ޕީޖީގެ ނިންމުންތައް ރިވިއު ކުރަން ހުށަހަޅަން 45 ދުވަސް ދީފި

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮސެކިއުޓާ ޖެނެރަލްގެ ނިންމުންތައް ރިވިއު ކުރުމާ ގުޅޭ ޔުނިޓެއް ހަދައި، ޝަކުވާ ހުށަހަޅަން 45 ދުވަސް ދީފި އެވެ.

މިއަދު ޕީޖީން ނެރުނު ބަޔާނެއްގައި ބުނީ، ޝަރީއަތަށް މައްސަލަ ހުށަހެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް، ނުވަތަ ބަންދުކޮށް، ނުވަތަ އެނޫން ވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނެ ހާލަތްތަކާއި ޝަރުތުތައް މުރާޖާ ކުރަމުން ގެންދިޔުމާއި އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުމާއި، ކުށެއް ކުރިކަމަށް ތުހުމަތު ކުރާ މީހަކާމެދު ދައުވާ އުފުލުމަށް ނުވަތަ ދައުވާ ނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް މުރާޖާ ކުރުމާއި އަދި އެ ނިންމުން ބަދަލުކުރުމާއި، ކޮށްފައިވާ ދައުވާއެއް އަނބުރާ ގެނައުމަކީ ވެސް ޕީޖީއަށް ލިބޭ ބާރެއް ކަމަށެވެ.

އެހެން ކަމުން، މީގެ ކުރިން ޕީޖީ އޮފީހުން މީހެއްގެ މައްޗަށް ދައުވާއެއް އުފުލުމަށް ނުވަތަ ދައުވާ ނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް މުރާޖާކޮށް، އެ ނިންމުން ބަދަލުކޮށް، ކޮށްފައިވާ ދައުވާއެއް ބަދަލުކުރަން ޖެހޭ ކަމަށް ފެންނަ ނަމަ، އެކަން ކުރުމަށާއި، ޝަރީއަތަށް މައްސަލަ ހުށަހެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށް ނުވަތަ މިނޫން ވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓިފައި ވާތީ، އެކަން މުރާޖާ ކުރަން ޖެހޭ ނަމަ، އެކަން ކުރުމަށާއި، ޝަރީއަތަށް މައްސަލަ ހުށަހެޅުމަށްފަހުގައި ވެސް، ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބެހެއްޓުމަށް ނިންމާފައިވާ ނިންމުން މުރާޖާ ކުރަންޖެހޭ ނަމަ އެކަން ކުރުމަށް ޓަކައި ޒިންމާވާނެ ހާއްސަ ޔުނިޓެއް މިއަދު ގާއިމްކޮށްފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ، އަލަށް އުފެއްދި ޔުނިޓަށް ދައުވާ އުފުލިފައިވާ މީހަކު ނުވަތަ ބަންދުގައިވާ މީހަކު އެކަމުގެ ޝަކުވާ ހުށަހަޅަން ބޭނުން ނަމަ، އެޝަކުވާ ހުށަހެޅޭނެ ފޯމެއް ތައާރަފްކޮށްފައިވާ ކަމަށެވެ. އަދި އެފޯމް، އެ އޮފީހާއި އޮފީހުގެ ބްރާންޗުތަކުންނާއި، ކަރެކްޝަންސް އާއި ކަރެކްޝަންސްގެ ޖަލުތަކުންނާއި، ޕޮލިސް ސްޓޭޝަންތަކުން ލިބޭނެ ކަމަށެވެ.

ޝަކުވާ ހުށަހަޅަން ދީފައިވަނީ މާދަމާއިން ފެށިގެން 45 ދުވަހެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 15:00 އަށް ޝަކުވާ ބަލައިގަންނާނެ އެވެ.

comment ކޮމެންޓް