އެކުވެރިޔެކެވެ.

ކާއިލް އެކޭސްއާއި ހަވާލުވިއިރު ވެސް ކާމިޔާބު ހޯދުމަށް ގިނަގުނަ ހުރަސްތަކެއް އެޅިފައިވާކަން ފާހަގަވިއެވެ. ފުލުހުންގެ ތަހުގީގުގެ ފުރިހަމަ މަޢުލޫމާތު އޭނައަށް ނުލިބުމާއި ހެކިތަކުގެ ރަގަޅު ތަފުސީލެއް ވެސް އޭނައަށް ނުލިބުމެވެ. ހަމައެއާއެކު ތަހުގީގުގެ ކަންތައް ނިންމަމުން ދިޔަ ހަލުވި ސްޕީޑާއި ކޯޓު މަރުހަލާއަށް ދިއުމަށް ވަމުން އައި ތައްޔާރީތައް ވެސް އޭނައަށް ގޮންޖެހުމަކަށް ވިއެވެ.

*****

އަލިމަގެއް ނުލިބި ދުވަސްވާން ފެށުމުން މޫނިސާގެ ސިއްހީ ހާލަތު އަޑިއަޅައިގެން ދިޔައެވެ. އެއްދުވަހަކު މޫނުމައްޗަށް އަނދިރިވެ އަނބުރައިގަނެގެން ވެއްޓުމުން ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. އޭގެ ސަބަބުން ރިހޭފައިމައްޗަށް ފޮތް ވެއްޓުނު ކަހަލަ އިހުސާސެއް ޒޯހާއަށް ކުރެވުނެވެ. ހިތާމަތަކާއި އުދާސްތައް އޭނައަށް ބަރުދާސްތުކުރަން އުނދަގޫވި ހާލަތުގައި މަދަދުވެރިކަމުގެ އަތެއް ފޯރުކޮށްދިނީ އަފްލާކްއާއި މަރިޔާއެވެ. އެއަނދިރި ކަޅުފޮއި ރެޔަށް ފަހު އުޖާލާ ދުވަހަކަށް އިރުއަރާފާނެކަމުގެ އުއްމީދު އާކޮށްދިނީ ވެސް އަފްލާކް އެވެ. ދިރިއުޅުމުގެ ހުރިހާ އިމްތިހާނެއްގައި ވެސް އެކުގައި ވޭނެކަމުގެ އުއްމީދު އާކޮށްދިނީ އަފްލާކް އެވެ. ދިރިއުޅުމުގެ މައިދާނުގައި އިނދެޖެހިފައި ވަނިކޮށް ކޮޅަށް ތެދުވުމަށް އެހީތެރިވެދިނީ ވެސް އަފްލާކް އެވެ.

ހުރިހާކަމެއް ހަމައަކަށް އެޅި މޫނިސާ ވޯޑަށް ބަދަލުކުރެވުނީ މެންދުރުވާން ކައިރިވެފައި ވަނިކޮށެވެ. އޭރު މޫނިސާ ހޭ އަރައިފިއެވެ. ނަމަވެސް އަނގައިން ނުބުނެ އޮތީ ހަމަހިމޭންވެފައެވެ.

''ކަލޭމެންނާ ހެދި ދިމާވާހާ މުސީބާތޭ މީ، ލަދު ހަޔާތެއް ނެތިގެން މިތަނަށްވެސް އަންނަން ކެރިއްޖެ ދޯ، މަގޭ ހިތަށް އަރާ ކަލޭމެންގެ ބަލާވެރިކަމުން އަހަރުމެން ސަލާމަތްވާނީ ކޮންދުވަހަކުންބާއޭ، ކަލޭމެންނާ ހެދި އައްޔޫބު ނުކުރާ ކުށެއްގައި ހައްޔަރު ކުރެވިފަ އެވަނީ، މުޅި ރަށަށް އަަހަރުމެން ބަދުނާމުވެފައިވަނީ ވެސް ކަލޭމެންނާ ހެދި، ނުވީތާކަށް މުނިސާގެ ސިއްހީ ހާލަތު ގޯސްވެފައި ވަނީވެސް ހަމަ ކަލޭމެނާ ހެދި... ހެޔޮނުވާނެ އަހަރުމެންގެ ޢާއިލާ ދޫކޮށްލާފަ އެހެން ބަޔަކަށް އުނދަގޫކުރަން ދޭ!!!...''

ފަޒީލާ ރުޅިވެރިކަމާއެކު އަފްލާކް އަދި މާރިޔާއާ ދިމާއަށް ހަޅޭއްލަވައިގަތެވެ.

''މަ އޭރު ބުނި ދުވަސް މިއޮތީ އައިސް ލައިގަނެފައެއްނު!، ކިތައް ފަހަރު މަ ބުނިން ޒޯހާއާއި މިހިރަ ފިރިހެންމީހާގެ ގުޅުމަށް އާނ ބަސް ނުދޭށޭ!، އެދުވަހު މަ ބުނި ބަހަށް ޤަދަރު ނުކުރިކަމުގެ ނަތީޖާ މިފެންނަނީ!، ދެންވެސް އެއްޗެއް ވިސްނެންވެއްޖެ ދޯ... މިތިބަ މިހުންނާ ހެދި ވާހާ ކަންތަކޭމީ!!!...''

އެނދުގައި އޮތް މޫނިސާއަށް ބަލާލުމަށްފަހު ފަޒީލާ ހަޅޭއްލަވައިގަތެވެ. އޭނަގެ ދެލޮލުން އަލިފާންކަނި ބުރާ ހާލު އަފްލާކްއަށް ބަލާލިއެވެ. އޭރު ވޯޑުގައި ތިބި އިތުރު މީހުންގެ ނަޒަރުވެސް އެދިމާއަށް ހުއްޓިފައި ވިއެވެ.

(ނުނިމޭ...)

https://sun.mv/113639

comment ކޮމެންޓް