ބަޖެޓު މިވަނީ ނަހަލާލު ދަރިއަކަށް، ހަވާލުވާނެ މީހެއް ނެތް: ނާޝިދު

މިއަދު ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން --- ސަންފޮޓޯ/ އައުޝަން އިލިޔާސް

މި އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 29.7 ބިލިއަން ރުފިޔާގެ ބަޖެޓު ފެވައި މިވަނީ ނަހަލާލު ދަރިއަކަށް ކަމަށާއި ބަޖެޓާ ހަވާލުވާނެ ބަޔަކު ނެތް ކަމަށް މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ދިރާސާ ކުރުމަށް އެކުލަވާލާފައިވާ ކޮމިޓީގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ބަޖެޓަކީ މުޅިއަކުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވާ ގޮތަށް އެކުލަވާލާފައިވާ ބަޖެޓެއް ނޫން ކަމަށެވެ.

"ބައެއް މެމްބަރުންނަށް ހީވަނީ ކަންނޭނގެ މީ އަންނަން އޮތް ސަރުކާރުން އެކުލަވާލާފައި އޮތް ބަޖެޓެކޭ. ފިނޭންސް މިނިސްޓަރު ވެސް ވިދާޅުވި އެބޭފުޅުންގެ ބަޖެޓެކޭ މީ. އެހެނެއް ނޫން އަންނަން އޮތް ސަރުކާރާ މައުލޫމާތު ފުރިހަމައަށް ހިއްސާ ކުރީމޭ. އެކަމަކު މިއީ މިސަރުކާރުން އެކުލަވާލި މިސަރުކާރުގެ ފިނޭންސް މިނިސްޓަރުގެ ބަޖެޓެއް." އީވާ ވިދާޅުވި އެވެ.

މިއަދު ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން --- ސަންފޮޓޯ/ އައުޝަން އިލިޔާސް

އީވާ އެހެން ވިދާޅުވީ ޕީޕީއެމްގެ ބައެއް މެމްބަރުންގެ ވާހަކަފުޅުގައި މި ބަޖެޓަކީ އާ ސަރުކާރުން ބޭނުންވި ގޮތަށް ތައްޔާރު ކުރި ބަޖެޓެއް ކަމަށް ބުނަމުންދާތީ އެއަށް ރައްދުދެއްވަމުންނެވެ.

އެކަމާ ގުޅިގެން ނާޝިދު ވިދާޅުވީ 2019 ވަނަ އަހަރަށް ކަނޑައެޅިފައި އޮތް ބަޖެޓް ވެގެން މިދަނީ ނަހަލާލު ދަރިއަކަށް ކަމަށެވެ.

"މިއަކާ ހަވާލުވާނެ މީހެއް ނެތް. އެކަމަކު އަޅުގަނޑު ދަންނަވާފާނަން. އަޅުގަނޑަކީ ފައިނޭންސް ކޮމިޓީގައި އުޅުނު މީހެއްގެ ހައިސިއްޔަތުން މި ބަޖެޓުގައި އާ ސަރުކާރުގެ ހިމެނިފައި އޮތީ ހަމަ އެންމެ ކަމެއް. އެއީ މުޅި ބަޖެޓަށް ބަލަންޏާ 20 ވަރަކަށް ޕަސެންޓް." ނާޝިދު ވިދާޅުވި އެވެ.

ބަޖެޓުގައި އާ ސަރުކާރުން ކުރަން ބޭނުންވެގެން ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން ކުރަން ބޭނުންވި ކަންތައްތަކަކަށް ބޭނުންވާ ފައިސާ ބަޖެޓުގައި ޖެހި ކަމަށް ނާޝިދު ވިދާޅުވި އެވެ. އެހެން ހުރިހާ ކަމަކީ ކުރީގެ ސަރުކާރުން ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ބޭނުންވެގެން ބަޖެޓް ކުރި ފައިސާ ކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ.

މިއަދު ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން --- ސަންފޮޓޯ/ އައުޝަން އިލިޔާސް

"ނިއު އިނިޝިއޭޓީވް ޕްރޮގްރާމުގެ ދަށުން 2019 ވަނަ އަހަރަށް މި ބަޖެޓުގައި ކަނޑައަޅާފައި އޮތީ 825.7 މިލިއަން ރުފިޔާ. އެހެންވީމަ އެބަޔަކީ ކުރީގެ ސަރުކާރުގެ ވިސްނުން ހުރި އެއްޗެއް ވެސް ނޫން." ނާޝިދު ވިދާޅުވި އެވެ.

އެހެންވީމާ ދެ ސަރުކާރުން ބޭނުންވާ ގޮތަށް އެކުލަވާލާފައިވާ ބަޖެޓަކަށް އަލަށް އަންނަ ސަރުކާރުގެ ބައިވެރިވުމެއް ނެތެކޭ ނުބުނެވޭނެ ކަމަށް ނާޝިދު ވިދާޅުވި އެވެ. އެހެންނަމަވެސް އިބޫގެ ސަރުކާރުން މުޅި ބަޖެޓަކާ ވެސް ހަވާލެއް ނުވެވޭނެ ކަމަށް ނާޝިދު ވިދާޅުވި އެވެ.

ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނު ވިދާޅުވި މި ބަޖެޓު ވާންޖެހޭނީ އަންނަން އޮތް ސަރުކާރުން ބޭނުންވާ ކަންކަން ފުރިހަމަ ކުރެވޭނެ ބަޖެޓަކަށް ކަމަށެވެ. އެހެންވީމަ މުޅި ބަޖެޓުގެ އަކުރުތަކަށް ބަދަލު ގެންނަން ޖެހުނަސް އެކަން ކުރަން ޖަމީލް އުސްމާނު ލަފާ ދެއްވި އެވެ.

މިއަދު ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން --- ސަންފޮޓޯ/ އައުޝަން އިލިޔާސް

އާ ސަރުކާރުން ބަޖެޓަށް ޒިންމާ ނުނަގާތީ ފެދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވެސް ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. ވިދާޅުވީ ބަޖެޓުގެ "ބަލަދުވެރިއަކު ހޯދާފައި ނޫނީ ފާސްކޮށްގެން ނުވާނެ" ކަމަށެވެ.

"މީ 29 މިލިއަން ރުފިޔާގެ ބަޖެޓެއް. މި ބަޖެޓާ ހަވާލުވާނެ މީހެއް ނެތް ކަމަށް މިވަނީ. ދާ ސަރުކާރުން ހަވާލުވާކަަށް ބޭނުމެއް ނުވޭ. އަންނަ ސަރުކާރަކުން ވެސް ހަވާލުވާކަށް ބޭނުމެއް ނުވޭ. މީގެ ބައްޕައަކު ނެތް." އިބްރާހިމް ދީދީ ވިދާޅުވި އެވެ.

އިބްރާހިމް ދީދީ ވިދާޅުވީ ދައުލަތުގެ އެހާ ގިނަ ފައިސާ އެއްވެސް ބަޔަކު ޒިންމާ ނުވާ ގޮތަށް ކޮރަޕްޝަނަށް މަގުފަހިވާން ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. އެހެންވީމާ ބަޖެޓާ ހަވާލުވާނެ ބަޔަކު ހޯދުމަށް ފަހު ފާސް ކުރުމަށް އިބްރާހިމް ދީދީ ވިދާޅުވި އެވެ.

މިއަދު ބަޖެޓް ކޮމިޓީ ނިންމާލީ މާދަމާ 11 ޖަހާއިރު ކޮމިޓީ އިތުރު ބައްދަލުވުމެއް ބާއްވަން ތާވަލު ކުރުމަށް ފަހު އެވެ. އެ ބައްދަލުވުމަށް ފިނޭންސް މިނިސްޓްރީގެ ކުންފުނިތަކާ ބެހޭ ޑިޕާޓްމެންޓްގެ މީހުން ހާޒިރުކޮށް ސުވާލު ކުރުމަށް ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް