ނަޝީދު ޖަވާބުދާރީކުރަން ސުވާލުކުރުމަކީ ނަފުރަތު އުފެއްދުމެއް ނޫން: ފިޔާޒު

ކުރީގެ ރައީސް ނަޝީދު(ކ) އަދި ރާއްޖޭ ޓީވީގެ ސީއޯއޯ ފިޔާޒު ---

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަވާބުދާރީ ކުރުވުމުގެ ގޮތުން ސުވާލުކުރުމަކީ ނަފުރަތު އުފެއްދުން ކަމަށް ނުދޭކަމަށް ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިޝަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވެއްޖެއެވެ.

ފިޔާޒު އެހެން ވިދާޅުވެފައި ވަނީ ރާއްޖޭ ޓީވީއަށް ދިން އިންޓަވިއުއެއްގައި އެ ޓީވީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދުގެ ހިޔާލުފުޅަށް އިހްތިރާމުކުރައްވާކަން ފާހަގަކޮށް ފިޔާޒުގެ ޓްވީޓްގައި ބުނެފައިވަނީ "އެމަނިކުފާނު ޖަވާބުދާރީ ކުރުވަން ސުވާލުކުރުމަކީ ނަފުރަތު އުފެއްދުންކަމަށް ނެދެކޭ" ކަމަށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރައްވާނެތޯ ރާއްޖޭޓީވީގެ ނޫސްވެރިޔާ ސުވާލުކުރުމުން ނަޝީދު ވިދާޅުވީ، ރާއްޖެ ޓީވީއިން ބޭނުން ވަނީ "ސެންސޭޝަން" (މީހުންގެ ސަމާލުކަން ލިބޭނެ ފަދަ ވާހަކަތައް) އުފެއްދުން ކަމަށެވެ.

https://sun.mv/111788

"އަޅުގަނޑަށްވެސް އިނގޭ ތިޔަބޭފުޅުން ބޭނުންވެވަޑައިގަންނަވަނީ ސެންސޭޝަންކަން. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުމާއި ފޯލްޓް ލައިނެއް ގެނައުންކަން. އެހެން ނަމަވެސް ގަބޫލުކުރައްވާ، ދެނެވަޑައިގަންނަވާ އަޅުގަނޑުމެންގެ [އެމަނިކުފާނާއި ރައީސް ސޯލިހުގެ] އަތްވެސް ނުގުޑާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ނޫސްވެރިންގެ ބޭނުމަކަށް ވާނީ ރައްޔިތުންގެ ހިތްތަކުގައި ގިނަ ސުވާލުތަކެއް އުފެއްދުމަށްކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑަށް އިނގޭ ނޫސްވެރިން ބޭނުންވެވަޑައިގަންނަވަނީ ރައްޔިތުންގެ ހިތްތަކުގައި ބައިވަރު ސުވާލުތަކެއް އުފެއްދުމަށްކަން. އަދި ތިޔަބޭފުޅުން ދެކެވަޑައިގަންނަވާ ނޫސްވެރިކަމުގެ ތެރޭގައި އެއީ ރަނގަޅު ކަމަކަށްވެސް ވެދާނެ. އެހެން ނަމަވެސް އަޅުގަނޑެއް އެ ދަރަޖައަކަށް ނުދާނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި ރާއްޖެއަށް ސިޔާސީ ހަމަޖެހުން ލިބިގެންދާނީ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ކަމަށެވެ. އެހެން ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފަސް އަހަރުގެ ދައުރެއް ލިބެންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް