އެލެކްސެންޑްރިއާ އޮކާސިއޯ ކޯޓާސް: ކޮންގްރެސްއަށް އިންތިހާބުވި އެންމެ ޒުވާން އަންހެނާ

އެލެކްސެންޑްރިއާ އޮކާސިއޯ ކޯޓާޒް

އެލެކްސެންޑްރިއާ އޮކާސިއޯ ކޯޓާސް އެމެރިކާގެ ތާރީހުން ޖާގައެއް ހޯދައިފިއެވެ. އެގައުމުގެ ކޮންގްރެސް އަށް އިންތިހާބުވި އެންމެ ޒުވާން އަންހެނާގެ ގޮތުގައި އެލެކްސެންޑްރިއާ ކޮންގްރެސްގެ ގޮނޑި ކާމިޔާބު ކުރީ 78 ޕަސެންޓު ވޯޓާއެކު އެވެ.

މީގެ އަހަރެއްހައި ދުވަސް ކުރިއަށް ބަލާއިރު އެލެކްސެންޑްރިއާ، 29، އަހަރަކީ އަކީ އޭނާގެ އާއިލާގެ މުހުތާދުތައް ފުރިހަމަކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބާއެއްގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ.

އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްއަށް އޭނާ އިންތިހާބުވީ ސަޕޯޓަރުންގެ ބޮޑު ތާއީދަކާއެކުއެވެ. އިންތިހާބުން ލިބުނު ކާމިޔާބީއަށް ފަހު ސަޕޯޓަރުންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން އެލެކްސެންޑްރިއާ ވިދާޅުވީ މިއީ ގިނަބަޔަކު ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

އިންތިހާބުގައި ވާދަކުރަން ނިންމެވީ އެމެރިކާއަށް ބޭނުންވާ ޑިމޮކްރެޓިކް އަދި ސޯޝަލް ބަދަލު ގެނައުމަށް ކަމަށް އެލެކްސެންޑްރިއާ ވަނީ ވިދާޅުުވެފައެވެ.

އެލެކްސެންޑްރިއާގެ ބައްޕައަކީ "ސާފުކުރާ" އެއްގެ ވަޒީފާ އަދާކުރި މީހެކެވެ. އާދައިގެ އާއިލާއަކަށް ނިސްބަތްވި ނަމަވެސް ހައުސް އޮފް ރިޕްރެޒެންޓޭޓިވްސް ގެ ނިއުޔޯކް ސިޓީގެ ގޮނޑިއެއް އޭނާ އަށް ކާމިޔާބު ކުރެވުމަކީ އާދައިގެ ކަމެއް ނޫން ކަމަށް ރިޕޯޓުތައް ބުނެއެވެ. ހާއްސަކޮށް އިދިކޮޅުން ވާދަކުރި އެންތޮނީ ޕާޕާސް ބޮޑު ތަފާތަކުން ބަލި ކުރުމަކީ އެމެރިކާ އިން ބަދަލަކަށް ބޭނުންވާ މިންވަރު ހާމަވާ ކަމެއް ކަމަށް ބައެއް ހަބަރުތައް ބުނެއެވެ.

ޑިމޮކްރެޓިކް ޕާޓީ އިން ނިކުމެ އިންތިހާބު ކާމިޔާބު ކުރި އެލެކްސެންޑްރިއާ އަކީ މީގެ ކުރިން ރިޔާސީ އިންތިހާބުގައި ބާނީ ސެންޑާސް ވާދަކުރެއްވި އިރު ކެމްޕެއިނުގަައި އިސްކޮށް ހަރަކާތްތެރިވި މީހެކެވެ. ފަހުން ނޭޝަނަލް ހިސްޕެނިކް އިންސްޓިޓިއުޓްގައި ކިޔަވައިދޭންވެސް މަސައްކަތް ކުރެއްވިއެވެ.

އިންތިހާބުގައި ކުރެއްވި ކެމްޕެއިން އެލެކްސެންޑްރިއާ ބޮޑަށް އަމާޒުކުރެއްވީ އާދައިގެ މީހުންނަށެވެ. އެގޮތުން އިމިގްރޭޝަން، ޓިއުޝަން ފްރީ ކޮލެޖް، ވަޒީފާ، އެފޯޑެބަލް ހައުސިން ފަދަ މުހިއްމު ކަންތައްތައް ހައްލުކުރުމަށް ވަކާލާތުކޮށް ކެމްޕެއިނު ކުރެއްވިއެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވް އަށް އިންތިހާބުވި އެންމެ ޒުވާން އަންހެނާގެ އިތުރުން އެލެކްސެންޑްރިއާ އަކީ އޭނާގެ ދާއިރާ ނިއުޔޯކުގެ 14 ވަނަ ޑިސްޓްރިކްޓުގެ ހުރިހާ ރައްޔިތުން ތަމްސީލުވާނޭ ފަދަ ފުރަތަމަ މަންދޫބުވެސްމެއެވެ. އެގޮތުން "ވައިޓް" އެމެރިކަން ނަސްލަތް ނިސްބަތް ނުވާ އިމިގްރެންޓްސް ރަމްޒުކޮށްދޭ ނިއުޔޯކްގެ 14 ވަނަ ޑިސްޓްރިކްޓުގެ ފުރަތަމަ މަންދޫބުގެ ގޮތުގައިވެސް އެލެކްސެންޑްރިއާގެ ނަން ތާރީހުގައި ލިޔެވޭނެއެވެ.

މިފަހަރުގެ އިންތިހާބަކީ އެމެރިކާގެ ތާރީހުގައި އިތުރު ގޮތްގޮތުންވެސް ފާހަގަ ކުރެވޭ އިންތިހާބެކެވެ. އެގޮތުން ގިނަ އަދަދެއްގެ އަންހެނުން ވަނީ މިފަހަރުގެ އިންތިހާބުގައި ވާދަކޮށް ގޮނޑިތައް ކާމިޔާބު ކުރައްވައިފައެވެ. އޭގެ ތެރޭގައި މުސްލިމު އަންހެނުންވެސް ފާހަގަ ކުރެވެއެވެ.

comment ކޮމެންޓް