ރިސޯޓު މުވައްޒަފުންނަށް ފައިދާ ވާގޮތަށް ބޮޑު ޗުއްޓީ ބަދަލުކުރަން ތާއީދު: މިނިސްޓަރު

އއ. ރަސްދޫގައި ފަށާ ގެސްޓްހައުސް ސިމްޕޯސިއަމްއާ ގުޅޭ މައުލޫމާތު ދެއްވުމަށް މިނިސްޓަރު އަލީ ވަހީދު ބޭއްވި ޕްރެސް ކޮންފަރަންސްގެ ތެރެއިން -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

(އއ. ރަސްދޫ): ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ފައިދާވާ ގޮތަށް ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރަން ތާއީދު ކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަހަރުގެ ފަހުކޮޅަކީ ފަތުރުވެރިކަމުގެ ދާއިރާގެ ހައި ސީޒަންކަމުން، ބޮޑު ޗުއްޓީގައި އާއިލާއާ ވަގުތު ހޭދަ ނުކުރެވޭތީ އެކަމުގެ ޝަކުވާ އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ކުރެއެވެ.

މާލޭގައި ބާއްވަން ރާވާފައިވާ ގެސްޓްހައުސް ސިމްޕޯޒިއަމްއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަންއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ބޮޑު ޗުއްޓީ ބަދަލުކުރަން އޭނާ ތާއީދުކުރައްވާ ކަމަށެވެ.

"ތި ޝަކުވާ އެބަ އޮތް. އަޅުގަނޑު ވަނީ ތިޔަ ވާހަކަ އެޑިއުކޭޝަން މިނިސްޓަރާ ހިއްސާ ކޮށްފައި،" ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ފައިދާވާ ގޮތަށް ބޮޑު ޗުއްޓީ ބަދަލު ކުރެވޭނީ އެހެން މިނިސްޓްރީތަކާވެސް ގުޅިގެން ކަމަށެވެ.

"އެހެން ވުޒާރާތަކާ ގުޅިގެން އެ ބަދަލު ގެންނަންޖެހޭނެ. އަޅުގަނޑު ދެކޭ ގޮތުގައި އެއީ ކެބިނެޓާ ހަމައިން ގެންނަން ޖެހޭ ބަދަލެއް. އަޅުގަނޑުގެ ޕާސަނަލް އޮޕީނިއަން ދެންނެވީމަ އަޅުގަނޑު ދަންނަވާނީ އެއީ ގެންނަން ޖެހޭ ބަދަލެކޭ،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

އެހެން ނަމަވެސް، އޭނާ ވިދާޅުވީ އެ ބަދަލު ގެނެވޭނީ އެ ވާހަކަތައް ލިޔުމުން ހުށަހެޅައި، ކުރަންޖެހޭ ދިރާސާތައް ކުރުމަށް ފަހު މުޅި ސިޔާސަތައް ބަދަލެއް ގެނެސްގެން ކަމަށެވެ.

"އެކަމުގެ އިންޓެންޝަން އަޅުގަނޑުމެން ވާނީ އަޅުގަނޑުމެންގެ މިނިސްޓްރީގެ ފަރާތުން ހުށަހަޅާފައި،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް