ކްރިމިނަލް ކޯޓުން ހަސަން ސައީދު މިނިވަން ކޮށްފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޖުުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިން ކޯޓަށް ހާޒިރު ކުރުމަށްޓަކައި މާލެ ގެންނަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ނެރުނު އަމުރާ ގުޅިގެން ހައްޔަރު ކުރި ކުރީގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ކްރިމިނަލް ކޯޓުން މިއަދު މިނިވަން ކޮށްފި އެވެ.

ހަތަރު މަހާއި 24 ދުވަހަށް ހަސަން ސައީދު ޖަލަށް ލާން ހުކުމް ކުރީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު އެވެ. އެ މުއްދަތު ވަނީ ހަމަވެފަ އެވެ.

ކްރިމިނަލް ކޯޓުން އޭނާ މިއަދު ދޫކޮށްލީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މައްސަލައެއްގައި ބަންދު ރިވިއު ކުރުމަށް ފަހުކަން ވަނީ އެނގިފަ އެވެ.

ހަސަން ސައީދު ހައްޔަރުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުގެ ތެރެއިންނެވެ. އޭނާ ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާގެ މައްޗަށް އުފުލާފައިވާ ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އެވެ.

އެމައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ނެރުނު އަމުރާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު އެވެ. އެހެން އެންމެން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

comment ކޮމެންޓް