ކޮރަޕްޝަން ހާމަކުރާ ފަރާތްތަކަށް ހިމާޔަތްދޭ ބިލު ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ކޮރަޕްޝަން ހާމަކުރާ ފަރާތްތަކަށް ގާނޫނީ ހިމާޔަތް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން ބަލައިގެންފިއެވެ.

ވިސްލްބްލޯވަރުންނަށް ގާނޫނީ ހިމާޔަތް ދިނުމަށް ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. އެ ބިލު ބަލައި ގަންނަން ފާސްކޮށްފައިވަނީ 42 މެމްބަރުންގެ ވޯޓުންނެވެ.

އެ ބިލު މަޖިލީހަށް ބަލައިގަތުމާއެކު ބިލު ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ކޮރަޕްޝަން ހާމަ ކުރާ ފަރާތްތަކަށް ގާނޫނީ ހިމާޔަތް ދިނުމާ ބެހޭ ބިލުގައި ވާ ގޮތުން ގާނޫނީ ޒިންމާއެއް އާދަ ނުކުރުމުންނާއި އިންސާނީ ހައްގަކާއި ހިލާފުވުމުންވެސް މައުލޫމާތު ހާމަ ކުރެވޭނެއެވެ.

އޭގެ އިތުރުން ކޮރަޕްޝަނާއި ތިމާވެއްޓަށް ނުރައްކާވާ ކަންކަން ކުރުމާއި ދައުލަތުގެ މަގާމުގެ ނުފޫޒެއް ނާޖާޒު ގޮތުގައި ބޭނުން ކުރާނަމަ އެކަމުގެ މައުލޫމާތު ހާމަ ކުރުމަކީވެސް ވިސްލްބްލޯވް ކުރުމަށް ބިލުގައި ވަނީ ބުނެފައެވެ. އެފަދަ މައުލޫތު އެނގޭ ފަރާތްތަކުން އެ މައުލޫމާތު ހާމަ ކުރެވޭނެ ގޮތްތަކެއްވެސް ވަނީ ބިލުގައި ލިޔެފަ އެވެ. އެގޮތުން ސިޓީ، ފެކެސް، މެސެޖް، ފޯންކޯލް، ފަދަ ޒަރީއާތަކުން މައުލޫމާތު ހާމަ ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ވިސްލްބްލޯ ކުރެވިދާނެ ފަރާތްތަކެއް ކަމަށް ބިލުގައި ބުނެފައިވަނީ ދައުލަތުގެ ފަރާތެއްގެ މުވައްޒަފެއް ނުވަތަ އަމިއްލަ ފަރާތެއްގެ މުވައްޒަފެއް ނުވަތަ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ހައސިއްޔަތު ލިބިފައިވާ ގާނޫނީ އެއްވެސް ޝަހުސެކެވެ.

ލިބިދެވޭ ހިމާޔަތް

ކޮރަޕްޝަނުގެ މައްސަލަތައް އާންމުކުރާ ފަރާތްތަކަށް ގާނޫނީ ގޮތުން ގިނަ ހިމާޔަތްތަކެއް ލިބިދެވޭ ގޮތަށް ބިލު ވަނީ ފަރުމާކޮށްފައެވެ. އެގޮތުން މައުލޫމާތު ހާމަ ކޮށްގެން ވަޒީއިން ވަކި ކުރުމާއި ޒިންމާއިން އެކަހެރި ކުރުމާއި ގެއްލުންދިނުމާއި ބިރު ދެއްކުން ފަދަ ކަންކަން ނުކުރެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ.

މައުލޫމާތު ހާމަކުރާ ފަރާތްތަކުގެ ވަނަވަރު ސިއްރު ކުރުމަށްވެސް ބިލުގައި ވަނީ ބުނެފައެވެ. އެގޮތުން ނަމާއި އެޑްރެސް އުމުރު އަދި އާއިލާއާ ބެހޭ މައުލޫމާތު ސިއްރުކޮށްފައި ބާއްވަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. ވިސްލްބްލޯ ކުރާ ފަރާތުން ދޭ މައުލޫމާތަކީ އެފަރާތުން އެކަން ހިނގިކަން ސާބޮތުކޮށްދޭން ޖެހޭނެ ކަމެއް ނޫން ކަމަށްވެސް ބިލުގައި ވަނީ ބުނެފައެވެ.

ވިސްލްބްލޯ ކުރަން އުޅެގެން ނުވަތަ ކޮށްގެން އެކަން ހުއްޓުވަން ނުވަތަ އިންޒާރުދީ ހެދުމަކީ ގާނޫނީ ކުށެއްގެ ގޮތުގައި ބިލުގައި ވަނީ ހިމަނާފައެވެ. އެ ކުށުގެ އަދަބަކީ ފަސް އަހަރާއި ހަ މަސް ދުވަހާއި ދެމެދުގެ ޖަލު ހުކުމެކެވެ. ބިލު މިހާރު ވަނީ ކޮމިޓީއަށް ދިރާސާކުރަން ފޮނުވާފައެވެ.

comment ކޮމެންޓް