އިންދިރާސް... (14)

ހޮސްޕިޓަލަށް ދެވުނު އިރު އެސަރަހައްދަށް ރަށުގެ ވަރަށް ގިނަ ރައްޔިތުންގެ އިތުރުން މީޑިޔާތަކުގެ ނޫސްވެރިން ޖަމާވެފައި އޮތެވެ. ކޮންމެ މީހަކު ވެސް މަސައްކަތްކުރަމުން ދިޔައީ ރަށުތެރެއަށް ފަތު އަޑު ކިޔާފައި ފެތުރިފައި އޮތް ޚަބަރުގެ އިތުރު ތަފުސީލެއް ނުވަތަ ކުޑަ މަޢުލޫމާތެއް ވިޔަސް ލިބޭތޯއެވެ. އައްޔޫބުގެ ކުއްލި މަރުގެ ޚަބަރުން ރަށު ތެރެއަށް ހައިރާންކަމާއި ސިހުން ގެނުވާފައި ވިއެވެ. އެމީހަކަށް އަޑުއިވިފައި އޮތް ގޮތަކަށް ވާހަކަ އަނބުރަމުން ދިޔައިރު ހަޤީޤަތާ ޚިލާފު ވާހަކަތައް ވެސް ބައިގަނޑުގެ މެދުގައި ދައުރުވަމުން ދިޔައެވެ. އޭގެ ސަބަބުން މުޅި މާހައުލު އޮތީ ހަލަބޮލިވެފައެވެ. ފުލުހުން ވެސް އެހިސާބުގައި ހަރަކާތްތެރިވަމުން ދިޔައެވެ.

ކުއްލިޔަކަށް އިވިގެން ދިޔަ އެމްބިއުލާންސްގެ ސައިރެންސަރުގެ އަޑުން އެންމެންގެ ލޯތައް އާމާޒުވެގެން ދިޔައީ އެދިމާއަށެވެ. އޭރު ބާރު ދުވެލީގައި އައި އެމްބިއުލާންސް ހޮސްޕިޓަލުގެ ޕޯޓިކޯއަށް މަޑުކުރަނީއެވެ. ޝައުޤުވެރިކަމާއެކު އެންމެން އެދިމާއަށް ލޯތައް އުކަމުން ދިޔައެވެ. ކެމެރާތަކުގެ ލެންސް ވެސް ސީދާވެފައި ވަނީ އެދިމާއަށެވެ.

އެންމެންގެ ސަމާލުކަން އެދިމާއަށް ހުއްޓިފައި ވަނިކޮށް ސްޓްރެޗާރ ގައި އެމްބިއުލާންސުން ނެރުނު މޫނިސާ އަވަސްއަވަހަށްގެންގޮސް އީ.އާރއަށް ވައްދަނީއެވެ. ޒޯހާއާއި އަފްލާކް ވެސް އެމްބިއުލާންސުން ފައިބައިގެން ފަހަތުން ހިނގައިގަތެވެ.

*****

މަންމައަށް އަވަސްފަރުވާ ދެމުން ދިޔަ މަންޒަރު ބަލަން ހުރި ޒޯހާ އިރުއިރުކޮޅާ އޭނަގެ ކޯތާފަތް ފޮހެމުން ދިޔައެވެ. މަންމައާ މެދު އޭނަ ކަންބޮޑުވެފައިވާ މިންވަރު ދިރުން ގެއްލިފައިވި ޒޯހާގެ މޫނުން ހާމަކޮށްދެއެވެ. ހަމައެއާއެކު އެދެލޮލުން އޮހޮރެމުން އައި ކަރުނަތަކުން ހިތުގައި އަޅަމުންދާ ވޭނުގެ ސިލްސިލާ ވެސް ހާމަކޮށްދެއެވެ.

ޒޯހާގެ ގާތުގައި ހުރި އަފްލާކްއަށް ޒޯހާގެ ކޮނޑުގައި އަތް ޖައްސާލެވުނެވެ. ހިތްވަރުދިނުމުގެ ގޮތުންނެވެ. އޭނަގެ ދުލަކުން ބަހެއް ނުނިކުތެވެ. ޒޯހާގެ ހިތާމަތައް ލުއިކޮށްދޭނެ ގޮތެއް އެވަގުތު އޭނައަށް ނޭގުނީތީއެވެ. އެހިތާމައާއި ކުރިމަތިލާން ޚުދު އޭނަ ވެސް ނުކުޅެދިފައިވާތީއެވެ.

ކުށްވެރިކަމުގެ އިހުސާސްތަކުން އަފްލާކްގެ ހަތަރެސްފައިގައި ކަސްތޮޅު އެޅިފައިވާ ކަހަލައެވެ. ޒޯހާގެ ޢާއިލާއަށް ރައްކާތެރިކަން ދޭނަންކަމަށް އޭނަވި ވަޢުދު ވެސް ފުއްދައިދިނުމުގައި ކުރިމަތިލާން ޖެހިފައިވަނީ ނާކާމިޔާބީއާއެވެ. ދުނިޔޭގެ ހިތާމަތަކުން ހިމާޔަތް ހޯދަދޭންވި އަހުދުތައް ވެސް ފުނޑުފުނޑުވެގެން ހިނގައްޖެއެވެ. އޭނަގެ ލޯކުރިމަތީގައި ޒޯހާގެ މުޅި ދިރިއުޅުން އަނދާއަޅިއަށް ވެގެން ދިޔައިރުގައި ވެސް އެއްވެސްކަމެއް ކޮށެއް ނުދެވުނެވެ. ގޮތް ހުސްވެފައިވާ މީހަކު ފަދައިން ގާތުގައި މަންޒަރު ބަލަން ހުރެވުނީއެވެ.

ސިކުނޑީގެ ނާރުތަކަށް އަރައިގެން އައި ވާންކަމާއެކު އަފްލާކްގެ އަރުން އާހުތަކެއް ބޭރުވިއެވެ. އޭރު އެދެލޯ ވަނީ ފެންކަޅިވެފައެވެ. ޒޯހާއަށް ބަލަމުން ދިޔަ އިރު އުދާހާއި ހިތްދަތިކަން އެދެލޮލުން ފާޅުވެއެވެ. ހިތާމަތައް ބަރުދާސްތުކުރަން އުނދަގޫވި ހިނދު އަފްލާކްގެ ތުންފަތް ހަރަކާތްކޮށްލިއެވެ. ނަމަވެސް އަޑެއް ނުނިކުތެވެ. ލޯފުރިބާރުވެފައިވި ކަރުނަތައް ހަލުވިކަމާއެކު ލޮލުގެ ހިމަކޮޅުން ލާފައި ގޮސް ތުނބުޅީގެ ތެރެއަށް ގެއްލިއްޖެއެވެ.

އެސަކަރާތެއްގެ ތެރޭގައި ވަނިކޮށް ދެ ޒުވާނުންނަށް ސިހުން ގެނުވީ ދާދި ކައިރިން ޒޯހާއަށް ގޮވާލި އަޑުންނެވެ. ފަސްއެނބުރި ބަލާލި އިރު ދެފުލުހަކު އައިސް ހުއްޓެނީއެވެ. އެއާއެކު ޒޯހާއަށް އަނގަމަތީގައި އަތްއަޅާލެވުނީ ގިސްލުމުގެ އަޑު ބޭރުވިޔަނުދިނުމުގެ ގޮތުންނެވެ. އެހެނަސް، އިނގިލިތަކުގެ ތެރޭން އަޑު ފޭދުނެވެ. މަންމައަށް ދިމާވި ކަންތަކަށް ފަހު ހިނދުކޮޅަކަށް ވިޔަސް ބައްޕަ ނިޔާވި ޚަބަރުގެ މަތިން އޭނަ ހުރީ ހަނދާން ނެތިފައެވެ. އޭނަ ކުރިމައްޗަށް އައިސް ހުއްޓުނު ފުލުހުން ފެނި އެބިރުވެރި ޚަބަރާއި ކުރިމަތިލާން އަނެއްކާ ވެސް ޒޯހާއަށް މަޖުބޫރުކުރުވި ކަހަލައެވެ. ލިބެމުން ދިޔަ ހިތާމަތަކާއި ހާސްކަމަށް ކެތްކުރުން ޒޯހާއަށް އުނދަގޫކަމަށް ވިއެވެ. އޭނަގެ ގާތުގައި ހިތްވަރުދޭން އެވަގުތު އަފްލާކް ނެތްނަމަ ކޮޅަށް ހުންނާނެ ހިތްވަރު ގެއްލި ބިންމައްޗަށް ތިރިވެވުނީހެވެ. ނަމަވެސް އަފްލާކް އޭނަގެ ކޮނޑުގައިހިފާ ކައިރިކޮށްލުމުން ބިންމަތީގައި ފައިތިލަ ސާބިތުކުރަން ކުޑަ ނަމަވެސް ހިތްވަރެއް ޒޯހާއަށް ލިބުނެވެ. އެހެނަސް ހަޤީޤަތާ ކުރިމަތިލުމުގެ ހިތްވަރެއް ނުލިބުނެވެ. އޭނަގެ ޒަމީރު ހަޅޭއްލަވަމުން ދަނީ އެހުރިހާކަމަކަށް އިންކާރުކުރާށެވެ. މިއީ ބިރުވެރި ހުވަފެނަކަށް ވުމަށް އެދެވޭތީއެވެ. ހުވަފެނުން ހޭލެވުމުން ހުރިހާ މަންޒަރެއް ބަދަލުވެގެން ދާނެތީއެވެ.

*****

ފުލުހުންގެ ފަހަތުން ދިޔަ ޒޯހާ ހުރީ އަފްލާކްގެ އަތުގައި ބާރަށް ހިފަހައްޓައިގެންނެވެ. އޭނަ ދޫކުރަމުން ދިޔަ ފުންނޭވާތަކާއި ހިންދަން މަސައްކަތްކުރަމުން ދިޔަ ގިސްލުންތަކުން ބިރުގެންފައިވާ މިންވަރު ހާމަކޮށްދެއެވެ. ބައްޕަގެ މަރުގެ ޚަބަރު އޭނައަށް އަދިވެސް ޤަބޫލުކުރަން ދަތިވެފައިވިއެވެ. އެހެނަސް، ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކުން ހަޤީޤަތާ ކުރިމަތިލާން ޒޯހާއަށް މަޖުބޫރުކުރުވާ ކަހަލައެވެ. ހަމައެއާއެކު ފުލުހުން ދެއްކި ވާހަކަތައް ވިހަ އެކުލެވިފައިވި ދުނިތީރުތަކެއްގެ ސިފައިގައި އައިސް ހިތުގެ އެންމެ ފުނަށް ހެރިފައި ވިއެވެ. މޭގައި އުފެދިފައި ރިހުން އޭގެ ސަބަބުން ބޮޑު ތަކުލީފަކަށް ވެއްޖެއެވެ. ނުވީތާކަށް ކަންފަތުގައި ތަކުރާރުވަމުން ދަނީ އެއް ޖުމްލަތަކެވެ. އޭގެ ސަބަބުން ބޮލުގައި ތޫނު ތަދެއް އުފަކުރުވައިފިއެވެ.

''ޒޯހާ...''

މޯޗަރީގެ ކުރިމައްޗަށް ހުއްޓެމުން އަފްލާކް ޒޯހާއަށް ގޮވާލިއެވެ. ރަތްވެ ދުޅަވެފައިވި ޒޯހާގެ ލޮލާއި އޭނަގެ ނަޒަރު ބައްދަލުވުމުން އަފްލާކްގެ ހިތް މޭގެތެރޭގައި ގެނބުނުކަމުގެ އިހުސާސްކުރެވުނެވެ. އިރުކޮޅެއް ވަންދެން އޭނައަށް ބަލަން ހުރެވުނީ ހިތްހަލާކުވެފައިވާ ހާލުގައެވެ. މޭގެތެރޭގައި އުފެދިގެން އައި އުދާސްކަމުން އޭނަގެ އަރުތެރެ ބެދުމާއެކު، އޭނަ ދައްކަން ބޭނުންވި ވާހަކަ އަފްލާކްއަށް ކުރިއަކަށް ނުގެންދެވުނެވެ. ޒޯހާގެ އަތްތިލަައަށް ފިތާލެވުނު ހިނދު އަފްލާކްގެ ލޮލުން ފޭބި ކަރުނަ ގޮސް ޖެހުނީ ޒޯހާގެ އަތްތިލައިގައެވެ. އެކަރުނަތަކުގެ އުދާސްކަން އިހުސާސްކުރެވުމާއެކު، އަފްލާކް ބުނަން ބޭނުންވި ވާހަކަ ޒޯހާއަށް ނަގައިގަނެވުނެވެ. އޭގެ ސަބަބުން އެނާޒުކު ހިތުގައި އިތުރަށް ވޭން އެޅިއެވެ.

''އައި ހޭވް ޓު ޑޫ ދިސް، މި ހަޤީޤަތަށް ފިލަން އަހަންނަށް ނުދުވޭނެ، އިންކާރުކޮށް ހަޅޭކެއް ވެސް ނުލެވޭނެ...'' އަރުތެރެ ބެދުމުން ޒޯހާއަށް އިތުރަށް ވާހަކައެއް ނުދެކެވުނެވެ. އޭނައަށް ގިސްލެވުނީއެވެ. ހިތްދަތިކަމާއެކު ޒޯހާ ރޮމުން ދިޔަ އިރު ބަރުދާސްތުކުރަމުން ދިޔަ ވޭން ވަށައިގެންވި މީހުންނަށް އިހުސާސްކުރެވޭހާ ވެއެވެ. އުދާސްކަމުގެ ޖަޒުބާތުތަކުގެ ތެރޭގައި ހަނާވެ މީހާ ރޫޅިދާނެހެން ހީވި ވަގުތުކޮޅެއް ވެސް އައެވެ. އެއްކޮޅުން ބަލިއެނދުގައި އޮތް އޭނަގެ މަންމައެވެ. އަނެއްކޮޅުން ބައްޕަ މިދުނިޔެ ދޫކުރިކަމުގެ ހިތި ޚަބަރެވެ. އެހުރިހާކަމެއްގެ ތެރޭގައި ފިތިބާރުވެ ޒޯހާ ދިޔައީ ފިސްފިސްވަމުންނެވެ.

އަފްލާކް، ޒޯހާ ގެނެސް އޭނަގެ މޭގެ ތެރޭގައި ބޮޑިކޮށްލިއެވެ. ޒޯހާ އުފުލަމުން ދިޔަ ހުރިހާ ހިތާމަތަކަށް ނިމުން ގެންނަން އަފްލާކް ނުހަނު ބޭނުން ވިއެވެ. އެހުރިހާ ހިތާމަތަކާ ދުރަށް އުފާވެރިކަމުގެ އާލަމަކަށް ގެންދަން ވެސް މެއެވެ. އެދެލޮލުން އިތުރު ކަރުނަ ތިއްކެއް ވެސް ފައިބަން އޭނަ ބޭނުމެއް ނުވިއެވެ. މުޅި ހަޔާތުގައި ވެސް އޭނަ ނަފުސު އެހާ ބަލިކަށިވި ވަގުތެއް އެނޫނީ ނާދެއެވެ. ލޯބިވާ ފަރާތުގެ ހިތާމަތައް ލުއިކޮށްދޭން އޭނައަށް ކުރެވޭނެ އެއްވެސްކަމެއް ނެތެވެ. ތަޤުދީރުގެ ނިޔާ އޭނައަށް ބަދަލެއް ނުކުރެވުނެވެ. ހިތި ހަޤީޤަތާ ކުރިމަތިލުން ނޫން އިތުރު ގޮތެއް ދެޒުވާނުންނަކަށް ވެސް ނެތެވެ. ހާދަ ދެރައެވެ!

*****

މޯޗަރީއަށް ވަދެވުމާއެކު ޒޯހާއަށް އަފްލާކްގެ އަތަށް ބާރުކޮށްލެވުނެވެ. އެއަށްފަހު ކުރިއަށް ދިއުމަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު ޒޯހާގެ ނޭވާތައް ފުންވަމުން ދިޔައެވެ. އޭނަގެ ލޮލަށް އަނެއްކާ ވެސް ތާޒާ ކަރުނަތައް ޖަމާވެއްޖެއެވެ. މޭގައި އޮތް ހިތުގައި އުފެދިފައިވި ތަދު އޭރު މުޅި ޖިސްމަށް ފެތުރިފައި ވިއެވެ. ގިސްލުންތަކުގެ އަޑު ބޭރުވިޔަ ނުދޭން ޒޯހާ އޭނަގެ ތުންފަތުގައި ބާރަށް ދަތްއަޅާލިއެވެ.

ޒޯހާއަށް ވެދާނެ ގޮތަކާ މެދު ކަންބޮޑުވެފައިވި އަފްލާކް ވަނީ ގިލަންވެރިކަމެއްގެ ތެރޭގައެވެ.

މޯޗަރީގައި ހުރި އެނދު ކައިރިއަށް ޒޯހާ ހުއްޓުމާއެކު ނަރުހަކު އެނދާއި ކައިރިވެލިއެވެ. އަދި އެނދުގައި އޮތް އައްޔޫބުގެ ގައިގައި އަޅާފައި އޮތް ހުދުކުލައިގެ ފޮތިގަނޑުން މޫނު ފެންނާނެހެން، ފޮތިގަނޑު މޫނުން އެއްފަރާތްކޮށްލިއެވެ. އެއާއެކު އެހުރިހާއިރު ވަންދެން ޒޯހާ ހިފަހައްޓައިގެން ހުރި ގިސްލުންތައް ތުންފަތުގެ ފާރު ފޫއަޅުވާލާފައި ބޭރުވެއްޖެއެވެ. އޭނައަށް އަނގަމަތީގައި އަތް އަޅާލެވުނު ވަގުތު ލޮލުން ކަރުނަ އޮހޮރިގަތެވެ. ހަށިގަނޑަށް އައި ކުއްލި ލޮޅުމާއެކު މޫނުމައްޗަށް އަނދިރިވެ ވެއްޓިދާނެހެން ހީވި ސިކުންތުކޮޅެއް ވެސް ދިޔައެވެ. އެވަގުތު އަފްލާކް ޒޯހާ އަތުލިފައި ނުކުރިނަމަ ޒޯހާ ވެއްޓުނީހެވެ.

އައްޔޫބުގެ މުޅި ހަށިގަނޑު ވަނީ ހުދުވެފައެވެ. ކަރަށް ބާރުކުރެވުނު ދަންމަޅީގެ ޗާޓު ކަރުން ފެންނަން ހުރިއިރު ލޯބަންދުކުރަން ވަނީ މާސްކިން ޓޭޕް ކޮޅެއް އަޅާފައެވެ.

އިތުރަށް ބަލަން ކެތްނުކުރެވުމުން ޒޯހާއަށް އަފްލާކްގެ މޭގައި މޫނު ފޮރުވާލެވުނެއެވެ. ދެވަނަ ފަހަރަށް ބައްޕައަށް ބެލުމުގެ ހިތްވަރެއް ޒޯހާއަކަށް ނުލިބުނެވެ. އެކަން ފާހަގަވި އަފްލާކް ނަރުސްކުއްޖާއަށް ދިން ނަޒަރަށް ފަހު އެދުނީ އަނެއްކާ ވެސް އައްޔޫބުގެ މޫނުގައި ފޮތިއަޅައި ނިވާކުރުމަށެވެ. ނަރުސްކުއްޖާ އަފްލާކް އެދުނު ފަދައިން ކަންތައް ކުރިއެވެ. އޭރު އަފްލާކްއަށް ވެސް ރޮވިއްޖެއެވެ. ފުނިޖެހިފައިވި ހިތާމައިގެ އިހުސާސްތައް އުތުރިއަރައިގަތުމާއެކު އޭނަގެ ހިތް ބަލިކަށިވީއެވެ.

*****

އަފްލާކްއާއި ޒޯހާ ތިބީ އެމަރޖެންސީ ރޫމުގައެވެ. އޭރު މޫނިސާގެ ހާލަތު ވަނީ ހަމައަކަށް އެޅިފައެވެ. ދީފައިވި ބޭހުގެ ސަބަބުން އޮތީ ފުންނިންޖެއްގެ ތެރޭގައެވެ.

މަންމައަށް ބަލަމުން ދިޔަ ޒޯހާ އިރުއިރުކޮޅާ އޭނަގެ ކޯތާފަތުން ރޮނގުދަދަމުން ދިޔަ ކަރުނަތައް ފޮހެލައެވެ. މިކަންތަކާއި ކުރިމަތިލާނެ ގޮތެއް ޒޯހާގެ ސިކުނޑިއަކަށް އަދިވެސް ވިސްނައިނުގަނެވެއެވެ. ލޮލުން ފެނި ހަޤީޤަތާ ކުރިމަތިލާން މަޖުބޫރުވެފައި ވިޔަސް އަދިވެސް ބައްޕަ މިދުނިޔެ ދޫކޮށް ގޮސްފިކަމުގެ ހިތި ހަޤީޤަތް ޤަބޫލުކުރަން ޒޯހާއަށް ދަތިވެފައިވިއެވެ. މިއީ ބިރުވެރި ހުވަފެނަކަށްވެ އަވަހަށް މި ހުވަފެނުން ހޭލަން އޭނަ ހުރީ ނުހަނު ބޭނުން ވެފައެވެ. އޭރުން ހުރިހާކަމެއް ވެސް އިހު އޮތް ގޮތަށް އިއާދަވާނެތީއެވެ. އެހެނަސް، ދިގުލަމުން ދިޔަ ވަގުތާއި ކުރިމަތިލާން ޖެހިފައިވި ހަޤީޤަތުން މިއީ އުމުރުދުވަހުން ވިޔަސް ހޭނުލެވޭނެ ބިރުވެރި ހުވަފެނެއްކަން ޒޯހާއަށް ފަހުމުވެއްޖެއެވެ.

''ޒޯހާ...'' އަފްލާކް ގޮވާލިއެވެ.

މޫނިސާއާއި ނަޒަރު ވަކިކުރުމެއް ނެތި ޒޯހާ ''ހޫމްމްމް'' ލައްވާލިއެވެ. ޒޯހާއަށް އޭރު މުޅިން ވެސް ވިސްނެމުން ދިޔައީ މަންމަގެ ސިއްހީ ހާލަތާ މެދުގައެވެ. ބޭހުގެ އަސަރު ކެނޑި ނިދިން ހޭލެވުމާއެކު މަންމައަށް ވެދާނެ ގޮތަކާ މެދު އޭނަގެ ހިތްވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ބައްޕަގެ މަރުގެ ޚަބަރު ޤަބޫލުކުރަން މަންމައަށް ދަތިވާނެކަން ގައިމެވެ. އަނެއްކާ ވެސް މަންމައަށް ޝޮކެއް ލިބިދާނެއެވެ. މި ތޫފާން ހިނދިގެން ދާއިރު، ބައްޕަ ފަދައިން މަންމަ ވެސް އޭނަ ދޫކޮށް ހިނގައިދާނެކަމުގެ ބިރުވެރިކަމުން އޭނަގެ ސިކުނޑި ކައި ހުސްކުރަމުން ދިޔައެވެ. ނަފުސުގެ ހަމަޖެހުން ވަނީ މުޅިންހެން ގެއްލިފައެވެ. ބިރުވެރި ޚިޔާލުތަކެއް މެނުވީ ސިކުޑިއަކަށް ނާދެއެވެ.

''އާޒިމު ބުނި ތަހުޤީޤު ނިމި ބައްޕަގެ ހަށިގަނޑު މިރޭ ހަވާލުކުރާނެ ވާހަކަ... ޖަނާޒާގެ ކަންތައް އޭރުން ކުރިއަށް ގެންދަން މިވިސްނަނީ...'' އަފްލާކް ބުންޏެވެ. އޭނަގެ އަޑުގައި ހިތިކަމެއް ވިއެވެ. ދެން މާހައުލަށް ވެރިވެގެން ދިޔައީ ހަމަހިމޭންކަމެވެ. ޒޯހާ އަނގަޔަކުން ނުބުންޏެވެ. އަފްލާކް ވެސް ދެން އިތުރަކަށް ވާހަކައެއް ނުދެއްކިއެވެ. ދެޒުވާނުންގެ މެދުގައި ނުތަނަވަސްކަން އުފެދުނެވެ.

''ޒޯހާ...'' ދިހަ މިނެޓް ފާއިތުވެގެން ދިޔަ ފަހުން އަފްލާކް ގޮވާލިއެވެ.

''ހޫމްމްމް...'' ޒޯހާ އިނީ ހަމަހިމޭންވެފައެވެ.

''އައެމް ސޮރީ...'' އަފްލާކް މަޢާފަށް އެދުނެވެ. އޭނަ ދެއްކި ވާހަކައިން އިތުރަށް ޒޯހާ ހިތުގައި ޖެހިއްޖެކަން އަފްލާކްއަށް ދޭހަކުރެވުނެވެ.

އަތުގެ ނުފުށުން ކަރުނަތައް ފޮހެލަމުން އަފްލާކްއަށް ޒޯހާ ބަލާލިއެވެ.

''ބައްޕަގެ މައްޗަށް އަހަރުމެންނަށް ކޮށްދެވެން އޮތް ހަމައެކަނި ކަމަކީ ވީހާވެސް އަވަހަކަށް ޖަނާޒާ ބޭއްވުން... އެވާހަކަ ދެއްކުން އެއީ ގޯސްކަމެއް ނޫން، އަދި އެކަމަށް އަފްލާކް އަހަރެންގެ ގާތުން މަޢާފަށް ވެސް އެދޭކަށް ނުޖެހޭ...'' އަފްލާލްއަށް ބަލާލަމުން ޒޯހާ ބުނެލިއެވެ. ގިނަ އިރު ރުއިމުން ޒޯހާގެ މޫނުގެ ދިރުން ގެއްލި ހިތާމަޔާއި އުދާސްކަމުގެ ބަނަ ސައިލެއް އޮޅާލެވިފައިވާ ކަހަލައެވެ. ލޮލުގެ ކައިރިފަށަލަ ވަނީ ދުޅަވެފައެވެ. ލޮލުގެ ރަވައިގެ ތެރެއަށް ފޭދިފައިވަނީ ގަދަ ރަތްކުލަ އެކެވެ. އެސްފިޔަތަކުގައި ވަނީ ކަރުނައިގެ ތެތްކަމެވެ. މިމަންޒަރު ބަލަން އިން އަފްލާކްގެ ހިތަށް ތުނޑުތޫނު ކަށިތަކެއް ހަރާލެވުނު ކަމުގެ އިހުސާސް ކުރެވުނެވެ.

އަނެއްކާ ވެސް އެދެމެދަށް ވެރިވީ ހިމޭންކަމެވެ. އެގޮތުގެ މަތީން މިނެޓްތަކެއް ފާއިތުވެގެން ދިޔަ ތަނާ ޒޯހާ އެތެރެއަށް ނޭފަތް ދަމާލި އަޑި އިވުނެވެ. އަދި ޖޯޑުކޮށްލެވިފައިވި އަތުގެ އިނގިލިތަކަށް ބަލަމުން ވާހަކަދެއްކިއެވެ.

''ފުލުހުން ކޮންމެ ގޮތަކަށް ވާހަކަދެއްކިޔަސް އަހަރެން އެވާހަކަތައް ޤަބޫލެއް ނުކުރާނަން، ބައްޕަ އަމިއްލައަށް މަރެއް ނުވާނެ، ބައްޕައަކީ އެހާ އިމާންތެރިކަން ބަލިކަށި މީހެއް ނޫން، ބައްޕަ އެފަދަކަމެއް ދުވަހަކު ނުކުރާނެ، ދުވަހަކު ނުކުރާނެ... އެމީހުން އެއުޅެނީ އަހަރުމެންނަށް ކޮންމެވެސް ކަމެއް ސިއްރުކުރަން، ބައްޕަ އަމިއްލައަށް މަރެއް ނުވާނެ...'' މޫނުގައި ދެއަތް އަޅަމުން ޒޯހާ ބުންޏެވެ. އޭނައަށް އަނެއްކާ ވެސް ރޮވުނީއެވެ.

އަފްލާކްގެ ހިތުގައި ވެސް ވަނީ ޒޯހާ ހިތުގައި ދައުރުވަމުން ދިޔަ ޝުޢޫރުތަކެވެ. އައްޔޫބު އަމިއްލަ ފުރާނަ ނަގާނުލާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެޒުވާނުންނަށް އޮތީތީއެވެ. އައްޔޫބުއަކީ އެފަދަ ކަމެއް ކުރާނެ މީހެއް ނޫނެވެ. ދީނީ ކަންތަކަށް އަހައްމިއްޔަތުކަން ބަހައްޓާ މީހަކު އެފަދަ ވިޔަވަޅެއް ނާޅާނެކަން ގައިމެވެ. އެކަމުގެ ފަހަތުގައި ކޮންމެވެސް ނުބައެއް ވާކަން ގައިމެވެ. ފުލުހުންގެ ފަރާތުން ލިބުނު މަޢުލޫމާތު ވެސް ފުށުއަރައެވެ. އައްޔޫބު ލިޔުނުކަމަށް އެބުނާ ސިޓީގައި ވެސް ވަނީ ބުހުތާނު ދޮގުތަކެވެ. ކުއްލިޔަކަށް އަފްލާކްގެ ހިތަށް ރަމީޒުގެ ނަން ވެރިވެގެން ދިޔައެވެ. އައްޔޫބުގެ މަރުން ބޮޑު ފައިދާއެއް ލިބެން އޮތް ހަމައެކަނި މީހަކީ ރަމީޒު އެވެ. އެވަގުތު އަފްލާކްއަށް އަތްމުށްކަވާލެވުނެވެ. ރަމީޒުގެ ނަން ހިތަށް ވެރިވެގެން ދިއުމާއެކު އޭނަގެ ހުރިހާ ހިއްސުތަކެއްގެ މައްޗަށް ރުޅިވެރިކަން އަތްގަދަކުރަން މަސައްކަތްކުރިއެވެ. ފުންނޭވާއެއް ދޫކޮށްލެވުނީ ނަފުސު ހަމަޖައްސާލުމުގެ ބޭނުމުގައެވެ.

*****

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. އައްޔޫބު ''އަމިއްލައަށް'' މަރުވި ޚަބަރު ވެފައި ވަނީ ދުވަހުގެ ހޫނު މައުޟޫޢޫއަށެވެ. މުނިފޫހިފިލުވާ މައިދާނުތަކުން އެވާހަކަތައް ރައްވެހިގެ ތުންތުންމަތިން ދެކެވެމުން ދިޔައިރު އައްޔޫބުއަށް ރައްދުކުރެވެމުން ދިޔައީ މުޅިންވެސް ބަދުބަސްތަކެވެ. މަރުވެފައިވި މައްޔިތާގެ މައްޗަށް ހެޔޮބަހެއް ނުބުނެވުނު ތާނގައި އިތުރަށް ބަދުނާމުކޮށްފައި ވާހަކަ ފެތުރުމާއިގެން ހޭވައްޓާލާފައި ކުރިއަށް ދިޔައެވެ. ހަޤީޤަތް ހޯދުމަށްވުރެން ބޮޑަށް އެންމެނަށް ގަޔާވެވުނީ އެމީހުންގެ ދޫތަކަށް ފަރިތަކަމާއެކު މަސްހުނިކޮށްލެވޭނެހެން ރަމީޒު ގެނެސްދީފައި އޮތް ދޮގުތަކަށެވެ. މުޅި ރަށުތެރެއަށް އައްޔޫބުއާއި ޢާއިލާ ބަދުނާމުކޮށްފައި ޚަބަރު ފަތުރަމުން ދިޔައެވެ. އެންމެފަހުން އައްޔޫބު ލޭބަލްވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާމީހެއްގެ ގޮތުގައެވެ. ހެއްކެއްގެ ގޮތުގައި ފެނުނީ އައްޔޫބު ލިޔުނުކަމަށް ބުނާ ސިޓީއާއި އަމިއްލައަށް މަރުވުމެވެ.

*****

ޖަނާޒާގެ ކަންތައް ކުރިއަށް ދިޔައިރު ވަރަށް ގިނަ މީހުން އައްޔޫބުގެ މޫނު ދެކިލަން އައެވެ. ގިނައީ ޚަބަރު ހޯދައި ރަށުތެރޭގައި ދައުރުކުރަން އަންނަ މީހުންނެވެ. މަތިއޮމާންކޮށްގެން ހިތްހެޔޮޮ މީހުނަށް ހެދިގެން ތިބިއިރު ހިތުގައި އޮތް ނުބައިކަމާއި ޖާހިލުވަންތަކަން އޮތީ އެމީހެއްގެ ހިތުގައި ވަންހަނާ ކުރެވިފައެވެ.

އައްޔޫބުގެ މަރުން ލިބުނު ކުއްލި ސިހުން މުޅިންހެން ފިލައިގެން ނުދިޔަ ކަމުގައި ވިޔަސް، މޫނިސާ ވެސް ޖަނާޒާގައި ބައިވެރިވަމުން ދިޔައެވެ.

އަފްލާކްއާއި މާރިޔާ ޖަނާޒާގައި ބައިވެރިވާތަން ފެނި ފަޒީލާ ހުރީ ރުޅިގަދަވެފައެވެ. ވަގުތު ނާޒުކުކަމަށް ބެލުމެއް ނެތި އޭނަ އަފްލާކްއާއި ދިމާއަށް ހަޅޭއްލަވައިގަތެވެ. ރުޅި މީހާގެ ސިކުނޑިއަށް ވެރިވެގަތުމުން އިތުރު އެއްވެސް ކަމަކާ މެދު ވިސްނާނުލެވޭ އުސޫލުން ފަޒީލާއަށް ވެސް އޭނަގެ ކޮއްކޮއަށް ލިބިފައި އޮތް ހިތްދަތިކަމަށް ލޯހިންގާނުލެވުނެވެ. އެއަށްވުރެ ބޮޑަށް އޭނަގެ ހިތުގައި އަފްލާކްއަށް އޮތް ނަފުރަތަށް އަމަލުކުރެވުނެވެ.

''ބަލާއެއްކަހަލަ ބަޔެކޭ، ކަލޭމެން ބޭނުންވި ކަންތައް އެއޮތީ ވެފައެއްނު، މަ އޭރު ވެސް ބުނިން މޫނިސާ ގާތު ވަގުތު އޮއްވާ މިކަމުން ސަލާމަތްވާށޭ، އެކަމަކު މޫނިސާ އަދި ޒޯހާ ވެސް މަގޭ އަޑެއް ނޭހި، އެކަމުގެ ނަތީޖާ ލިބުނު ގޮތް ރަގަޅެއްނު... މިހުރިހާކަމެއްގެ ޒިންމާ ނަގަން ޖެހޭނީ ކަލޭ!، އައްޔޫބު މަރާލީ ހަމަ ކަލޭ!، އައްޔޫބުގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ވެސް ހަމަ ކަލޭ!، ކަލޭގެ ސަބަބުން މިކަމެއް ދިމާމިވީ!، މިއީ ހަޤީޤަތް!، ދެރަވާ ކަމަށް ހެދިގެން ތިއުޭޅނީ ކާކަށް ދެއްކެންތަ؟.........''

އަފްލާކްގެ ކަންފަތް މަތީގައި ޖަހަމުން ފަޒީލާ ހަޅޭއްލަވައިގަތެވެ. ވަށައިގެންވި މާހައުލަށް އޭނަ ސަމާލުކަމެއް ނުދިނެވެ. އޭނަ ހިތުގައި އޮތް ދިލަކަން އަފްލާކްގެ މައްޗަށް ބޭރުކުރަމުން ދިޔަ ހިނދު ވަށައިގެންވި މީހުންތައް ނިކަން ޝައުޤުވެރިކަމާއެކު މަންޒަރު ބަލަމުން ދިޔައެވެ. މަސްރަހަށް އިތުރުކޮށްލަން އަނެއްކާ ވެސް ހޫނު ޚަބަރެއް ލިބުނީތީއެވެ.

''ދައްތާ...'' ހިތާމަޔާއި ހިތްދަތިކަމުގެ ވަގުތެއްގައި ވެސް ފަޒީލާ އުޅެމުން ދިޔަ ގޮތް ފެނި މޫނިސާ ހިތްހަމަނުޖެހުނެވެ. އެއާއެކު ފަޒީލާ އިތުރަށް ރުޅިގަދަ ވިއެވެ.

''އަދިވެސް ނުވިސްނޭދޯ؟...'' މޫނިސާއަށް ބަލާލަމުން ފަޒީލާ ހަޅޭއްލަވައިގަތެވެ.

''އަހަރެންގެ ޢާއިލާއަށް ލިބިފައިވާ ހިތްދަތިކަމުގައި ދައްތައަށް ބައިވެރނުވެވޭނަމަ އަހަންނަށް ރަގަޅީ މިތަނުން ދިއުން، ތިހެން މީހުންގެ ގަޔަށް އަތްއިސްކޮށް ޒުވާބުކުރަންވީ ތަނެއް ނޫން މިއީ...'' އައްޔޫބުގެ ޖަނާޒާގެ ތެރޭގައި ފަޒީލާ ހަމަނުޖެހުން ހިންގުމުން މޫނިސާ ހިތްހަމަނުޖެހުނެވެ.

''ރަގަޅު، މަށަކީ ނުބައި މީހާ... ދެން މަ ނެތިން މިތާގައި މަޑުކުރާކަށް!... ހުއް...'' ރުޅިވެރިކަމާއެކު ފަޒީލާ ނިކުމެގެން ދިޔައެވެ. އެމަންޒަރު ބަލަން ހުރި މޫނިސާއަށް ރޮވުނެވެ. އެވަގުތު ކަންބޮޑުވެފައި ހުރި ޒޯހާ އޭނަގެ މަންމަ ގާތަށް ދިޔައެވެ. މާރިޔާ ވެސް މޫނިސާއަށް މަދަދުވެރިވާން ހުއްޓެވެ.

އަފްލާކް ހުރީ އިސްތިރިކޮށްލައިގެންނެވެ. އޭނައަށް އިތުރު މީހަކާއި ކުރިމަތިލާނެ ހިތްވަރެއް ނުލިބުނެވެ. ފަޒީލާގެ ވާހަކަތަކުން އޭނަގެ ހިތަށް އަސަރުކުރިއެވެ. އެވާހަކައިގައި ހަޤީޤަތް އެކުލެވިގެން ވީތީއެވެ. އައްޔޫބުއަށް އެކަށީގެންވާ ރައްކާތެރިކަން ދެވުނުނަމަ މިދުވަސްދެކޭކަށް ނުޖެހުނީހެވެ. މިފަދަ ބޮޑު ހިތާމައަކާއި ކުރިމަތިލާން ޒޯހާއަށް ނުޖެހުނީހެވެ. ކުށްވެރިކަމުގެ އިހުސާސްތަކުން އަފްލާކްގެ ނަފުސު ބަލިކަށިކުރުވިއެވެ. މީހުންނާއި އެކަހެރިވެލަން އޭނަ ނުހަނު ބޭނުން ވިއެވެ.

އަފްލާކް ނިކުންނަން ދިޔަ މަންޒަރު ބަލަން ހުރި ޒޯހާގެ މޫނުން މާޔޫސްކަން ފެނުނެވެ. ދައްތަގެ ވާހަކަތަކުން އަފްލާކްގެ ހިތަށް އަސަރުކުރީކަން ޒޯހާއަށް ނަގައިގަނެވުނެވެ. އަފްލާކްގެ ފަހަތުން ދާން ވެސް ޒޯހާ ބޭނުން ވިއެވެ. އެހެނަސް މަންމަގެ ހާލަތުގެ ސަބަބުން މަންމަ ދޫކޮށްފައި ޒޯހާއަކަށް ނުދެވުނެވެ.

*****

އަފްލާކްއަށް ބޭރަށް ނިކުމެވުނުތަނާ ގޭގެ ކުރިމައްޗަށް އައިސް މަޑުކޮށްލި ކާރު ފެނި އޭނައަށް ލިބިގެން ދިޔައީ ހައިރާންކަމެވެ. ދެވަނަ ސިކުންތުގައި ހިތާމަޔާއި އުދާސްކަމުގެ އިހުސާސްތަކުގެ މައްޗަށް ވެރިވެގެން އައީ ރުޅިވެރިކަމެވެ. ގޮށްމުށްކަވާލެވުނު ހިނދު، ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވުނެވެ. އޭނަގެ ދެލޮލުން ވެސް ނުރައްކާތެރިކަމުގެ ވިދުވަރެއް ފާޅުވެއެވެ.

ކާރުން ފޭބި ރަމީޒު ފެނި އަފްލާކްގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. ވަށައިގެން ތިބި މީހުންނަށް ބަލާލަމުން ރުޅީގެ މައްޗަށް އަމަލުނުކޮށް ކެތްތެރިކަން ޚިޔާރުކުރަން އަފްލާކް މަސައްކަތްކުރިއެވެ. ނަމަވެސް ރަމީޒު އޭނައަށ ބަލާލަމުން ރައްދުކުރި މަލާމާތުގެ ހިނިތުންވުމުން އަފްލާކްގެ ކެތްތެރިކަން އިމްތިހާނު ކުރުވިއެވެ. ބާރުކުރެވުނު މުށް ރަމީޒުގެ މޫނަށް އަމާޒުކޮށްލަން އޭނަ ބޭނުން ވިއެވެ. ނަމަވެސް އިތުރު މައްސަލަގަނޑެއް ހިލެން ބޭނުން ނުވާތީ އޭނަ ފުންނާވާތަކެއް ދޫކޮށްލިއެވެ. އަދި ނަފުސު ހަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ.

އަފްލާކްއަށް ބަލަން ހުރި ރަމީޒުގެ ތުންފަތުގައިވި ހިނިތުންވުން އިހުނަށްވުރެން ފުންވެގެން ދިޔައެވެ. މާހައުލާއި ވަގުތުގެ ނާޒުކުކަމުން އަފްލާކް ހިފެހެއްޓިފައިވާތަން ފެނި އެކަމުގެ ފައިދާ ނަގަން ރަމީޒު މަސައްކަތްކުރިއެވެ.

ރަމީޒު ކުރިއަށް އަޅާލި ފިޔަވަޅާއެކު އަފްލާކް އެރީ ރަމީޒުގެ ކުރިމައްޗަށެވެ.

(ނުނިމޭ...)

http://sun.mv/114979

comment ކޮމެންޓް