އިބޫ އާއި ފައިސަލްގެ މެދުގައި އޮތް އިތުބާރު ދެބޭފުޅުންގެ ދުލުން

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް --- ސަންފޮޓޯ/ ފަޔާޒު މޫސާ

"ފައިސަލަށް އަޅުގަނޑު ފުރިހަމައަށް އިތުބާރު ކުރަން. އަޅުގަނޑު ނުދެކެން ފައިސަލް ރައްޔިތުންނަށް ބޭވަފާތެރިވާނެ ތަނެއް. ގާނޫނީ އިމުގެ ތެރޭގައި މަސައްކަތް ކުރައްވާނެ ކަމަށް އަޅުގަނޑު ދެކެނީ. ނައިބު ރައީސެއްގެ ގޮތުގައި އިންތިހާބު ކުރެވުނު ބޭފުޅަކު މަސައްކަތް ކުރައްވާނީ ނައިބު ރައީސެއްގެ ގޮތުގައި ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ." އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމަށް ކިހާވަރަކަށް އިތުބާރު ކުރައްވަންތޯ ސުވާލު ކުރުމުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ މިހެންނެވެ.

ރާއްޖޭގައި ރައީސުންނާއި ނައިބު ރައީސުންގެ މެދުގައި އޮންނަ އިތުބާރާއި ނައިބު ރައީސުން ރައީސުންނަށް ބޭވަފާތެރިވުމުގެ ވާހަކައަކީ ރައްޔިތުން ދަންނަ އަދި އެ ވާހަކަ އަބަދު ވެސް ދައްކާ ވާހަކަ އެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ އޭރު ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނަޝީދަށް ބޭވަފާތެރިވެވަޑައިގެން ކަމަށް ވެސް އެމްޑީޕީ ބޭފުޅުން ވިދާޅުވެ އެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު --- ސަންފޮޓޯ/ ފަޔާޒު މޫސާ

އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ތިން ނައިބު ރައީސުން އައްޔަން ކުރެވުނެވެ. ހަމަ ނައިބު ރައީސުންނަށް އިތުބާރު ނުކުރެވިގެންނެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވާ ގޮތުން އެކަން އެހެން ދިމާވަނީ ބައެއް ފަހަރު ނައިބު ރައީސުންނަށް އެއްވެސް މަސްއޫލިއްޔަތެއް ހަވާލު ނުކުރުމުން ނުވަތަ ހަވާލުކުރަންވާ ވަަރަށް ވުރެ ގިނަ މަސްއޫލިއްޔަތުތައް ހަވާލު ކުރުމުން ކަމަށެވެ.

"ނައިބު ރައީސުން ބޭވަފާތެރިވާ ވާހަކައިގާ ގާނޫނު އަސާސީއަށް އެބަޖެހޭ ބަލައިލަން. އަޅުގަނޑުމެންނަށް ނައިބު ރައީސެއްގެ ދައުރު ނެތް ތަފްސީލުކޮށް ލިޔެވިފައެއް ގާނޫނު އަސާސީގައި. އެހެންވީމަ ކުރަންވީ ކޮން ކަމެއް ކަމެއް ނުކުރަންވީ ކޮން ކަމެއް ކަން ނޭނގެ." އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އިބޫ ވިދާޅުވާ ގޮތުން ގާނޫނު އަސާސީގައި ނައިބު ރައީސުންގެ ދައުރު ތަފްސީލުކޮށް ލިޔެވިފައި އޮންނަން ޖެހެ އެވެ. މިހާރު ގާނޫނު އަސާސީގައި ލިޔެވިފައި އޮންނަނީ ނައިބު ރައީސްގެ ޒިންމާއަކީ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ މަސައްކަތެއް ކުރުމެވެ. އިބޫ ވިދާޅުވީ އެއަށް ވުރެ ތަފްސީލުކޮށް ނައިބު ރައީސްގެ ދައުރު ލިޔަން ޖެހޭ ކަމަށެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "ސަން"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ކަމެކޭ ނައިބު ރައީސް ކުރައްވަން ޖެހޭނީ. އެހެން އޮތީމާ އެކި ދައުރުގައި އެކި ގޮތް ނައިބު ރައީސުންނަށް ވެގެން މިދިޔައީ. ބައެއް ފަހަރު މާ ބައިވަރު ބާރުތަކެއް އެކެއްގެ އަތްމައްޗަށް ދެވިގެން ދިޔަ. އަނެއްބައި ފަހަރު އެއްވެސް ކަމެއް ހަވާލުނުކުރި ވާހަކަ އާއި އެއްޗިހި މި އަޑުއިވެނީ." އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯިހު ވިދާޅުވި އެވެ.

ގާނޫނު އަސާސީ ޑްރާފްކުރި އިރު އެ މަސައްކަތުގައި ވެސް އުޅުއްވި އިބޫ ވިދާޅުވީ ނައިބު ރައީސަކު ހުންނަން ޖެހޭ ކަމަށް ވަކާލާތު ކުރެއްވި އެއް ބޭފުޅަކީ އެމަނިކުފާނު ކަމަށެވެ. އެއީ ސަބަބުތަކެއް ހުރެގެން ކަމަށް އިބޫ ވިދާޅުވި އެވެ. ރިޔާސީ ނިޒާމެއްގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށާއި މިޑްޓާމް އިލެކްޝަނެއް އައިސްގެން ނުވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ފައިސަލްއަކީ ރައްޔިތުންގެ މަޖިލީހުގައި އަދި ޙާއްސަ މަޖިލީހުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅަކަށް ވާތީ ނައިބު ރައީސުންގެ މަސްއޫލިއްޔަތު މާ ބޮޑަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑު އެބޭފުޅަކު އިހުތިޔާރު ކުރާ ކަމަށް ވަންޏާ އަޅުގަނޑު ގައުމުގެ ވެރިއަކަށް އިހުތިޔާރު ކުރާނެ ފަރާތަކީ އިބްރާހިމް މުހައްމަދު ސޯލިހު." އިބޫއަށް އިތުބާރު ކުރައްވަންތޯ ސުވާލު ކުރުމުން އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ އިބޫގެ ސަރުކާރެއްގައި ދިވެހި ރައްޔިތުންގެ ވެރިކަމެއްގެ ގޮތުގައި މިގައުމު ހިންގައިދޭނެ ކަމުގެ 100 ޕަސެންޓް އިތުބާރު އެބައޮތް ކަމަސެވެ.

25 އޮކްޓޯބަރ 2018 ވަނަ ދުވަހު، އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމް، ސަން އޮންލައިންނަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފައިސަލް ވިދާޅުވީ އޭނާ އިބޫ ސިފަކުރާނީ ރާއްޖޭގެ ޕާލިމެންޓްރީ ހަޔާތުގައި ދެވަނައެއް ނުވާ ފަދަ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. މީހަކު މީހަކަށް އެންމެ ކަމުދާ ހުރިހާ ސިފައެއް އިބޫގެ އެބަހުރި ފައިސަލް ވިދާޅުވި އެވެ. އެއީ މީހުންގެ އިހުސާސްތައް އަޑުއެހުމާއި އިހުސާސްތައް ދެނެގަތުން ކަމަށްވީ ނަމަވެސް އިބޫއަކީ އެކަމުގައި މިސާލެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަކީ އާ ބޭފުޅެއް ނޫން އެއްގޮތަކަށް ވެސް އާ ބޭފުޅެއް ނޫން. ހާއްސަ މަޖިލީހުގައި އަޅުގަނޑާ ވަރަށް ގާތުން މަސައްކަތް ކުރެވުނު." ފައިސަލް ވިދާޅުވި އެވެ.

މިއަދު ރާއްޖޭގެ ވެރިކަމުގެ ހުވާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ނައިބު ރައީސް ކަމުގެ ހުވާ ފައިސަލް ނަސީމު ކުރައްވާއިރު ގައުމުގެ ހަމަ ޖެހުން ބިނާވެގެންވަނީ އެ ދެބޭފުޅުންގެ މެދުގައި އޮތް އިތުބާރުގެ ވެސް މައްޗަށެެވެ. ދެ ބޭފުޅުންގެ ވާހަކައިން އެކަކު އަނެކަކު ރަނގަޅަށް ދަނެ އިތުބާރު ކުރާކަން ހާމަވެ އެވެ.

comment ކޮމެންޓް