އަޑުގެ ބޭސްފަރުވާއަށް ނިއުމާ ބެންކޮކަށް!

ފިލްމީ ތަރި ނިއުމާ....

ގިނަ ދުވަސްތަކެއް ވަންދެން ރޯގާ ޖެހި އަޑު ނައިސްގެން އުޅުމަށްފަހު އަޑުގެ އިތުރު ބޭސްފަރުވާއަށް، މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދު ބެންކޮކަށް ހިންގައްޖެއެވެ.

ހަބަރުތައް ލިބިފައިވާ ގޮތުގައި ނިއުމާ ބެންކޮކަށް ގޮސްފައިވަނީ އިއްޔެއެވެ. ނިއުމާގެ "ވޮއިސް ބޮކްސް" ހަލާކުވިފަހުން ހަތަރު ވަރަކަށް މަސް ވާން ކައިރިވެދާނެއެވެ.

ނިއުމާގެ އެންމެ ގާތް އެކުވެރިޔާ އަދި ފިލްމީ ތަރި ޒީނަތު އައްބާސް ވަނީ ނިއުމާ އަޑުގެ ބޭސްފަރުވާއަށް ބެންކޮކަށް ދިޔަ ކަން "ސަން" އަށް ޔަގީން ކޮށްދީފައެވެ. ތަންކޮޅެއް ކުރީ ދުވަހެއްގައި އައިސް ޓީވީން ދެއްކި "ވަރަށް ވާހަކަ" ޝޯގެ ތެރެއިން ނިއުމާ ބޭރަށް ދާން އުޅޭ ކަމުގެ އިޝާރާތެއް ޒީނަތު ވަނީ ދީފައެވެ.

"އިއްޔެ ނިއުމާ ދިޔައީ، މާލޭގެ ޑޮކްޓަރުންނަށް ވެސް އެކި ފަހަރު މަތިން ދެއްކި، އެކަމަކު ރަނގަޅު ވާގޮތެއް ނުވީމަ އަނެއްކާ ވެސް ބޭރަށް ދިޔައީ،" ނިއުމާގެ އެންމެ ފަހު "ނިވައިރޯޅި"ގެ ޕްރޮޑަކްޝަން މެނޭޖަރު ކަން ވެސް ކުރަމުން އަންނަ ޒީނަތު ކިޔައިދިނެވެ.

މީގެ ކުރިން މާލޭގެ އިތުރުން އަވަށްޓެރި ސްރީ ލަންކާގެ ހޮސްޕިޓަލަކަށް ވެސް ނިއުމާ ވަނީ ޑޮކްޓަރަށް ދައްކާފައެވެ.

އިތުރަށް ވާހަކަ ދައްކަމުން ޒީނަތު ބުނީ، މިއަދު ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ފަށާނެ ކަމަށް، ނިއުމާ ބުނި ކަމަށެވެ. ނިއުމާ ދައްކަނީ ބެންކޮކްގެ ކޮން ހޮސްޕިޓަލަކަށް ކަމެއް އެނގިފައެއް ނުވެއެވެ.

"ނިވައިރޯޅި"ގެ ޝޫޓިން ނިމި މިދިޔަ މަހުގެ 15 ވަނަ ދުވަހަށް ފުރަތަމަ ފިލްމު އަޅުވަން ތާވަލްކޮށްފައި އޮއްވާ ނިއުމާ ރޯގާ ޖެހި އަޑު ގެއްލުމުގެ ސަބަބުން ފިލްމަށް އަޑު ނޭޅިގެން ޖެހުނީ ފިލްމު އެޅުވުން ފަސް ކުރާށެވެ. މިހާރު އެ ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ ތިން ވަނަ ދުވަހުއެވެ.

އަޑުގެ ބޭސްފަރުވާއަށް މިވަގުތު ބެންކޮކްގައި ހުރި ނިއުމާ ފަރުވާއަށް ފަހު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ކަމަށް ޒީނަތު ބުންޏެވެ.

comment ކޮމެންޓް