ޕީއެސްއެމްއިން އެލަވަންސް ކަނޑަން ހެދި އުސޫލު ބާތިލު: ޓްރައިބިއުނަލް

03 މެއި 2017: ޕީއެސްއެމްގެ ބައެއް ވެރިން---ފޮޓޯ/ ރައީސް އޮފީސް

ޕީއެސްއެމްގެ މުވައްޒަފުން ސަލާމާއި ޗުއްޓީގައި ހުންނަ އިރު އެލަވަންސުން ކެނޑޭ ގޮތަށް އެ ކުންފުނިން ހެދި އުސޫލު ބާތިލު ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބުނެފިއެވެ.

ޕީއެސްއެމްގެ މުވައްޒަފުން ސަލާމާއި ޗުއްޓީގައި ހުންނަ އިރު ސާވިސް އެލަވަންސުން ކެނޑޭ ގޮތަށް އެ ކުންފުނީގެ ގަވަނިން ބޯޑުން އުސޫލެއް ހެދީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

އަލަށް ހެދި އެ އުސޫލުގެ ދަށުން، މީގެ ކުރިން ޕީއެސްމްއެމްގައި ޕްރެޒެންޓަރެއް އަދި ޕްޑުއިސަރެއްގެ ގޮތުގައި މަސައްކަތް ކުރި މުހައްމަދު ޝަނޫނުގެ އެލަވަންސުން ކެނޑި މައްސަލަ އޭނާ ވަނީ ވަޒީފާއާ ބެހޭ ޓްރައިބުނަލަށް ހުށަހަޅާފައެވެ. އޭނާ ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ޕީއެސްއެމްއިން ނިންމި ނިންމުމަކީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި އޭނާއަށް ސާވިސް އެލަވަންސްގެ ގޮތުގައި ދޭން ޖެހޭ ކަމަށް ބުނާ 1،000 ރުފިޔާ ދިނުމަށް ކަނޑައަޅައި ދިނުމަށެވެ.

މިއަދު ވަޒީފާއާ ބެހޭ ޓްރައިބިނަލުން ނިންމި ނިންމުމުގައި ބުނެފައި ވަނީ ޝަނޫންގެ ސާވިސް އެލަވަންސުން ފައިސާ ކަނޑާފައިވާކަން އެނގެން އޮންނަ ކަމަށާއި، އެ ފައިސާ ކަނޑާފައި ވަނީ ވަޒީފާއާ ބެހޭޭ ގާނޫނުގެ 54 ވަނަ މާއްދާއާއި ދެ ފަރާތުގެ މެދުގައި ވެވުނު ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް ކަމަށް ބެލެވެން ނެތް ކަމަށެވެ.

އަދި ޕީއެސްއެމްއިން، މުވައްޒަފުން ސަލާމާއި ޗުއްޓީގައި ހުންނަ އިރު މުސާރައިން ކެނޑޭ ގޮތަށް އުސޫލަށް ގެނައި ބަދަލަކީވެސް ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ގެނެސްފައިވާ ބަދަލެއްކަމަށް ޓްރައިބިއުނަލުން ވަނީ ކަނޑައަޅާފައެވެ. އެހެން ކަމުން ޝަނޫންއަށް ޕީއެސްއެމްއިން ސާވިސް އެލަވަންސްގެ ގޮތުގައި ދޭން ޖެހޭ ފައިސާއިން ނުދީ ހުރި 200 ރުފިޔާ އޭނާއަށް ދިނުމަށް ޓްރައިބިއުނަލުން ވަނީ ކަނޑައަޅާފައެވެ.

ޝަނޫން ޕީއެސްއެމްއިން ވަކި ކުރި މައްސަލަވެސް އޭނާގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅިއެވެ. އެ މައްސަލަ ބެލުމަށްފަހު ޓްރައިބިއުނަލުން ނިންމީ ޝަނޫނަށް އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި އޭނާ ވަޒީފާއިން ވަކިކުރަން ނިންމާފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމްކުރުމަށްފަހު ކަމަށް ބަލާނެ ހަމައެއް ނެތް ކަމަށެވެ.

އަދި ވަޒީފާއާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާއަށް ރިއާޔަތްކޮށް ބަދަލުގެ ގޮތުގައި 59،700 ރުފިޔާ ޝަނޫނަށް ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ޕީއެސްއެމްއަށް އެންގިއެވެ. އޭގެ އިތުރުން ޝަނޫން ވަޒީފާ އަދާކުރި މުއްދަތުގައި މަސައްކަތްކުރި ދުވަސްތަކަށާއި ޗުއްޓީގެ ބާކީވާ މުއްދަތަށް ލިބެންޖެހޭ 1،673.28 ރުފިޔާ އޭނާއަށް ދިނުމަށް ވެސް އެންގިއެވެ.

comment ކޮމެންޓް