ކޯލިޝަން ދެމި އޮންނާނެ ކަމަށް އުންމީދު ކުރަން، އެކަމަކު ގޯހުން ދަންޏާ ބަސް ބުނާނަން: ނާޒިމް

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް-- ސަން ފޮޓޯ

މިފަހަރު ސަރުކާރު ހިންގާ ކޯލިޝަން ދެމި އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ނަމަވެސް ކަންތައް ގޯސްކޮށް ދާނަމަ އަޑު އުފުއްލަވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ ފަސް މަންޒަަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްވަމުން މިރޭ ނާޒިމް ވިދާޅުވީ، ވެރިއެއްގެ ހުންނަން ޖެހޭ މުހިންމު ތިން ސިފަ އަކީ ތެދުވެރިކަމާއި ވަފާތެރިކަން ކަމަށެވެ. އަދި އެ ތިން ސިފަ ކޯލިޝަންގެ ލީޑަރުންގެ ނެތް ނަމަ، ކޯލިޝަނެއް ވެސް ދެމި ނޯންނާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ވެރިންގެ އިޚްލާސްތެރިކަމާއި، ތެދުވެރިކަމާއި ވަފާތެރިކަން މި ތިން ސިފަ، އަޅުގަނޑުމެންގެ ލީޑަރުންގެ ނެތިއްޖެއްޔާ މި ކޯލިޝަނެއް ނޯންނާނެ. އިޚްލާސްތެރިކަމާއި، ތެދުވެރިކަމާއި ވަފާތެރިކަމާ އެކު އަޅުގަނޑުމެން މި އެކުވި އެކުވުން އަޅުގަނޑުމެން އަބަދުވެސް ޖެހޭ ހަނދާނަން ގެންނަން،" ނާޒިމް ވިދާޅުވި އެވެ.

ކާނަލް ނާޒިމް ވިދާޅުވީ މީގެ ކުރީގައި ކޯލިޝަންތައް ރޫޅިފައި ވަނީ ބައެއް ބޭފުޅުންގެ އިޚްލާސްތެރިކަން ނެތުމުން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް، މިފަހަރު ކޯލިޝަން ދެމި އޮންނާނެ ކަމަގެ އުންމީދު އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުންމީދު އެބަ އޮތް މިފަހަރު. އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑު އުންމީދު ގެއްލުވައެއް ނުލަން. ކަމެއް ދިމާ ނުވާހާ ހިނދަކު އަޅުގަނޑު އުންމީދު ކުރާނަން. އަޅުގަނޑުމެން މަޑަކުން ނުތިބޭނަން. ކަންކަން ގޯހުން ދަންޏާ އަޅުގަނޑުމެން ބަސް ބުނާނަން. އަޅުގަނޑުމެން ރައްޔިތުންގެ ހައްގުގައި މިތިބީ. ރައްޔިތުންނަށް ހިދުމަތް ކުރަން އަޅުގަނޑުމެން މި ތިބީ. އެހެންވީމާ ރައްޔިތުންނަށް އުނދަގޫވާ ދަތިވާ ކަންކަން އަންނަންޏާ އަޅުގަނޑުމެން ނުކުންނާނަން. އަޅުގަނޑުމެން ބުނާނަން، ހައްގު ބަސް ބުނާކަށް ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑުމެން ކޯލިޝަނުގައި ތިބޭނަން ކަންތައްތައް ރަނގަޅަށް ދާހާ ހިނދަކު،" ނާޒިމް ވިދާޅުވި އެވެ.

މިރޭ ނާޒިމް އިތުރަށް ވިދާޅުވީ، ކެބިނެޓަށް ފޮނުވި ޖޭޕީގެ ފަސް ބޭފުޅުންނަކީ ވެސް އެކަށީގެންވާ ވަރަށް މަސައްކަތް ކުރައްވާނެ ބޭފުޅުން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މިރޭ ނާޒިމް ވަނީ އޭނާ މަޖިލީހަށް ކުރިމަތިލެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަން ވެސް ހާމަކުރައްްވާފަ އެވެ.

ނާޒިމްގެ ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި އޭނާގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ދިމާވި ސިއްހީ މައްސަލަތަކަށް ފަރުވާ ހޯއްދެވުމަށް މެލޭޝިއާގައި ހުންނަވަނިކޮށް ސުޕްރީމު ކޯޓުން ވަނީ ނާޒިމްގެ ހުކުމް ތަންފީޒު ކުރުން ފަސްކުރަން އަމުރުކޮށްފަ އެވެ. މި މަހުގެ ތެރޭގައި ރާއްޖެ ވަޑައިގެން އޭނާ ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އޭނާ އަކީ މިހާރު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރެއް ވެސްމެ އެވެ.

comment ކޮމެންޓް