މިފްކޯއަށް އެހީގެ ގޮތުގައި 529 މިލިއަން ރުފިޔާ

އެސްޓީއޯ އާއި މިފްކޯގެ އިސްވެރިން އެސްޓީއޯ ހެޑު އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ލިމިޓެޑް ކޮމްޕެނީ (މިފްކޯ) އަށް މިފަސް އަހަރުގެ ތެރޭގައި 529 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ އެހީގެ ގޮތުގައި ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ދުނިޔޭގެ ބާޒާރުގައި ފިނިކުރި މަހުގެ އަގު ދަށަށް ދާދިއުމުގެ ސަބަބުން އެކުންފުންޏަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް މަޝްވަރާކުރެވި މިދިޔަ ސެޕްޓެމްބަރު މަހު ތިން މަސްދުވަހުގެ މުހުލަތެއް ދީފައިވާ ކަަމަށެވެ.

"މިދެންނެވި ތިން މަސްދުވަހުގެ ތެރޭ މަސްގަތުމަށް އިތުރަށް ބޭނުންވާ ފައިސާ މިފްކޯއަށް ދިނުމުގެ ގޮތުން 100 މިލިއަން ރުފިޔާގެ ފަންޑެއް ހަދައި އެ ފަންޑަށް ސަރުކާރުން ލޯނުގެ ގޮތުގައި 50 މިލިއަން ރުފިޔާ ލުމަށް އެއްބަސްވެފައިވާތީ އާއި އެ ފައިސާ، އެ ފަރާތްތަކަށް 50 މިލިއަން ރުފިޔާގެ ލޯނެއް ދިނުމަށް 5 ސެޕްޓެމްބަރު 2018 ވަނަ ދުވަހު ސޮއިކުރެވިފައި ވެެއެވެ،" ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އެގޮތުން އެ ލޯނާއި ގުޅޭ 15 މިލިއަން ރުފިޔާ ސެޕްޓެމްބަރު 2018 އަދި 10 މިލިއަން ރުފިޔާ އޮކްޓޯބަރު 2018 ގައި ދޫކޮށްގައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ފިނޭންސް މިނިސްޓްރީން އިތުރަށް ބުނީ މިފްކޯ ހަރުދަނާކޮށް މާލީ ހާލަތު ރަނގަޅު ކުރުމަށް 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް 141،546،211 މިލިއަން ރުފިޔާ ކެޕިޓަލްގެ ގޮތުގައި ދީފައިވާ ކަމަށެވެ.

އަދި މިފްކޯ އެސްޓިއޯގެ ދަށަށް ބަަދަލުކުރެވި ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން މާލީ ބަޔާނުގައިވާ ނެގެޓިވް ރައުސުލްމާލާމެދު އޮޑިޓަރުން ސުވާލު އުފައްދައިފައިވާތީ އެކަން ހައްލުކުރުމުގެ ގޮތުން މިދޔަ އޭޕްރީލްއާ ހަމައަށް 333،632،256 މިލިއަން ރުފިޔާ މިފްކޯއަށް ދޫކޮށްފައިވާ ކަމަށްވެސް ފިނޭންސުން ބުންޏެވެ. އަދި ބުނީ އެ ފައިސާއާއެކު މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލުކުރިއިރު ދަރަނީގެ ގޮތުގައި ހުރި ފައިސާ އެއްކޮށް ދައްކައި ނިންމައިފައިވާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް