ބައިސްކޯފު: ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާއަށް އިތުރުވާ އާ ބޮޅެއް!

އަލަށް ތައާރަފްކުރާ އެޕްލިކޭޝަން "ބައިސްކޯފު"---

ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެންނާނެ "މަލްޓި އެންޓަޓެއިން" އެޕްލިކޭޝަން "ބައިސްކޯފު" އަންނަ ހޯމަ ދުވަހު ރިލީޒް ކުރުމަށް ނިންމައިފިއެވެ.

"ސަން" އަށް މައުލޫމާތު ދެމުން އެ "ބައިސްކޯފު"ގެ ކްރިއޭޓިވް ޑައިރެކްޓަރު އަބްދުﷲ ހާފިޒު ބުނީ، އެޕް ލޯންޗުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި "ބައިސްކޯފު" ލޯންޗުކުރާނީ ކުލަގަދަ ހަފްލާ އަކާއެކު ކަމަށެވެ.

"ބައިސްކޯފު" އަކީ ގިނަ ކެޓަގަރީތަކެއް ހިމެނޭގޮތަށް ރާއްޖޭގެ ފިލްމު އިންޑަސްޓްރީއަށް މިހާތަނަށް އައިސްފައިނުވާ ތަފާތު އެޕްލިކޭޝަނެކެވެ.

"އެޕަލް އާއި އެންޑްރޮއިޑަށް ވެސް އެޕް ލިބޭނެ. މިވާނީ ތަފާތު މޮޅު އެޕްލިކޭޝަނަކަށް. މިއީ ފިލްމީދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް،"

"ބައިސްކޯފު" އެޕްލިކޭޝަން ރޭވިފައިވަނީ ގިނަ ކެޓަގަރީތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ކުރީގެ ދިވެހި ފިލްމުތަކާއި ލަވަތައް ވެސް ފަސޭހަކަމާއެކު ބަލާލެވޭއިރު ދިވެހި ޗެނަލްތައްވެސް ލައިވްކޮށް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ކުޑަކުދިންނަށް ހާއްސަ ކެޓަގަރީ އެއް ހިމެނޭއިރު ވާހަކަ އަޑުއަހާލެވޭނެ ކެޓަގަރީއެއްވެސް ހިމެނެއެވެ.

"ހުވާ" ވާނީ "ބައިސްކޯފު" އިން ދައްކާ ފުރަތަމަ ވެބް ސީރީޒަށް....

"ބައިސްކޯފު" ލޯންޗުކުރުމަށް ތައްޔާރުވަމުން އަންނައިރު މި އެޕްލިކޭޝަނަށް އަންނާނެ ފުރަތަމަ ވެބް ސީރީޒް އަކީ ކާމިޔާބު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ "ހުވާ" އެވެ.

ހާފިޒު ބުނީ އެޕްލިކޭޝަން ލޯންޗުކުރާއިރު ފުރަތަމަ ދައްކާ ވެބް ސީރީޒް އަކަށް ނަހުލާގެ "ހުވާ" ވުމަކީ "ބައިސްކޯފު" އަށް ވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އެޕްލިކޭޝަން ލޯންޗުކުރާ ހަފްލާއަށް ގިނަ ފިލްމީތަރިންނާއި މިއުޒިކްގެ ދާއިރާގައި ފާހަގަކޮށްލެވޭ ބައިވެރިވާނެ ކަމަށް ވެސް ހާފިޒު ބުންޏެވެ.

މިއަހަރު ބާއްވަން ހަމަޖެހިފައިވާ ނުވަ ވަނަ ފިލްމު އެވޯޑު ކެންސަލުވި ނަމަވެސް އަލަށް ތައާރަފްވާ "ބައިސްކޯފު" ރިލީޒްކުރާ ދުވަސްވެގެންދާނީ ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާއަށް އިތުރުވާ އާ ބޮޅަކަށެވެ.

comment ކޮމެންޓް