މިއީ ކޯލިޝަން ރޫޅުމުގެ ފެށުން ބާ؟!

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

މަލްޓި ޕާޓީ ޑިމޮކްރަސީ އަށް ފަހު، ސިޔާސީ ޕާޓީތަކުގެ ކޯލިޝަނަކާ ނުލައި ރާއްޖޭގައި ވެރިކަން ހޯދުން ވެފައި ވަނީ އުނދަގޫ ކަމަކަށެވެ. ދެހާސް ތޭރަ ވަނަ އަހަރު ރައީސް ޔާމީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ކޯލިޝަނެއްގެ ތެރެއިންނެވެ. އޭގެ ކުރުން މުހައްމަދު ނަޝީދަށް 2008 ވަނަ އަހަރު ވެރިކަން ލިބިވަޑައިގަތީ ވެސް ކޯލިޝަންގެ ތެރެއިންނެވެ. އަދި މި އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވެރިކަން ހޯއްދެވީ ކޯލިޝަނެއްގެ ތެރެއިންނެވެ. އެހެން ނަމަވެސް، މިހާތަނަށް އެއްވެސް ކޯލިޝަނެއް ކާމިޔާބު ކަމާ އެކު ދެމިގެން ގޮސްފައި ނުވެ އެވެ. މިހާރު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލުމަށް އުފެއްދި ކޯލިޝަނުގައި ވެސް ރެނދު ލުމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.

ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށް އެއް ގަލަކަށް އެރީ، އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫންގެ، މައުމޫން ރިފޯމް މޫވްމަންޓެވެ. އެއިން ކޮންމެ ޕާޓީ އަކާ އެކު ރައީސް ސޯލިހު ވަކިވަކިން އެއްބަސްވުންތަކެއް ވެވަޑައިގެންފައިވާ ކަމަށާއި އެ އެއްބަސްވުންތަކުގެ ދަށުން، ސަރުކާރުގެ މަގާމުތަކާއި މަޖިލީހާއި ކައުންސިލްތައް ބަހާލާ އިރު އެމްޑީޕީ އަށް 40 ޕަސެންޓް، ޖޭޕީއަށް 25 ޕަސެންޓް، ރައީސް މައުމޫނަށް 20 ޕަސެންޓު އަދި އަދާލަތު ޕާޓީއަށް 15 ޕަސެންޓް ދިނުމަށް ނިންމާފައިވާ ކަން ވަނީ އެނގިފަ އެވެ.

އެމްޑީޕީގެ ބޮޑު ނިންމުން!

އަންނަ އަހަރުގެ މާޗް މަހުގައި ރައްޔިތުންގެ މަޖިލީސް އިންތިހާބު ބާއްވަން ތައްޔާރުވަމުން އަންނަ އިރު، މިހާރު އެންމެ ހޫނު މައުޟޫއަކަށް ވެފައި ވަނީ ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީތަކުން، އެކަތިގަނޑެއްގެ ގޮތުގައި ގޮނޑިތަކަށް ކުރިމަތިލާނެ ގޮތެވެ. ޕާޓީތަކުގެ މެދުގައި ވި ކަމަށް ބުނާ އެއްބަސްވުމަށް އިހުތިރާމްކޮށް، އެއާ ފުށޫ ނާރާ ގޮތަކަށް ގޮނޑިތަކަށް ކުރިމަތިލާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރި އެވެ.

ނަމަވެސް، ރޭ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވެސް އެ ޕާޓީ އިން ވާދަކުރަން ފާސް ކޮށްފަ އެވެ. އަދި އެގޮތަށް ފާސް ކުރީ ކޯލިޝަންގެ ހަތަރު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް ހުށަހަޅުއްވައިގެންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގެ ތެރެއިން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު-- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެމްޑީޕީގެ ސެކްރިޓޭރިއޭޓުން ފުރަތަމަ ހުށަހެޅީ އެ ޕާޓީގެ ފަރާތުން މަޖިލީހުގެ 14 ގޮނޑިއަށް ވާދަ ކުރުމަށެވެ. ނަމަވެސް އެ ހުށަހެޅުމަށް ވާހަކަ ދެއްކެވި ހުރިހާ މެމްބަރުން ވެސް ވަނީ އެ ހުށަހެޅުމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އެބޭފުޅުން ވިދާޅުވީ އެއީ އެ ޕާޓީއަށް ހައްގު މިންވަރު ނޫން ކަމަށާއި ހުރިހާ ދާއިރާ އަކަށް ވެސް އެމްޑީޕީ އިން ވާދަކުރެވެން ޖެހޭނެ ކަމަށެވެ. އަދި ކޯލިޝަނަށް ވުރެ ޕާޓީ އިސް ކުރަން ޖެހޭ ކަމަށް ދޭހަވާ ގޮތަކަށް ބައެއް ބޭފުޅުން ވާހަކަ ދެއްކެވި އެވެ.

ނަޝީދުގެ ހުށަހެޅުން އެމްޑީޕީން ފާސް ކުރަން ނިންމާފައިވާ އިރު މިހާރު ކޯލިޝަންގެ ޕާޓީތަކުގެ ތެރޭގައި ވަނީ ނުތަނަސްކަން އުފެދިފަ އެވެ. ޕާޓީތަކުން ކޯލިޝަނެއްގެ ގޮތުގައި މަޖިލީހަށް ކުރިމަތިލާނެ ގޮތާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

އެމްއާރްއެމް އާއި އަދާލަތު ބޭނުން ވަނީ އެއްބަސްވުމަށް އިހުތިރާމް ކުރަން

މައުމޫން ރިފޯމް މޫވްމެންޓުގައި އިސްކޮށް އުޅުއްވާ، އަދި ރައީސް މައުމޫންގެ އަރިސް ބޭފުޅެއް ކަމަށްވާ އަބްދުލް އަލީމް އާދަމް "ސަން" އަށް ވިދާޅުވީ، ކޯލިޝަން އެއްބަސްވުމެއް އޮންނަ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ހަދާފައިވާ އެ އެއްބަސްވުމަށް އިހުތިރާމްކޮށް އެއާ އެއްގޮތަށް އަމަލު ކުރަން އެމްއާރްއެމް އިން ބޭނުންވާ ކަމަށް އަލީމް ވިދާޅުވި އެވެ.

"އެއަށް [ކޯލިޝަން އެއްބަސްވުމަށް] އިހުތިރާމް ކުރާނެ އެމްއާރްއެމް އިން،"

މައުމޫން ރިފޯމް މޫވްމެންޓުގައި އިސްކޮށް އުޅުއްވާ، އަދި ރައީސް މައުމޫންގެ އަރިސް ބޭފުޅެއް ކަމަށްވާ އަބްދުލް އަލީމް އާދަމް ޔުމްނާ މައުމޫން އަދި ފާރިސް މައުމޫން އާ އެކު --- ސަން ފޮޓޯ

އަލީމް ވިދާޅުވީ އެ ނިންމުމާ ބެހޭ ގޮތުން ރައީީސް ސޯލިހުއާ މަޝްވަރާ ކުރަން އެމްއާރްއެމް އިން ބޭނުންވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިތުރު މަޝްވަރާތަކަށް ފަހު ނިންމާ ގޮތެއް އިއުލާނު ކުރާނެ ކަމަށް ވިދާޅުވި އެވެ.

"އެމްއާރްއެމް އިން މަޝްވަރާ ކުރާނީ އެއްބަސްވުން ކުރެވިފައިވާ ފަރާތާ [ރައީސް ސޯލިހު] މެދު ދެއްތޯ." އޭނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެ ޕާޓީގެ ލީޑަރު ޝައިހް އިމްރާން އަބްދުﷲގެ އަރިސް ބޭފުޅެއް ކަމަށްވާ އަލީ ނަޒީރު "ސަން" އަށް ވިދާޅުވީ، އަދާލަތުން ވެސް ބޭނުން ވަނީ އެއްބަސްވުމަށް އިހުތިރާމް ކުރަން ކަމަށެވެ.

"އަދާލަތު ޕާޓީން ދެކޭ ގޮތުގައި، ގުޅިފައިވާ ޕާޓީތަކުން އަދާލަތު ޕާޓީއާ އެއްކޮށް، ހާއްސަކޮށް ރިޔާސީ ކެމްޕެއިންގައި ކެންޑިޑޭޓު އެއްބަސްވެވަޑައިގެންފައި އޮތް އަދި އެެހެން ޕާޓީތަކުން ވެސް އެއްބަސްވެފައި އޮތް އެއްބަސްވުމެެއް އެބަ އޮތް. އެ އެއްބަސްވުމާ އެއްގޮތަށް އަދާލަތު ޕާޓީން އަމަލު ކުރާނީ،" ނަޒީރު ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއާ، އަލީ ނަޒީރު

އެކަމާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާ ކުރަން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެެން ވިދާޅުވި ނަމަވެސް، ރައީސް ސޯލިހު އަދާލަތު ޕާޓީއާ އެކު ވެވަޑައިގެންނެވި އެއްބަސްވުމަށް އެމަނިކުފާނު އިހުތިރާމް ކުރައްވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ނަޒީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަދިވެސް މި ދަންނަވަނ،ީ އަޅުގަނޑުމެން ކޯލިޝަން ވެފައި މި އޮތް އެއްބަސްވުން ދަަމަހައްޓާނަމޭ. މި އެއްބަސްވުމާ އެއްގޮތަށޭ އަދި މަޖިލީސް ކަންތައްތައް ވެސް ކުރިއަށް ގެންދިޔުމުގައި އަދި ވިސްނުން މިހިރީ. އެއްބަސްވުން ރޫޅާލާ ބަޔަކަށް އަދާލަތު ޕާޓީ ނުވާނެ."

ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒް ފޯނު ނުނެންގެވުމުން، އެމްޑީޕީގެ ނިންމުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ބަހެއް ލިބޭ ގޮތެއް ވަނީ ނުވެފަ އެވެ.

"އެންމެ ބޮޑު ތަނބުގައި އެ ރެނދު އެޅީ"

ބޮޑު ސިޔާސީ ޕާޓީތައް ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ އިރު ޕާޓީތަކުގެ މެދުގައި އިތުބާރު އޮތުމަކީ މުހިންމު ކަމެކެވެ. އެހެން ނަމަވެސް އެމްޑީޕީގެ ނިންމުމާ އެކު، އެ އިތުބާރު ގެއްލިފައިވާ ކަމަށް ބައެއް ސިޔާސީ ބޭފުޅުން ދެކެ އެވެ.

"މިއީ ފެށިގަތުމެއް އިނގޭތޯ. ކޯލިޝަން ރޫޅުމުގެ މައިގަނޑު އެންމެ ބޮޑު ފެށުން. އެންމެ ބޮޑު ތަނބުގައި އެ ރެނދު އެޅީ،" އިދިކޮޅު ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު "ސަން" އަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު-- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

އޭނާ ވިދާޅުވި ގޮތުގައި ކޯލިޝަންގެ އެންމެ ބޮޑު ތަނބަކީ އިތުބާރެވެ. އަދި އެމްޑީޕީގެ ނިންމުމާ އެކު ލީޑަރުންގެ މެދުގައި އިތުބާރު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީއާ އެކު އެވެސް ކަހަލަ އަހުދުނާމާއެއް ހަދައިގެން އެ އަހުދުނާމާގައި ދެމި ނުތިބެވޭނެ އެނގޭތޯ. އެއީ ކުރިން ވެފައި އޮތް ކަމެއް ވެސް ނޫން ފަހުން ވާނޭ ކަމެއް ވެސް ނޫން. ވަކި ހިސާބަަކުން އެކަން ރޫޅާފައި އެކަން އެގޮތަށް ކުރުމަށް ނުކުންނާނެ،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިވަގުތު މަޖިލީހުގައި ތިއްބެވި 19 މެމްބަރުން ފިޔަވައި ދެން ތިއްބެވީ މުޅިން ވެސް އެމްޑީޕީގެ ފިކުރާ ދެކޮޅު މެމްބަރުން ކަމަށެވެ. އަދި މިވަގުތު ޖުމްހޫރީ ޕާޓީ އަށް އެންމެ ރަނގަޅު ގޮތަކީ ކޯލިޝަނުން ވަކިކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަ ތިބީމު. އަޅުގަނޑުމެން އަތުގައި މިހާރު ތިބި މެމްބަރުންނާ، ގާސިމް ގެންގުޅުއްވާ މެމްބަރުންނާ އެއްވީމާ މުހައްމަދު ނަޝީދު ބޭނުންފުޅު އެއްޗެއް ނުހެއްދެވޭ ވަރަށް މެމްބަރުން ތިއްބަވާނެ،"

އޭނާ ވިދާޅުވީ، ޖުމްހޫރީ ޕާޓީ ކޯލިޝަނުން ވަކިވުމުން އިދިކޮޅަށް އެންމެ ފުރަތަމަށް މަރުހަބާ ކިޔާނީ ޕީޕީއެމް އިން ކަމަށެވެ.

އެއްބަސްވުމެއްގައި ސޮއި ކޮށްފައި ނުވާނެ: ހަސަން ލަތީފު

ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވަނީ، މީގެ ކުރިން ކޯލިޝަންގެ ލީޑަރުން ސޮއި ކުރައްވާފައިވާ އެއްބަސްވުމެއް ނޯންނާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވައިފަ އެވެ. ނަމަވެސް، އެމްޑީޕީ އާއި ރައީސް ސޯލިހުއާ ސޮއި ކުރައްވާފައިވާ ލިޔުމެއް ދާދި ފަހުން ވަނީ ލީކުވެފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

"ހުށަހެޅުމެއް އަޅުގަނޑުމެން ހުށަހެޅިން އެހެން ޕާޓީތަކުން އެއާ މެދު ދެކޭ ގޮތް ބަލަން. ކޯލިޝަންގެ ހުރިހާ ޕާޓީއަކުން އެއަކަށް އެއްބަހެއް ނުވި. އެކިއެކި ސަބަބުތަކާ ހުރެ އޭގެ ތެރެއިން ބައެއް ޕާޓީތަކަކަށް އެއްބަހެއް ނުވެވުނު. އެހެންވީމާ ކޯލިޝަންގެ މެދުގައި ގޮނޑިތައް ބަހާނެ ގޮތަކާ ބެހޭ ގޮތުން އެއްވެސް އެއްބަސްވުމެއްގައި މި ޕާޓީން ސޮއި ކޮށްފައެއް ނުވާނެ،" ހަސަން ލަތީފު ރޭ ވިދާޅުވި އެވެ.

އުފެދިފައިވާ ސުވާލަކީ، ޕާޓީތަކުގެ މެދުގައި އެއްބަސްވުމެއް ނެތް ނަމަ، ކޯލިޝަނެއް ދަމަހައްޓާނީ ކިހިނަކުންތޯ އެވެ. އަދި، އެއްބަސްވުމެއް އޮތް ކަމަށް އަދާލަތު ޕާޓީ އާއި އެމްއާރްއެމް އިން ބުނާ އިރު އެއްބަސްވުމެއް ނެތް ކަމަށް އެމްޑީޕީން ބުނަނީ ކީއްވެތޯ އެވެ.

ކޯލިޝަންގެ އެއްބައި ޕާޓީތަކުން އެއްބަސްވުމެއް އޮތް ކަމަށް ބުނާ އިރު އަދި އަނެއްބައި ޕާޓީތަކުން އެކަމާ ދެކޮޅު ހަދަ އެވެ. އެހެން ކަމުން ކޯލިޝަނުގައި ހަމަ ހަގީގަތުގައި ވެސް ރެނދު އެޅީތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

comment ކޮމެންޓް